ދުވަސްވީ މީހުންނަށް އޯގާތެރި ގެއެއް ބޭނުން

ގައިބާރު ދެރަވެ އުމުރުން ދުވަސްވީ ދުވަހު އަޅާލުން ނުލިބޭ އެތައް ބަޔަކު މިރާއްޖޭގައި ވެސް އެބަ ތިއްބެވެ. އަމިއްލައަށް ނޫޅެވޭ ހާލު އެއްބަޔަކު ގޭގޭގައި އެކަނިވެފަ އެވެ. އަނެއް ބަޔަކު ގެންދާނެ ބަޔަކު ނެތިގެން ހޮސްޕިޓަލުތަކުގަ އެވެ. މަގުތަކުގައި ގިނަވެ ބައެއް ފަހަރު މަގުތަކާއި އެކި މައިޒާންތަކުގައި ނިދައިގެން އުޅޭ އެތައް ބަޔަކު ވެސް އެބަ ތިއްބެވެ. ޒަރޫރީ ބޭނުންތައް ރަނގަޅަށް ނުފުއްދި އެވެ. އެފަދަ ހާލެއްގައި ތިބި މީހުންނަށް ރާއްޖޭގައި އޮތް ހަމައެކަނި ފުރުސަތަކީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ.


ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން 1976 ގައި ހެދި އެ މަރުކަޒުގައި އެފަދަ މައްސަލައެއް ނެތް އެތައް ބަޔަކު ވެސް އެބަ ތިއްބެވެ. ގޮތެއް ނެތިފައި މަރު ދުވަހާ ހަމައަށް އެ މަރުކަޒުގައި އުޅެން ޖެހިފައިވާ މީހުންނަށް އެއީ ރަނގަޅު މާހައުލެއް ވެސް ނޫނެވެ.

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު--

ރާއްޖެއަށް ކޮން ކަހަލަ މަރުކަޒެއް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ދުވަސްވީ މީހުންގެ ތެރެއިން އާއިލާއިން އަޅާނުލާތީ ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް އެކަށީގެންވާ ތަނެއް ހަމަޖެއްސުން ހިމެނެ އެވެ. އެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ދެ މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ގުރައިދޫ މަރުކަޒުގައި ތިބި އެކަމަކު އޭގެ މައްސަލައެއް ނެތް ދުވަސްވީ މީހުން ބަލާނެ އެހެން މަރުކަޒެއް ގާއިމްކުރުމެވެ. އެއީ ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒެކެވެ.

ސިދާތާ ވިދާޅުވީ އެއީ އަގެއް ދައްކައިގެން މީހުން ބަލަހައްޓާ ތަނަކަށް ނުވާނެ ކަމަށެވެ. ނަމަވެސް އަޅާލާނެ މީހަކު ނެތް ދުވަސް ވީ މީހުން ދައުލަތުން ބަލާ އުސޫލުން އެތަނުގައި ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ މަސައްކަތް އަދި އުޅެނީ ޕްލޭނިން މަރުހަލާގައި ކަމަށް ވާތީ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

"ވަކި ތަނެއް ލޮކޭޓް ކުރެވުނީމަ ޕްލޭނެއް ހަދާނެ. އަދި މިއީ ރާއްޖެއަށް އާ ކަމަކަށް ވާތީ މީހުން ތަމްރީނު ކުރަން ވެސް ޖެހޭ،" ސިދާތާ ވިދާޅުވި އެވެ.

ނާސިން ހޯމެއްގައި ދުވަސްވީ މީހުންތަކަކަށް ފަރުވާ ދެނީ--

ނާސިން ހޯމެއް ބޭނުން!

ދުވަސްވީ މީހުން ބަލަހައްޓާ "ނާސިން ހޯމް" ނުވަތަ "އެލްޑެރީ ހޯމް" ރާއްޖެއަށް ވެސް މުހިންމެވެ. އެއީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ޒަމާނުންސުރެ އޮންނަ ހިދުމަތެކެވެ. ވަކި ގޮތަކަށް ކެއުން ބެހެއްޓުމާއި ބަލި މީހުންނަށް ގަވައިދުން ބޭސް ދިނުމާއި ކަސްރަތުތަކުގައި ބައިވެރިކުރުމުގެ އިތުރުން ހިތް އުފާވާ ކަހަލަ ކަންކަން، އުމުރާއި ހާލަތާ ގުޅޭ ގޮތަށް އެ ތަންތަނުގައި، ކުރިއަށް ގެންދެ އެވެ. ހިދުމަތް ދޭން ތިބެނީ ސިއްހީ ދާއިރާއިން ތަމްރީނު ވެފައިވާ ނަރުހުންނާއި އެހީތެރިވުމުގެ ތަމްރީނު ހަދާފައިވާ މީހުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި އެފަދަ މަރުކަޒުތައް ހިންގަނީ އެކި ގޮތްގޮތަށެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކުގެ ސަގާފަތަކީ އެކަނި ނޫޅެވޭ ހާލަށް ދިއުމުން އެފަދަ ތަންތަނަށް ލުމެވެ. ގިނަ ގައުމުތަކުގައި މައިންބަފައިން ބަލަހައްޓަނީ ދަރިންނެވެ. ނަމަވެސް ދަރިން ނުތިބޭ ނުވަތަ އާއިލާގެ ތަފާތު މައްސަލަތަކުގެ ސަބަބުން އަޅާލުން ނުލިބޭ މީހުންނަށް ގޮތެއް ހޯދައިދޭން ޖެހެ އެވެ. ރާއްޖެއަށް ވެސް އެ މައްސަލަ މިހާރު ވަނީ ކުރިމަތިވެފަ އެވެ.

އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ހިލޭ ސާބަހަށް ހިދުމަތް ދޭ އަހުމަދު ހިޝާން މިހާރު ކުރައްވާ މަސައްކަތުން ވެސް ރާއްޖެއަށް އެކަން މުހިންމު މިންވަރު ސާފެވެ. ލަންޑަންގައި ހަ މަސް ދުވަހު ހިލޭ ސާބަހަށް އެ މަސައްކަތް ކުރައްވާފައިވާ ހިޝާން މިހާރު ވެސް ގެންދަވަނީ މާލޭގައި ދުވަސްވީ 14 ފިރިހެނުންގެ ކަންކަން ބަލަހައްޓަވަމުންނެވެ. އެމީހުން ސާފުކުރުމާއި ފެންވެރުވުމާއި ތުނބުޅި ބޭލުން ފަދަ ކަންކަމެވެ. އެއީ އެކި ސަބަބުތަކާ ހުރެ އާއިލާގެ އަޅާލުން ނުލިބޭ ނުވަތަ އަންހެން ދަރިން ތިބުމުން ބަފައިންނަށް އެފަދަ ކަންކަން ނުކޮށްދެވޭ އާއިލާތަކެވެ.

ނާސިން ހޯމެއްގައި ދުވަސްވީ މީހުންތަކެއް ކަސްރަތު ކުރަނީ--

ހިޝާން ވިދާޅުވި ގޮތުގައި މިހާރަކަށް އައިސް ދުވަސްވީ މީހުންނަށް އިހުމާލުވާ މިންވަރު އިތުރެވެ. އެހެންކަމުން އެފަދަ މީހުން ބަލަހައްޓާނެ ހާއްސަ ތަނެއް ހުރުމަކީ ރާއްޖޭގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި އެ މައްސަލަ ހައްލު ކުރުމަށްޓަކައި އެތަން ވާން ޖެހޭނީ އާއިލާތަކުން އަޅާނުލާ މީހުންނާއި މަގުތަކުގައި ނިދާ އުޅޭ މީހުންނަށް ވެސް ފުރުސަތު ލިބޭނެ ތަނަކަށް ކަމަށް ހިޝާން ވިދާޅުވި އެވެ.

"މިހާރު ބައެއް އާއިލާތަކުން ދުވަސްވީ މީހުން ބަލަނީ މަޖުބޫރުން. ގަދަކަމުން. އެގޮތަށް ބަލާއިރު އެބަ އިހުމާލުވޭ. ގޭގައި އެކަނި އެބަ ބާއްވާ. އެއަށް ވުރެ މާ ރަނގަޅު އެ ހިދުމަތްތައް ރަނގަޅަށް ކުރާ ބަޔަކާ އެކަން ހަވާލު ކުރުން،" ހިޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އޯގާތެރިކަން ނުލިބޭ ދުވަސްވީ މީހުންނަށް 65 އަހަރު ވުމުން ދައުލަތުން ދޭ 5،000ރ. އެ ހިދުމަތަށް ހޭދަކުރެވިދާނެ އެވެ.

އިޖުތިމާއީ ކަންކަމުގައި އުޅުއްވާ މުހައްމަދު ޝިހާބު ވިދާޅުވި ގޮތުގައި ދުވަސްވީ މީހުން އަމިއްލައަށް އެދިގެން ގޮސް އުޅެވޭނެ އަޅާލުމާއި އޯގާތެރިކަން ލިބޭ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރުން ލާޒިމެވެ. އެއީ ވަޒީފާތަކުގައި ބުރަކޮށް އުޅޭ ދަރިންނަށް މައިންބަފައިންނަށް އަޅާނުލެވޭ މައްސަލައަށް ހައްލު ލިބޭނެ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެފަދަ ތަންތަން ވާނީ، ޝިހާބު ވިދާޅުވި ގޮތުގައި، ދަރިން ބޭނުން ކޮންމެ ވަގުތެއްގައި މައިންބަފައިން ކައިރިއަށް ޒިޔާރަތްކުރެވޭނެ ތަންތަނަށެވެ.

"މިދައްކަނީ މުސްކުޅި ވީމަ މައިންބަފައިން އެއްލައިލާ ވާހަކައެއް ނޫން. ދަރިން ބިޒީކޮށް އުޅޭއިރު މައިންބަފައިން އެކަނި ގޭގައި ބޭއްވުމަށް ވުރެ ރަނގަޅު ހިދުމަތް ލިބޭ ތަނަކަށް ދުވަސްވީ މީހުން ގެންދިއުން،" ޝިހާބު ވިދާޅުވި އެވެ.

އެމީހެއްގެ މައިންބަފައިން ބަލާނީ އެމީހެކޭ ބުނެގެން މި ޒަމާނުގައި ތިބެވޭކަށް ނެތެވެ. މީހުން ބިޒީވެ، ގޭގައި މަޑުކުރަން ދެވޭ ވަގުތު ވަނީ މަދުވެފަ އެވެ. އެހެންކަމުން މައިންބަފައިން ބެލުމުގެ ޒިންމާ ނަގާނެ ގޮތްތައް ވެސް ދަނީ ބަދަލުވަމުންނެވެ. އެއީ މިއަދުގެ ހަގީގަތެވެ. އެހެންކަމުން ދުވަސްވީ މީހުންނަށް ޚާއްސަ މަރުކަޒެއް ހަދަން ސަރުކާރުން އިސްނެގުމަކީ ރަނގަޅު ނިންމުމެއް ކަމަށް، އެތައް ބަޔަކު ދެކެ އެވެ.