ރާއްޖޭގައި ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާ ކުދިންނަށް ޔޫއޭއީ އާއި އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން 40،700 ޑޮލަރުގެ އެހީއެއް ދީފި އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ،  ޔޫއޭއީގެ ހެޔޮއެދުންތަކާ އެކު، އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ފިތުރު ޒަކާތުގެ ގޮތުގައި ހަދިޔާކުރި 40,780.44 ޑޮލަރު (628،834.38 ރުފިޔާ)ގެ އެހީ ދިނުމަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އީދުގެ އުފާވެރިކަން ފޯރުކޮށްދިނުމުގެ ހާއްސަ ހަރަކާތްތަކެއް ފަށާފައިވާ ކަމަށެވެ. 

މިއީ އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ފިތުރު ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކޮށްފައިވާ ފައިސާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ބުނީ އެ ފައިސާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އީދުގެ އުފަލުގައި ބައިވެރިކުރުމަށް ބޭނުންކުރުމަށް ނިންމައި އިސްލާމިކް މިނިސްޓްރީން އެ މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށެވެ.

އެ ފައިސާ ހަވާލުކުރުމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. 

މިނިސްޓްރީން ބުނީ އެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އީދު ހެދުން ގަތުމަށާއި ބޭނުންޖެހިފައިވާ އާއިލާތަކަށް ކާބޯތަކެތީގެ "ފުޑް ޕެކޭޖް" ފޯރުކޮށްދިނުމަށް ކަމަށެވެ.

ފިތުރު އީދުގެ އުފަލުގައި އެ މީހުން ބައިވެރިކުރުމަށް މާލެ އާއި ރަށްރަށުގައި ހިންގާ ހާއްސަ ހަރަކާތްތަކަށް ވެސް އެ ފައިސާ ބޭނުންކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. 

މިނިސްޓްރީން ބުނީ މިފަދަ ދީލަތި އެހީތެރިކަމެއްގެ ސަބަބުން މުޖުތަމައުގެ އެންމެ ނާޒުކު ހާލަތުގައި ތިބި ކުދިންނާއި އާއިލާތަކަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބި، އީދުގެ އުފާވެރިކަން އެންމެ ފުރިހަމަ ގޮތުގައި އިހުސާސް ކުރެވުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަށެވެ.

މިއީ އެ ކުދިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަކުރުމަށް ލިބުނު ބޮޑު ބާރެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މިދިޔަ ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި އެހާތަނަށް 151 ކުއްޖަކު ތިއްބެވެ. އަދި ނޭޝަނަލް ޝޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.