ރިޕޯޓް / ސިނަމާލެ ބްރިޖު

ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު: މި ބްރިޖު މިރޭ ހުޅުވާނެ..---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ އާއި ހުޅުލެ، ބްރިޖަކުން ގުޅުވާލައި ދެ ރަށް އެއްކޮށްލުމަކީ ޗައިނާ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި 2014 ގައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ފަރާތުން ޗައިނާ އަށް ހުށަހެޅުއްވި ހުށަހެޅުމެވެ. އެއީ، ދިވެހިންގެ ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ތަރައްގީގެ މަޝްރޫއެއް ކަން ތަކުރާރުކޮށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އަރިހުގައި ވިދާޅުވި އެވެ. އެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ރައީސް ޔާމީން އެ މަޝްރޫއު އިއުލާން ކުރެއްވީ، ސަރުކާރުގެ ބައެއް އިސްވެރިން ވިދާޅުވި ގޮތުގައި، ޗައިނާގެ ރައީސް ދެއްވެވި ޔަގީންކަމާ އެކު އެވެ.

ބްރިޖު އަޅަން ފައިސާ ހަމަޖެހި، މަސައްކަތް ފެށިއިރު ވެސް އެތައް ބަޔަކު ގަބޫލުކޮށްގެން ތިބީ، އެއީ، ނާކާމިޔާބު ވާނެ މަޝްރޫއެއް ކަމަށެވެ. އިންޖިނޭރުންނާއި ޓެކްނިކަލް ބޭފުޅުން ވެސް ވިދާޅުވަމުން އައީ ކަނޑު މެދުގައި ބްރިޖެއް އެޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ގޮންޖެހުންބޮޑު މަސައްކަތެއް ކަމަށެވެ. އެކަމަކު އެ ހުރިހާ ގޮންޖެހުންތައް ހުރަސްކޮށް، ތިން އަހަރުން ބްރިޖު ނިންމައިފި އެވެ. ކުލަގަދަ ރަސްމިއްޔާތަކުން މިރޭ ބްރިޖު ހުޅުވާނެ އެވެ.

"ބްރިޖުގެ މަސައްކަތަށް ރައީސް ޔާމީން ނުކުންނެވީ ދުރު ވިސްނެވުންތަކަކާ އެކު ވަރުގަދަ އަޒުމާއި ހިތްވަރާއެކު. ވައުދާ އެއްގޮތަށް އެމަނިކުފާނު މިވަނީ ދިވެހިންގެ ހުވަފެން ހަގީގަތަކަށް ހައްދައި ދެއްވާފައި،" ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު މަތިން ކާރެއް ދުއްވާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ތަރައްގީގެ "ފާލަން": އިންގިލާބީ ކުރިއެރުމެއް

ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި މި ބްރިޖާ އެކު ރައްޔިތުންނަށް ފަސޭހަކަމާ އެކު ދަތުރުފަތުރު ކުރެވުމުގެ އިތުރުން އިގްތިސާދީ ގޮތުން ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ އެވެ. އެހެންކަމުން ބްރިޖު މަޝްރޫއު، އެ ބޭފުޅުން ސިފަކުރައްވަނީ، "ތަރައްގީގެ ފާލަމު"ގެ ގޮތުގަ އެވެ.

ގާދޫ ކޮލުގައި ބްރިޖެއް އެޅުމަކީ ފަސޭހަކަމެއް ނޫން، ވަރަށް ޗެލެންޖިން ކަމެއް. އެކަމަކު މިކަން ކުރުމުގެ ވައްޓަފާޅި ހުރި ބަޔަކު ކުރަން އުޅުނީމަ، މިއޮތީ ހާސިލްވެފައި. -- މުއިއްޒު

ބްރިޖުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި މިނިސްޓަރު މުއިއްޒު ވިދާޅުވީ ދިވެހިންގެ ކުރިމަގު އުޖާލާ މުސްތަގުބަލަކަށް ބައްޓަންކުރުމުގައި، މާލެ އާއި ހުޅުމާލެ ގުޅުވިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ބެލި ނަމަވެސް ބްރިޖާ ނުލައި އެކަންކަމަކީ ފުރިހަމަކޮށް ނުދެވޭނެ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވެ ބްރިޖަކީ ދިވެހިންގެ ތަރައްގީގެ އެންމެ މުހިއްމު ވަސީލަތް ކަމުގައި ރައީސް ޔާމީން ކަނޑައެޅުއްވީ. އެ ވައުދު ފަސް އަހަރުގެ ތެރޭގައި ނިންމެވުމަކީ، ވަރަށް ބޮޑު ކުރިއެރުމެއް،" މުއިއްޒު ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ރޭގަނޑު ދިއްލާފައި

މިނިސްޓަރު ވިދާޅުވި ގޮތުގައި ބްރިޖާއެކު ހުޅުމާލޭގައި އިގްތިސާދީ އާ ފުރުސަތުތައް ހުޅުވި، ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ. ހުޅުމާލެ އިން ބިން ގަނެފައި ތިބި މީހުން ވެސް އެތަންތަނަށް އިންވެސްޓުކޮށް ވިޔަފާރިތައް ފުޅާކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ގާދޫ ކޮލުގައި ބްރިޖެއް އެޅުމަކީ ފަސޭހަކަމެއް ނޫން، ވަރަށް ޗެލެންޖިން ކަމެއް. އެކަމަކު މިކަން ކުރުމުގެ ވައްޓަފާޅި ހުރި ބަޔަކު ކުރަން އުޅުނީމަ، މިއޮތީ ހާސިލްވެފައި،" މުއިއްޒު ވިދާޅުވި އެވެ.

ތަރައްގީގެ ސްޕީޑުގައި ދިވެހިރާއްޖެ ކުރިއަރައި ދާން ބޭނުންވާ މިންވަރު ބްރިޖުން އެބަ ދައްކުވައިދޭ. --ސައީދު

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅުމަކީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގަބޫލުކުރައްވާ ގޮތުގައި ރައީސް ޔާމީން ނޫން ބޭފުޅަކަށް ނުކުރެއްވޭނެ ކަމެކެވެ. މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ގައުމަށް ދިވެހިރާއްޖެ ވުމަކީ އަބަދުވެސް ދިވެހިންގެ އެދުމެއް ކަމަށާއި އެ ފުދުންތެރި ދިރިއުޅުމަށް ވެސް ބްރިޖަކީ ފަސޭހައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ތަރައްގީގެ ސްޕީޑުގައި ދިވެހިރާއްޖެ ކުރިއަރައި ދާން ބޭނުންވާ މިންވަރު ބްރިޖުން އެބަ ދައްކުވައިދޭ،" ސައީދު ވިދާޅުވި އެވެ.

މި ބްރިޖުގެ މަސައްކަތް ކުރީ ޗައިނާގެ ސީސީސީސީއިން.--ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުޅުމާލެ އާއި މާލެ ގުޅިގެން ދިއުމުން، އިގްތިސާދީ ގޮތުން ކުރީގައި ނުލިބޭ ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ. ރާއްޖޭގެ ވިޔަފާރިތަކަށް ލިބޭ ފަސޭހަތަކުގެ ސަބަބބުން އިގްތިސާދު ކުރިއަރައިދާނެ. --ސައީދު

ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި އެންމެ ބޮޑެތި މަތިންދާ ބޯޓަށް ޖެއްސޭނެ އިންތިޒާމާއި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތާއި ބްރިޖާއި ރަށްރަށުގައި އުމްރާނީގެ އެތައް މަޝްރޫއެއް ހިންގުމަކީ ދިވެހިން ބޭނުންވި އަދި ކުރިއަށް އޮތް ތަނުގައި ވެސް ބޭނުންވާނެ ކަންކަން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މޮޑަން، ވައިބްރަންޓް އިކޮނޮމީއަކަށް ވުމަށްޓަކައި މި ފާލަމަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެއް،" ސައީދު ވިދާޅުވި އެވެ.

"ހުޅުމާލެ އާއި މާލެ ގުޅިގެން ދިއުމުން، އިގްތިސާދީ ގޮތުން ކުރީގައި ނުލިބޭ ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ. ރާއްޖޭގެ ވިޔަފާރިތަކަށް ލިބޭ ފަސޭހަތަކުގެ ސަބަބުން އިގްތިސާދު ކުރިއަރައި ދާނެ."

ބްރިޖަށް ކުރި ދަތުރުގެ ކުރު ޚުލާސާއެއް

ރިޔާސީ ވައުދެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ދެއްކެވި މަންޒަރުތަކަށް ދިރުން ގެންނަން ހަވާލުކުރި، ޗައިނާގެ ސީސީސީސީ އަށް އެކަން ކުރެވުނީ، ހަތަރު އަހަރު ވަންދެން 24 ގަޑިއިރު ހުއްޓާނުލައި މަސައްކަތްކޮށްގެންނެވެ. އެ މަސައްކަތުގައި، ދެ ޝިފްޓަށް ކޮންމެ ދުވަހަކު ވެސް ހާހެއްހާ މުވައްޒަފުން އުޅެ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ބްރިޖުތައް ފަސޭހަކަމާ އެކު ނިންމާލެވުނު ނަމަވެސް "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު"ގެ ހުވަފެން ހަގީގަތަކަށް ހަދަން ސީސީސީސީ އަށް ކުރަން ޖެހުނު މަސައްކަތްތައް އުނދަގޫވެފައި ގޮންޖެހުން ބޮޑެވެ. އެއް ކަމަކަށް އެ ކުންފުނިން، ފާހަގަކުރީ ބްރިޖް އަޅާ ސަރަހައްދެވެ. ފުން ކަނޑުގައި ބްރިޖް އަޅާއިރު، އެތަނުގެ އޮއިވަރާއި އެހެން ވެސް ކަންކަމަށް ބަލައި މަސައްކަތް ކުރަން ފަސޭހަ ނުވުމެވެ. އެކަމަކު ވެސް ބްރިޖަކީ ދެ ގައުމުގެ ގުޅުމުގެ ރަމްޒު ކަމުގައި ދެކިގެން އެ މީހުން ވެސް އެ މަސައްކަތް ކުރީ ވަރުގަދަ އަޒުމާ އެކުގައި ކަމަށް ސީސީސީސީން ވަނީ ބުނެފަ އެވެ.

ބްރިޖުގެ މައި ހަތް ތަނބު ހުންނައިރު، އެންމެ އުނދަގޫ މަސައްކަތަކަށްވީ، އެ ތަނބުތަކުގައި ޖަހާފައިވާ ބިޔަ 35 ހޮޅި ކަނޑު އަޑިއަށް ފެއްތުމެވެ. ކޮންމެ ހޮޅިއެއްގެ ޑައިމީޓަރުގައި 10 ފޫޓު ހުރެ އެވެ. މާލެ އާއި ހުޅެލެއާ ދެމެދު އޮންނަ ކަނޑަކީ އޮއިވަރު ގަދަ ހިސާބަކަށް ވާތީ އަޑިއަށް ހޮޅިއެއް ދާއިރު، އޮއި ހުންނަ ގޮތުން އެ ހޮޅި ބެލެންސް ކުރުން ފަދަ ކަންކަމަކީ، ސީސީސީސީން ބުނެފައިވާ ގޮތުގައި، ވަރަށް އުނދަގޫ ކަމެކެވެ.

އެހެންވެ، ކަނޑުގެ އަޑިން ފެށިގެން 100 މީޓަރު ފުނަން ބައެއް ހޮޅިތައް ޖަހަން ޖަރުމަނުގެ ޓެކްނޮލޮޖީ ވެސް ބޭނުން ކުރި އެވެ. ހޮޅިތައް ފައްތައި އޭގެ ތެރޭގައިވާ، ވެލި ނަގައި އެ ހޮޅިތަކުގެ ތެރެއަށް ރެއިންސްފޯސްމަންޓް ޖަހައި، އެ ވަނީ ކޮންކްރީޓް އަޅައިފަ އެވެ. ހަތް ތަނބުގެ މަތީގައި، ވީ އަކުރެއްގެ ސިފައިގައި ފެންނަ ކެޕިން ޖެހީ އޭގެ ފަހުންނެވެ.

ބްރިޖުގެ މަސައްކަތުގައި ސީސީސީސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ.

މާލެ އާއި ހުޅުލޭ ކޮޅުން ބްރިޖް، މައި ކަނޑާ ހަމައަށް ގެންދިޔައީ ކޮންކްރީޓް ޝީޓްތަކުންނެވެ. އެކަމަކު ކަނޑުގައި ޖަހާފައިވާ ބިޔަ ތަނބުތަކުގެ ދެމެދުން ބްރިޖް ގުޅުވާލީ، ޗައިނާގައި ތައްޔާރުކޮށްގެން ގެނައި "ސުޕަސްޓްރަކްޗާ" އިންނެވެ. އޭގެމަތީގައި ތާރުއަޅައި، މިހާރު އެ ވަނީ ލައިޓްތައް ވެސް ހަރުކޮށްފަ އެވެ.

ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮވެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެ ކަމަށް ބްރިޖުގެ މަސައްކަތުގައި އުޅުއްވާ އޮފިޝަލުން ވިދާޅުވި އެވެ. އޭގެ އިތުރުން، ދެ ފަރާތުން ބައިސިކަލް ދުއްވޭވަރުގެ ލޭނެއް ވަނީ ހަދައިފަ އެވެ.

ބްރިޖުގެ މަސައްކަތަކީ ދިވެހިންގެ ޝައުގުވެރިކަން އޮތް ކަމެކެވެ. ބްރިޖުގެ މަސައްކަތަށް ޕްލެޓްފޯމު އެޅުމާ ހަމައިން ކޮންމެ މަސައްކަތަކީ ވެސް ދިވެހިންގެ ސަމާލުކަން ހޯދަމުން އައި ކަންކަމެވެ. އެހެންކަމުން، ބްރިޖުގެ އުފާވެރިކަން ހާސިލްވާނީ މިރޭ ބްރިޖު ހުޅުވައި އާއްމު ދަތުރުތަކަށް އަންނަ މަހު 7 ގައި ހުޅުވާލުމުންނެވެ.

85 ކޮމެންޓް, 147 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 1%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަވަބާޒީ

30 August 2018

މިތާގަ ހުރި ކޮމެންޓްތައް ކިޔާލީމަ އެއްކަމެއް ޔަގީން ވެއްޖެ. ބައެއް މީހުންނަށް ނޯންނާނެ ރަނގަޅު އެއްގޮތެއް ވެސް.

The name is already taken The name is available. Register?

އަލީ2

30 August 2018

ދިވެހިބަހުގެ އެކަޑަމީގެ ބޭނުމެއްނެތްކަން ހާމަވެއްޖެ..ދިވެހި ނަމެއްނުކިޔުނު.. އެއްމެވެސް ކިޔަނީ ބުރިޖް.. ރަސްމީނަމަކީވެސް ބުރިޖް

The name is already taken The name is available. Register?

ބްރިޖުގެ ހަގީގަތް

30 August 2018

މިއަދަކީ ބްރިޖް ހުޅުވާ ތާރީހީ ދުވަސްކަމަށްވާތީ ތާރީހަށްޓަކައި މިޕްރޮޖެކްޓްގެ ކަންކަން ހިގާދިޔަގޮތް ދަންނަވާލަން 1، ބްރިޖަކީ ރައީސް މައުމޫނު ސަރުކާރުގެ ތަސަައްވަރެއް. 2، މިކަން ހަގީގަތަކަށް ހެދުމަށް އަމަލީ މަސައްކަތް ފެއްޓެވީ ރައީސް ނަޝީދު، ބްރިޖް ޑިޒައިންކޮށް، ފީޒިބިލިޓީ ހައްދަވާ، ބްރިޖްއަޅަން ނަޝީދުގެ ކެބިނެޓުން ނިންމެވި. އަދި ޗައިނާ ސަރުކާރާއެކީގައި ރަސްމީ މަޝްވަރާތައް ބޭއްވެވި 3، ބްރިޖް ޕްރޮޖެކްޓް ފެށި، ބްިރިޖް އަޅާނިމުނީ ރައީސް ޔާމީނުގެ ވެރިކަމުގައި، ޔާމީނުވެރިކަމަށްވަޑައިގަތް ދަނޑިވަޅަކީ ޗައިނާއިން ސިލްކް ރޫޓް ޕޮރޮޖެކްޓް ފެށި ދުވަސްވަރު. ޗައިނާއިން އޭޝިއާގެ ކޮންޓްރޯލް ނެގުމަށް ފެށި މިޕްރޮޖެކްޓްގައި ބައިވެރިވާ ގައުމުތަކުގައި، ޗައިނާއިން އިސްނަގައިގެން، ބްރިޖް، ބަނދަރު، އެއާޕޯޓް، އަދި ރެއިލްވޭ ޕްރޮޖެކްޓްތައް ފެށި ދުވަސްވަރު. ގިނަހަފަރަށް މިޕްރޮޖެކްޓްތައް ހިންގާފައިވަނީ ޗައިނާއިން މެމްބަރު ގަރުމުތަކަށް "ަޢާދޭސްކޮށްގެން" ނުވަތަ އެހެން ނުފޫޒެއް ފޮރުވައިގެން ބޮޑެތި ލޯނުނަގުވައިގެން

The name is already taken The name is available. Register?

ދީލަމް ހަބީބު

30 August 2018

ތިޔައީ ހަގީގަތަކީ، ތާރީޙްގައި ލިޔަންޖެހެނީ ތިޔަހެން، އެހެންކަމުން ޗައިނާގެ ރައީސްއަށް ޝުކުރު ދަންނަވަން، އަދި ރައީސް މައުމޫނުއަށާއި، ނަޝީދުއަށް، އަދި ޔާމީނުއަށްވެސް ޝުކުރު ދަންނަވަން، ދެން ބޭނުންވަނީ ތިޔަ ބުރިޖަށް ދިޔަ ފައިސާގެ އަދަދު، ޗައިނާއިން ދިންވަރާއި ދިވެހި ސަރުކާރުންދިންވަރު، އެއިރުން އެއަދަދުވެސް ތާރީހުގައި ލިޔެލެވޭނެ

The name is already taken The name is available. Register?

އިބުރޭގެ ބަޔާން

30 August 2018

ތިމަޅީގައިޖެހި އެންމެފުރަތަމަ ބަނގުރޫޓުވި އެއްގައުމަކީ ލަންކާ. މެލޭޝިއާ ސަލާމަތްކުރުމަށް މަހާތީރުވަނީ 2 މަސްދުވަހުގެ ތެރޭގައި ޗައިނާގެ 22 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ކެންސަލް ކޮށްފައި. ތައިލޭންޑް، ލާއޯސް، އިންޑިއާ، ޕާކިސްތާނުންވެސްވަނީ އެތައްޕްރޮޖެކްޓްއަކަށް ނޫނެކޭ ބުނެފައި. ނަމަވެސް ޗައިނާދަނީ ކުރިއަށް، ވެރިންނާ ގުޅުން ރަނގަޅުކޮށް، ބަނދަރެއް، އެއާޕޯޓެއް، ބްރިޖެއް، ރެއިލްވޭއެއް ނަމަވެސް ނާޅާ އެއްވެސްގައުމެއް މެމްބަރު ގައުމުތަކުގެ ތެރޭގައި ނެތް

The name is already taken The name is available. Register?

ރާއްޖެ

30 August 2018

ބްރިޖް އަޅައި ދިނީ ނަޝީދުއޭ ހިތަށް އަރުވައިގެން ހިތްހަމަ ޖައްސާލިޔަސް އޯކޭ އޭ.

The name is already taken The name is available. Register?

އާދަނު

30 August 2018

އަސްލު ބުރިޖުގެ މޭސްތިރިއަކީ އަދީބު.

The name is already taken The name is available. Register?

ތެދު

30 August 2018

ވަަރަށް ސަޅި.... އޮބިނޯވޭ... އެކަމަކު ކުރައަށް އޮތް 50 އަަހަރަށް ވިސްނާލައިފިނަމަ މި ބުރިޖު ހަނި... އަދި ފަހުން ފުޅާ ކުރުމަކީ އަލުބަލުން ބުރިޖެއް އެޅުން...

The name is already taken The name is available. Register?

ޗައްޕަޑު

30 August 2018

އޭ ބުރޯ ޔާމީނޫ ރާއްޖެތެރޭގައި 46 މިލިއަން ދުއްވާލައިގެން ހަވާއަރުވައިގެން ހުޅުވާލާވަރުގެ ބޮޑު ޕްރޮޖެކްޓެއް ނުހިންގުނު ދޯ. ކަޑައެއްނު!

The name is already taken The name is available. Register?

ސައްތާރު

30 August 2018

ހަހިވޭކުރޮސެއް ވަރު ފާލަމެއް އަޅަން ތިހާފައިސާ ހަރަދުވީ ކީއްވެކަން އެގޭމީހުނެއް ތިކަމަކާ ތެޅިއެއްނުގަންނާނެ!

The name is already taken The name is available. Register?

އިލަބޯ

30 August 2018

ބުރިޖު ދެފަރާތުގަ ދެމިސައިލު ބަހައްޓަފާފަ ހުރީމަ ރީއްޗެއްނޫން

The name is already taken The name is available. Register?

އަބްދުﷲ

30 August 2018

މިސަރުކާރުގެ 5 އަހަރުގެ ތެރޭގައި ވަރަށް ބިޔަ މަޝްެރޫއުތަކެއް ހިނގަމުން މިދަނީ. ބުރިޖް، 25 ބުރީގެ ހޮސްޕިޓަލް، އެއަރޕޯރޓް ޑިވެލޮޕްމެންޓް، ލ. ޅިންކްރޯޑް، ރައްރަށުގެ ނަރުދަމާ ނިޒާމްތައް، ރައްރަށުގެ މަގުތަކުގައި ތާރު އަޅަންފެށުން. މިނޫންވެސް ވަރަށް ގިނަ ބިޔަ މަޝްެރޫއުތައް އެބަހުރި. ޕްރައިވެޓް ސެކްޓަރ އަށް ހުޅުވާލައިގެން ހުޅުމާލެގައި ފްލެޓް އެޅުމަށް ހިންގާ ބިޔަ މަޝްރޫއުވެސް ފާހަގަކުރެވޭ. އަޅުގަނޑަށް ފެނުނު ރައީސުން ކަމަށްވާ މައުމޫން، ނަޝީދު އަދި ވަހީދު އާއި އަޅާބަލާއިރު މިހާރުގެ ރައީސް ޔާމީންގެ ސަރުކާރުވަރަށް ރާއްޖޭގެ ތަރައްގީއަށް އިސްކަންދިން ސަރުކާރެއް ނުދެކެން. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާތަން. ބައެއް ގައުމުތަކަށްވެސް އަދި ބައެއް ސިޔާސީ ބޭފުޅުންނަށްވެސް އަދި އެބޭފުޅުންނަށް ތާއީދު ކުރާ ބައެއްފަރާތްތަކަށް މިތަރައްގީ ހަޖަމްނުވެގެން އުޅޭތީ ދެރަވަން. ސިޔާސީ ވިސްނުންތަފާތަސް ގައުމުގެ ތަރައްގީގައި ވާނީ އެކައްޗެއްކިޔަން.

The name is already taken The name is available. Register?

ދިވެހި ރައޮޔިތެއް!

30 August 2018

އަލުގަނޑު ސިޔާސީ ފިކުރު ތަކަކާ އެހާ ރައްޓެހިނުވެދާނެ އެވެ.އެކަމަކު މިލިޔުން ކިޔާލުމުން މި ބިޔަ މަޝްރޫ ގެ މަސައްކަތް، މުހިއްމުކަން އަދި މިކަމުން ގައުމަށް ލިބިގެން ދާނެ ފަސޭހަ ތަކާއި ފައިދާ ވަރަށް ފަސޭހައިން އެނގިއްޖެ. މިކަހަލަ އިނޮފޮމޭޓިވް ލިޔުންތައް ފެންނާތީ ވަރަށް އުފާވޭ. ކަންކަމުގައި އެކި މީހުންގެ ހުންނާނީ އެކި ހިޔާލު، އެއީ މައްސަލަ އެއް ނޫން. އަލުގަނޑު ބުނާނީ މީ ފެޝުން ކަމަށް ބަލއި ކޮންމެ މީހަކު ނުވަތަ ބަޔަކު ވެރިކަމަށް އަޔސް ކުރިޔަށް ގައުމު އިސްކޮށް ރައްޔިތުންގެ ލާބަޔާ މަންފާ އަށް މިކަހަލަ ގިނަ މަސައޮކަތް ކޮއޮދެވާނެ ކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454