މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު 19،266.10ރ. އަށް ދަށްވެއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނީ މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށް ފަހު ކަމަށް ވާތީ މިއަދުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ ރިހީގެ ގްރާމަކަށް 32.38 ލާރީގެ ރޭޓުން 595 ގްރާމަށްވާ 19،266.10ރ. ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އެންމެ ފަހުން ބަދަލު އައީ މިދިޔަ އެޕްރީލް މަހު 21 ގަ އެވެ. އޭރު ކަނޑައަޅާފައި ވަނީ 21،836.50ރ. އެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ކަހަލަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި ނެގުން، ދީނީ ގޮތުން ވާޖިބު ވަނީ ނިސާބު ހަމަވާ ވަރަށް ހިޖުރީ އެއް އަހަރުގެ މުއްދަތަށް ފައިސާ ހުރުމުންނެވެ. މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އޭގެ 40 ބައިކުޅަ އެއްބަ އެވެ. އެއީ 2.5 ޕަސެންޓެވެ.