އިސްލާމިކް މިނިސްޓްރީން މިހާރު 300 މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް ކުރިއަށް އެބަ ގެންދާ ކަމަށާއި އަމާޒަކީ އެ މިނިސްޓްރީ އަކީ މާލީ ގޮތުން އަމިއްލަ ފުދުންތެރިކަން އޮންނަ ތަނަކަށް ހެދުން ކަމަށް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ޒަކާތު ފަންޑަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، އެ ފަންޑަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ވަގުފު ފަންޑު ވެސް ކުރިއަރަމުން އަންނަ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް، ވަގުތު ފަންޑާއި ޒަކާތު ފަންޑު ގުޅިގެން. އަހަރެއްހާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ އަމިއްލަ ޒާތުގައި ވަރަށް ތަނަަވަސް ވުޒާރާއަކަށް ވެެގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ އިސްލާމީ ކަންތައްތައް ފެތުރުމުގައި ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެ މިނިސްޓްރީގެ އަމިއްލަ ފައިސާއިން ކަންތައްތައް ކުރުމެވެ. މިހާރު ހުރި ގިނަ ދަތިތައް އޭރުން ހައްލުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު ދާއިމީ ހައްލެއް ހޯދާކަށް އަޅުގަނޑުމެންނަށް މަސައްކަތެއް ކުރެވިފައެއް ނެތް އެންމެ އެދެވޭ މިންވަރަށް. [ކުރެވޭ ކަމަކީ] މިސްކިތެއް އަޅާލުން، ދެން މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހޯދިފައެއް ނެތް،" ޝަހީމް ވިދާޅުވި އެވެ.
ރާއްޖޭގައި އިސްލާމީ މަރުކަޒު އެޅި އިރު އެތަން ބަލަހައްޓާނެ މާލީ އިންތިޒާމެއް ހަމަޖައްސާފައި ނުވާ ކަމަށާއި އެހެން ގައުމުތަކުގައި އެފަދަ އިންތިޒާމުތައް ހަމަޖައްސާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ އިންތިޒާމުތައް ހަމަނުޖައްސާ ނަމަ އެތަންތަން ހަލާކުވާނެ ކަމަށާއި ހުރިހާ ކަމަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ކުރެވޭނެ ކަންތައްތައް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.