މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 15 މިލިއަނަށް ވުރެ ރުފިޔާ ލިބުނުއިރު، ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 500،000ރ. ހަދިޔާކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 15،009،749ރ. ލިބިފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އަށް ވުރެ 10.6 ޕަސެންޓް އިތުރު އަދަދެކެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ޣައްޒާގެ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500،000ރ. އިސްރާ އެސޯސިއޭޝަންއާ ރޭ ހަވާލުކޮށްފައިވާ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ ދަތި ހާލުގައި އުޅޭ ދިވެހިންނަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާއީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749ރ. ރުފިޔާ ވެސް އެ މިނިސްޓްރީއާ ރޭ ހަވާލުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މީސްކީނުންގެ ކޮންމެ މީހަކަށް 6،000ރ. މި އަހަރު ވަނީ ދީފަ އެވެ. ފަގީރުންނާއި މީސްކީނުންނަށް ޖުމުލަ ބަހާފައި ވަނީ 13،896،000ރ. އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ލިބުނު ފަހަރެވެ. އަދި ޒަކާތް ލިބުނު މީހުންގެ ތެރޭގައި، 62 ފަގީރު އަދި ޔަތީމު ކުދިން ވެސް ހިމެނެ އެވެ.