އެހެން ރަށެއްގައި އެކަނިމާއެކަނި 40 އަހަރު!

އުމުރުން މިހާރު 78 އަހަރު ވެފައިވާ އަލިތަކުރާ އެންމެ ފުރަތަމަ އޭނާ ދިމާވީ މީގެ 19 ވަރަކަށް އަހަރު ކުރިންނެވެ. އެ ދުވަހު އަލިތަކުރު އޮތީ، ސ. ހުޅުދޫގެ އަތިރިމަތީ ކުނާގަނޑެއްގެ މަތީގައި އޮށޯވެގެންނެވެ. ކައިރީގައި ފެން ފުޅިއަކާއި ކޮތަޅެއްގައި ބޭސްކޮޅެއް ހުއްޓެވެ. މީހާއަށް އޮތީ ފާނަބަސަންދު ޖެހިފަ އެވެ.


ހަމަ އެ ދުވަހު އަލީ އަންވަރު އެކަން ރަށު އޮފީހަށް އެންގި އެވެ. ރަށުގެ ވެރިން ގާތު އޭނާ ބުނީ "ކޮންމެވެސް ދުވަހަކުން އަދި މި މީހާ ދަތިހާލުގައި އުޅޭތަން އަންނާނެ" ކަމަށެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެނައުމަށް އޭރުއްސުރެ އަންވަރު ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

އަލިތަކުރުގެ ވާހަކަ އަނެއްކާވެސް އާއްމުންގެ ތެރޭގައި ދެކެވި، ސަރުކާރުގެ ސަމާލުކަމަށް މިއައީ އަހަރުތަކެއް ފަހުން ފޭސްބުކްގައި އަންވަރު ޖެހި ޕޯސްޓަކުންނެވެ. އަލިތަކުރުގެ ދެތިން ފޮޓޯއާ އެކު ނިކަމެތި އެ މީހާގެ ހާލުގެ ވާހަކަ އޭނާ ވަނީ ފޭސްބުކްގައި ޝާއިއުކޮށްފަ އެވެ.

އެ ޕޯސްޓުގައިވާ ގޮތުން، އަޑުއިވުމުން މަހުރޫމްވެފައިވާ އަލިތަކުރު އެހާލުގައި އެކަނިމާއެކަނި އުޅޭތާ 40 އަހަރު ވެއްޖެ އެވެ. އޭނާގެ އަތްބެއް ދަރިއެއް ނެތެވެ. ގާތް ބަޔަކު ވެސް ނެތެވެ.

"މިހާރު"އާ ވާހަކަ ދައްކަމުން އަންވަރު ބުނިގޮތުގައި ލ. ފޮނަދުއަށް އުފަން އަލިތަކުރު ހުޅުދުއަށް ހިޖުރަކުރީ، 1978 ގައި އޭނާ މަސައްކަތްކުރި ތ. ތިމަރަފުށީގެ ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދުފުޅު، (މިހާރު ނިޔާވެފައި) ހުޅުދޫގައި ބަން ބޯޓެއްގެ މަސައްކަތުގަ އެވެ. މުހައްމަދުފުޅުގެ އެހެން ބޯޓެއްގައި ކުރިން ކައްކާއަކަށް މަސައްކަތް ކުރި އަލިތަކުރު، ހުޅުދުއަށް ބަދަލުވެގެން އުޅުނީ ބޯޓުގެ ވަޑިންނަށް ކައްކައި ދިނުމަށެވެ. ބޯޓުގެ މަސައްކަތް ނިމި އެންމެން ރަށުން ފައިބައިގެން ދިޔަ ނަމަވެސް، އޭނާ ހުޅުދޫގައި މަޑުކުރީ އެވެ.

އެ ދުވަސްވަރު ރާއްޖޭގައި ބަން އެންމެ ބޮޑު އެއް ބޯޓު ކަމަށް ބެލެވުނު ބޯޓު ވެސް، ތަފާތު ހުރަސްތައް ދިމާވެ، ނުބާލާ އެތައް އަހަރެއް ވަންދެން ބެހެއްޓި އެވެ. އެހެންކަމުން ބޮޑަށް ލަފާކުރެވެނީ އެ ބޯޓުގެ ކަންކަމުގައި އޭނާ އެ ރަށުގައި ހުންނަން ޖެހުނީ ކަމަށެވެ. ދެން ފަހުން ހުޅުދޫ ދޫކޮށް ދާން ބޭނުންނުވީ ކަމަށް ވެސް ވެދާނެ އެވެ.

އަލިތަކުރު އުޅޭ ގެ ކައިރީ މަޑުކޮށްލައިގެން: އޭނާއަކީ ވާހަކަ ނުދެއްކޭ މީހެއް

އޭރުއްސުރެ އޭނާ ދިރިއުޅުނީ އެ ރަށު ފަޅުގެއެއްގައި އެކަނިމާއެކަންޏެވެ. މި ހުރިހާ ދުވަހަކު ކައިބޮއި އުޅުނީ ހެދިކާ ހަދައިގެން ވިއްކައިގެންނާއި މަގުމަތި ސާފުކޮށްގެންނާއި މީހުންގެ ގޭގެއަށް ގޮސް މަސައްކަތް ކޮށްދީގެންނެވެ. ދުވަހަކު ވެސް މީހަކާ ނީންނައިރު ގައިގެ ބާރު ދެރަވަންދެން އޭނާ އެ ރަށުގައި ދިރިއުޅުނީ އެ ފަދަ ކުދި މަސައްކަތްތައް ކޮށްގެންނެވެ.

މީގެ އަހަރުތަކެއް ކުރިން، ބަލި ހާލުގައި އަތިރިމަތީގައި އޮތް ތަން ފެނުނު ފަހުން، އަންވަރާއި ހުޅުދޫގެ ބައެއް މީހުން އަންނަނީ އަލިތަކުރަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. އެގޮތުން އެ މީހުން އެންމެ ފުރަތަމަ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ޖާގައެއް ލިބޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު އެކި ދުވަސްމަތިން ކުރި އެ މަސައްކަތް ނާކާމިިޔާބުވީ މަރުކަޒުގައި ޖާގަ ނެތް ކަމަށް ކަމާ ބެހޭ ފަރާތްތަކުން އެންގުމުންނެވެ.

ސަރުކާރުގެ ހިމާޔަތެއް އޭރު ނުލިބުމުން ދެން އަންވަރުމެން މަސައްކަތް ކުރީ ލ. އަތޮޅުގައި އޭނާގެ ގާތް މީހަކު ހުރިތޯ ބެލުމަށެވެ. އޭރު ބެލިބެލުމުން، އޭނައާ ތިމާގެ އެކަމަކު އުމުރުން ވަރަށް ދުވަސްވީ މީހަކު ދުނިޔޭގައި ހުއްޓެވެ. އެކަމަކު އެއީ އަލިތަކުރަށް އެހީއެއް ފޯރުކޮށްދެވޭ ފަދަ ހާލެއްގައި ހުރި މީހެއް ނޫނެވެ.

އެހާ ހިސާބުން އަލިތަކުރު ހުޅުދޫގެ ރަޖިސްޓްރީއަށް ބަދަލުކޮށް، އައިޑީ ކާޑު ހައްދައި ސަރުކާރުގެ އިނާޔަތްތައް ލިބޭތޯ މަސައްކަތް ފެށި އެވެ. އެގޮތުގެ މަތިން އެކި ސަރުކާރުތަކުން އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތް ވެސް އަލިތަކުރަށް ހޯދައިދިނެވެ. އެކަމަކު ފަޅުގެއެއްގައި، އަޅާލާނެ މީހެއް ނެތުމުން އެ އިނާޔަތްތަކުން މިހާރު ހިފޭނެ މާ ބޮޑު ބޭނުމެއް ނެތެވެ.

"ހެނދުނު 10، 11 ޖަހާލާކަންހާއިރު ގޭގެ ދޮރު ނުހުޅުވައިގެން އަވަށްޓެރިން ގޮސް ބަލާއިރު އެބަ އޮވޭ ގޭތެރެއަށް ވެއްޓިފައި. އެކަނި އުޅެވޭ ވަރަށް ވުރެ އޭނާ މާ ބަލި،" އަލިތަކުރުގެ ހާލާ ގުޅޭ ގޮތުން އަންވަރު ބުންޏެވެ.

ލޭމައްޗަށް ދިޔުން ފަދަ ބަލިތައް ހުރި އަލިތަކުރަށް، ކާއެއްޗެހި ތައްޔާރުކޮށް، އެއްޗެހި ދޮވެދީ މިހާރު ހަދަނީ ކައިރި އަވަށްޓެރިންނެވެ. އެކަމަކު އެންމެ ބޮޑު މައްސަލައަކަށް މިހާރު ދިމާވެފައިވަނީ އަލިތަކުރު މިހާރު އުޅެމުން އަންނަ ގޭގެ ވެރިފަރާތުން އެތަން މަރާމާތުކުރަން ބޭނުންވާތީ އެތަނުން އޭނާ ނެރެން ޖެހުމެވެ.

އެތައް ހާސް ދިވެހިންނެއް ކޮންމެ ދުވަހަކު ވަންނަ ފޭސްބުކުގައި އަލިތަކުރާ ބެހޭ މައުލޫމާތު އާއްމުކޮށް އަންވަރު އެދުނީ، އެ ގެއިން އަލިތަކުރު ނިކުންނަން ޖެހިފައިވުމުން، އޭނާގެ ބަލަދުވެރިއަކު ހޯދައިދިނުމަށް އެދި އެވެ.

"އަށާރަ އަހަރު ވެއްޖެ ސަރުކާރުގެ އެކި ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެސް އެހީއަށް އެދޭތާ. އެކަމަކު އެހީއެއް ނުލިބުމުން ފޭސްބުކްގައި ޕޯސްޓުކުރީ،" އޭނާ ބުންޏެވެ.

އަންވަރުގެ އެ ޕޯސްޓް ސޯޝަލް މީޑިއާގައި ވައިރަލްވުމާ އެކު ޖެންޑާ މިނިސްޓްރީން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން އަލިތަކުރަށް ޖާގަ ލިބުނުކަން އަންގާފަ އެވެ. އަދި މިހާރު އަންނަނީ އޭނާ މާލެ ގެނައުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންނެވެ.