ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު، ރަތް ކުލައިގެ ޖެކެޓެއް ލައިގެން ވިލިމާލޭގެ އެކި ހިސާބުތަކުން އެ މީހުން ފެންނާނެ އެވެ. މުސްކުޅިންނާއި ބަލި މީހުންގެ ގޭގެ އަށް ޒިޔާރަތްކޮށް، އެ މީހުންގެ ހާލު ބަލާނެ އެވެ. ވިލިމާލޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުންތައް އަހާނެ އެވެ. މިކަމުގައި ވެސް އެންމެ ހާއްސަ ކަމަކީ ވަކި މީހަކު އިސްތިސްނާ ކުރުމެއްނެތި، ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ވެސް ބައިވެރިވުމެވެ. މިއީ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ވިލިމާލެ ޔުނިޓް، ވިލިޖޯލީގެ ވާހަކަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މި ވިލިޖޯލީގެ މައިގަނޑު މަސައްކަތަކީ މުޖުތަމައުގައި ބަލި ތިބި މީހުން ކުރީ ސަފަށް ނެރެ މުޖުތަމައުގެ މައްސަލަތައް ހައްލުކުރުމެވެ. ވިލިޖޯލީން އަންނަނީ ރަށު ތެރެ ސާފުކުރުމާއި އެ ޔުނިޓުގެ ވޮލެންޓިއަރުންގެ ހުނަރު ތަރައްގީކުރުމުގެ އެކި ޕްރޮގްރާމުތައް ހިންގަމުންނެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ހާލު ބެލުމަށް "ކޮބާ، ހާލު ކިހިނެއް؟" ފަދަ ނަންނަމުގައި ވެސް ހަރަކާތްތައް ހިންގަ އެވެ. މި ކަންތައްތަކުގައި ވެސް އެންމެ ފާހަގަކޮށްލެވެނީ ވޮލެންޓިއަރުންގެ ގޮތުގައި އެ ޔުނިޓުގައި މަަސައްކަތް ކުރަމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުމެވެ.

ވިލިޖޯލީގެ ވޮލެންޓިއަރުން.-- ފޮޓޯ:ފޭސްބުކް
ވިލިޖޯލީގެ ވޮލެންޓިއަރުން.-- ފޮޓޯ:ފޭސްބުކް

މި ވޮލެންޓިއަރުންގެ ތެރެއިން މުހައްމަދު ހާލިދު، 40، އަކީ މާލޭގައި ދިރިއުޅެމުން އަންނަ މީހެކެވެ. ހިނގައިއުޅުމަށް ނުކުޅެދިފައިވާތީ ފުރޮޅުލީ ގޮނޑިއެއްގައި އިށީނދެ އިން ނަމަވެސް، ވިލިޖޯލީގެ މަސައްކަތްތަކުގައި ބައިވެރިވުމަކީ އޭނާ އަށް ލިބޭ އެންމެ ބޮޑު އުފަލެެވެ. ފެރީން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ވިލިނގިއްޔަށް ގޮސް، އެންމެންނާ އެކު މަސައްކަތްތަކުގައި ބައިވެރިވެ އެވެ.

"ވަރަށް އުފާވޭ މިކަހަލަ ފުރުސަތެއް ލިބުނީމަ. ހަފުތާގެ ތެރޭގައި އެންމެ އިންތިޒާރުކުރަނީ ހުކުރު ދުވަހަށް،" އުނދަގޫތަކަކާ އެކު ވާހަކަދައްކަމުން ހާލިދު ބުންޏެވެ.

ވިލިމާލެ އަކީ ސާފުތާހިރު ތަނަކަށް ހެދުމަށް ބޭއްވި ސާފުކުރުމުގެ ޕްރޮގްރާމުގެ ދަށުން އެއްކުރި ކުނިތަކަކާ އެކު، އެ ޔުނިޓުގެ ވޮލެންޓިއަރުން ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ:ފޭސްބުކް
ވިލިމާލެ އަކީ ސާފުތާހިރު ތަނަކަށް ހެދުމަށް ބޭއްވި ސާފުކުރުމުގެ ޕްރޮގްރާމުގެ ދަށުން އެއްކުރި ކުނިތަކަކާ އެކު، އެ ޔުނިޓުގެ ވޮލެންޓިއަރުން ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ:ފޭސްބުކް

މި ޒުވާނުންގެ ތެރެއިން ވެސް އެންމެ ހެޔޮ ބަދަލެއް އައީ މިރުޒާ މުނީރު، 23، އަށެވެ. ހަޔާތުގެ ބޮޑު ބައި ގޭތެރޭގައި އުޅުނު މުނީރު، ބޭރުތެރެއަށް ނިކުންނަން ފަށައި، މީހުންނާ ބައްދަލުވެ، އަމިއްލަ ނަފުސަށް އިތުބާރުކުރަން ފެށި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ތެރެއިން މިރުޒާ އަށް ވަނީ އެމްޓީސީސީން ވަޒީފާ ވެސް ލިބިފަ އެެވެ.

"ވަރަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ. ކުރިން ހިތަށް އަރާ މިގޮތަށް ނުހިނގޭ މީހަކު ޖެހޭނީ ގޭގައޭ އޮންނަން. އަމިއްލަ ނަފުސަށް އިތުބާރެއް ނުކުރެވޭ. އެކަމަކު މިހާރު ލައިފް އެއްކޮށް ބަދަލުވެއްޖެ. މިހާރު އަމިއްލަ އަށް ވެސް ވިސްނާލެވޭ ކޮންމެ މީހަކީ ވެސް ބޭނުންތެރި، އެ މީހެއްގެ ލެވެލް އިން މުޖުތަމައުއަށް ހިދުމަތެއް ކޮށްދެވިދާނެ މީހެއްކަން،" ވިލިމާލޭ ފެރީ ޓާމިނަލްގައި މަސައްކަތް ކުރަމުން އަންނަ މިރުޒާ ބުންޏެވެ.

ވިިލިޖޯލީގެ ވޮލެންޓިއަރުންނާއެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: ފޭސްބުކް
ވިިލިޖޯލީގެ ވޮލެންޓިއަރުންނާއެކު ސެލްފީއެއް ނަގަނީ.-- ފޮޓޯ: ފޭސްބުކް

މި ދެ މީހުންނެކޭ އެއްގޮތަށް، މި ހަރަކާތްތަކުގައި އެހީތެރިވެދެމުން އަންނަ އެހެން ވޮލެންޓިއަރުންގެ ވާހަކަތައް ވެސް ހަމަ އެއްގޮތެވެ.

"ވަރަށް އުފާވޭ ވިލިޖޯލިން މިކަހަލަ ކަމެއް ކުރިއަށް ގެންދާތީ. މުޅިން އާ ކަންތައްތައް ދަސްވެގެން މިދަނީ. މިސާލަކަށް މީހުންގެ ތެރެއަށް ނިކުމެ އުޅުމާއި މީހުންނާ މުއާމަލާތް ކުރުން ފަދަ ކަންތައްތައް. ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ލުކްފޯވާޑް ކުރާ ދުވަހަކީ މިއީ (ހުކުރު ދުވަސް). ދިރިއުޅުމަށް މިއައި ބަދަލުތައް، މިހެން ބުނެ ވެސް ނުދެވޭނެ. ރެޑް ކްރެސެންޓާއި ވިލިޖޯލި ވެފައި ވަނީ ހަޔާތުގައި ވަރަށް މުހިއްމު ބަޔަކަށް މިހާރު،" އެ ޔުނިޓް އުފެދުނީއްސުރެ ވޮލެންޓިއަ ކުރަމުން އަންނަ މުހައްމަދު ނަޒީފު ބުންޏެވެ.

ވިިލިޖޯއްޔަށް އެއް އަހަރު ފުރުމާ ގުޅިގެން މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތެ.-- ފޮޓޯ: ވިލިޖޯލި
ވިިލިޖޯއްޔަށް އެއް އަހަރު ފުރުމާ ގުޅިގެން މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތެ.-- ފޮޓޯ: ވިލިޖޯލި

ވިލިޖޯލީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުހައްމަދު ޝިހާބު ވިދާޅުވި ގޮތުގައި އެ ޔުނިޓުގެ ވޮލެންޓިއަރުންނަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުން އާދެ އެވެ. އެގޮތުން ލީޑަޝިޕާއި ތަފާތު ކުޅިވަރުގެ ހުނަރުތައް ދަސްކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމާއި އެ ހުރިހާ ކުދިންނަށް ވެސް މުޅިން އާ ތަޖުރިބާއެއް ކުރެވިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބާސްކެޓް ބޯޅައިގެ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ އެހީއާ އެކު ކުރިއަށް ގެންދިޔައިން ބާސްކެޓްގެ ސެޝަނެއް. ބައެއް ކުދިން ބުނި އޭނާގެ ހަޔާތުގައި އަދި އަލަށޭ ބޯޅައެއްގައި އަތް މި ލެވުނީ. ދެން ފާހަގަކޮށްލެވޭ އެކި މީހުން ގެނެސްގެން، ކާމިޔާބީއާ ހަމައަށް ދެވޭއިރު ދިމާވާނެ އެކި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް ވާހަކަދެއްކިން،" ޝިހާބު ވިދާޅުވި އެވެ.

"އެކި ހަފުތާ އެކި ހަރަކާތްތައް މި ހިންގަނީ. މިސާލަކަށް މި ހަފުތާގައި ސާފުކުރުމުގެ ހަރަކާތެއް ގެންގޮސްފިއްޔާ އޭގެ އަނެއް ހަފުތާގައި، ފާހަގަކޮށްލެވޭ މީހެއް ގެނެސްގެން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފާނެ. މިއީ މިހެން ދިމާވާ އެކި މީހުންގެ ފަރާތުން ލިބޭ ހިޔާލުތައް. އެ ކަންތައްތައް މި ކުރިއަށް ގެންދަނީ."

ވިލިޖޯލިން ބޭއްވި ސެޝަނެއްގެ ތެރެއިން.-- ފޮޓޯ: ވިލިޖޯލި
ވިލިޖޯލިން ބޭއްވި ސެޝަނެއްގެ ތެރެއިން.-- ފޮޓޯ: ވިލިޖޯލި

ވިލިޖޯލީގެ މަސައްކަތްތައް ފެށިތާ ހަތަރު މަސް ދުވަސް ވެސް ނުވަނީސް، އެ ޔުނިޓުގެ މަސައްކަތްތައް ބަލައިގަނެ ރެޑް ކްރެސެންޓުން ވަނީ އަގުވަޒަންކުރުމުގެ އެވޯޑެއް ދީފަ އެވެ. އެ އެވޯޑު ލިބުމުގައި ވެސް އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ، ކުރިން މުޖުތަމައުން ބާކީކޮށްފައި ތިބި މި ޒުވާނުންނެވެ.

ޝިހާބު ވިދާޅުވީ ވިލިމާލެ އަށް ދިމާވާ އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައި، އެއީ އެންމެންނާ ވެސް ގުޅޭ މާހައުލަކަށް ބަދަލުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަމުގައި ހުރިހާ އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުންތެރިކަމަކީ މުޖުތަމައުއަށް އެހީއެއް ދިނުމުގެ ހުރަހަކަށް ނުވެ އެވެ. އެކަން މި 15 ވަރަކަށް ވޮލެންޓިއަރުންގެ ފަރާތުން ވަރަށް ރީއްޗަށް ސާފުވެގެން ދެ އެވެ.