މޯލްޑިވްސް ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސްގެ މި އަހަރުގެ ކޮންފަރެންސް (އިންޒެކް 2026) މިއަދު ފަށައިފި އެވެ.
އެއް ދުވަހުގެ މި ކޮންފަރެންސް މިއަދު ހެނދުނު ފެށީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ. ކީރިތި ގުރްއާނުގެ ބަރަކާތުން އެ ކޮންފަރެންސް ފައްޓަވައިދެއްވީ މޯލްޑިވްސް ޒަކާތު ހައުސްގެ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޝައިހް މޫސާ މުއިއްޒެވެ.
މި ކޮންފަރެންސަކީ އިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިސްލާމިކް ފައިނޭންސްގެ މާހިރުންގެ އިތުރުން އެ ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކުރާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަމާނީ އިޖުތިމާއީ އަދި އިގުތިސާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މިއީ ޒަކާތު ކޮންފަރެންސް ބާއްވާ ދެވަނަ އަހަރެވެ.
ޒަކާތު ހައުސްގެ ވެބްސައިޓުގައި ބުނީ "އަދުގެ މުޖުތަމައުގައި ދިމާވާ އިޖުތިމާއީ ނާޒުކު ހާލަތްތަކާއި އަރާ އިގުތިސާދީ ލޮޅުންތަކާއި އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން" މި ޝިއާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ އަލަށް ފާހަގަކުރެވޭ ނާޒުކު ހާލަތްތައް ދެނެގަތުމާއި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އަދި ޒަކާތް ހައްގުވާ މީހުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ބަޔަކަށް ހެދުމަށް ދެމެހެއްޓެނިވި މަގުތަކެއް ކަނޑައެޅުން ކަމަށެވެ.
ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން "އެސްއޭޕީ 2026-2028" ވަނީ އިފްތިތާހުކޮށްފަ އެވެ.
އެސްއޭޕީ އިފްތިތާހުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު އަމީޒާ އެވެ.
ޒަކާތު ހައުސްގެ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމަށާއި އުފެއްދުންތެރި ޒަކާތުގެ މަޝްރޫއުތައް ކުރިއެރުވުމަށް އިސްކަންދޭނެ ދާއިރާތައް ބަޔާންކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
"އިންޒެކް 2026" ގައި ތިން ސެޝަނެއް ހިމެނޭއިރު، ކޮންމެ ސެޝަނެއްގައި ވެސް މައިގަނޑު ތަގުރީރަކާއި ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދާނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.
އެ ސެޝަންތަކުގައި މަޝްވަރާކުރެވޭ މައުލޫތަކުގެ ތެރޭގައި ހިމެނެނީ އައިލީ ހަމަޖެހުމަށް މާލީ ގޮންޖެހުންތަކުން ކުރާ އަސަރާއި ނާޒުކު ހާލަތްތަކުގައިވާ އާއިލާތަކަށް އެހީތެރިވުމުގައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މުހިންމުކަން އަދި ޒަކާތް ލިބޭ މީހުންނަކީ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖުތަމައަށް އެހީތެރިވެދޭ ބަޔަކަށް ބަދަލުކުރުމަށް ގެންގުޅޭނެ ގޮތްތަކެވެ.