ފާއިޒް: ލިންކް ސާވް ކޮޅަށް ޖަހަން ބުރަ މަސައްކަތްތަކެއް ކުރެއްވި -- ފޮޓޯ: ބްރޭންޑްސް އޮފް މޯލްޑިވްސް
16 ފެބުރުއަރީ 2020 - 12:43
ވިޔަފާރިއެއް ފަށަން ބައެއް ފަހަރު މާ ބައިވަރު ފައިސާއެއް ބޭނުމެއް ނޫނެވެ. ރާއްޖޭގައި ކުޑަ އިންވެސްޓްމަންޓަކުން ފަށައި، މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތަކަށް ބަދަލުކޮށްފައިވާ ވިޔަފާރިތައް ބައިވަރެވެ. މީގެ އެއް މިސާލަކީ މަޝްހޫރު ލިންކް ސާވް އެވެ. އެއީ އެންމެ 70،000ރ.ގެ މުދާ ލައިގެން ފެށި ވިޔަފާރި އެކެވެ. އެކަމަކު އެ ނަސީބު ގަދަ 70،000ރ. ގެ އިންވެސްޓްމަންޓް މިހާރު ވަނީ ގާތްގަނޑަކަށް 60މިލިއަން ރުފިޔާ އަށް ބަދަލުވެފަ އެވެ. އެ ކުންފުނި މިހާރު ވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ މަސައްކަތް ކުރާ އެންމެ ވަރުގަދަ އެއް ކުންފުންޏަށް ވެފަ އެވެ.
މިއީ، އާދައިގެ ވާހަކައެއް ނޫނެވެ؛ މީގެ 18 ވަރަކަށް އަހަރު ކުރިން، ދެބެއިން ގުޅިގެން އުފެއްދި ލިންކް ސާވް މި މާކެޓްގެ އެންމެ ކުރިއަށް ޖެހި، ވަރުގަދަ ކުންފުންޏަކަށް ވުމުގައި އެންމެ ފާހަގަ ކުރަން ޖެހޭ ކަމަކީ، މިއަދު އެ ކުންފުނި އޮތީ އެއްވެސް އެހެން މީހަކަށް ނުދަރާ އޮތް ކަމެވެ. ކުންފުނީގެ ފިހާރަތައް ތަރައްގީ ކުރުމަށް އެ ބޭފުޅުން އެއްވެސް ލޯނެއް ނުނަންގަވަ އެވެ. ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަދި ކުންފުނީގެ އެއް ޝެއާ ހޯލްޑާ އިބްރާހިމް ފާއިޒް ވިދާޅުވި ފަދައިން ކުންފުނި ނަގައި ކޮޅަށް ޖެހީ މުވައްޒަފުންނާ އެކު ކުރި ބުރަ މަސައްކަތުންނެވެ. އަދި ހަމަ އެހެންމެ، އޭނާ ވިދާޅުވި ގޮތުން "އުސޫލުތަކެއް ހިފަހައްޓައިގެން"ނެވެ.
ލިންކް ސާވް އިން މާލޭގައި ހިންގާ ފިހާރައެއް-- ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"އެންމެ ބޮޑަށް ގެންގުޅުނު އުސޫލަކީ ބިޒްނަސް އެތިކްސް އިން ބޭރު ނުވުން. ކަސްޓަމަރުންނަށް އެއްވެސް އޮޅުވާލުމެއް ނެތި ކަންކަން ކޮށްދިނުން. ވަރަށް އިތުބާރު ކުރާނެ އަޅުގަނޑުމެންނަށް ހުރިހާ ކަސްޓަމަރުން ވެސް،" މިހާރު 51 އަހަރުގެ ވިޔަފާރިވެރިޔާ ވިދާޅުވި އެެވެ. "ހުރިހާ އެއްޗަކީ މަސައްކަތް ކުރުމުގެ ޑިސިޕްލިން. އަޅުގަނޑުމެން އެކަންކަމަށް ވަރަށް ބަލަން. އަޅުގަނޑާއެކު މަސައްކަތް ކުރާ ސްޓާފުންނަށް އަބަދު ވެސް އެނގޭނެ އޮފީސް ގަޑީގައި އަޅުގަނޑާ ދިމާވާނީ ކޮންތާކުންކަން މިވެނި ގަޑިއެއްގައި އުޅޭނީ ފިހާރައިގަ ތޯ ނުވަތަ އޮފީހުގައިތޯ. ކޮންމެ ދުވަހަކީ ވެސް މުވައްޒަފުންނާ އަޅުގަނޑު ބައްދަލު ކުރާ ދުވަހެއް. އަޅުގަނޑު އަބަދު ވެސް ބަލަނީ މުވައްޒަފުންނަކީ ވެސް އަޅުގަނޑުމެންގެ ވިޔަފާރީގެ ބައިވެރިން ކަމުގައި."
ލިންކް ސާވް، 2002 ގައި ބިންގާ އެޅީ، ފާއިޒް އާއި އޭނާގެ ބޭބެ މުސްތޮފާ ފާއިޒް ގުޅިގެންނެވެ. ފާއިޒް ވިދާޅުވި ގޮތުގައި ލިންކްް ސާވް ޕްރައިވެޓް ލިމިޓެޑްގައި ސްލީޕިން ޕާޓްނަރެއްގެ ގޮތުގައި އޭނާގެ ދައްތައަކު ވެސް ހުންނަވަ އެވެ. އެކަމަކު ކުންފުނި ހިންގުމުގައި ދުވަހުންދުވަހަށް ނިންމަންޖެހޭ ކަންތައްތައް ނިންމުމުގެ އެންމެ އިސްފަރާތަކީ މެނޭޖިން ޑައިރެކްޓަރުގެ ހައިސިއްޔަތުން ފާއިޒެވެ. އޭނާ ވިދާޅުވި ގޮތުގައި ލިންކް ސާވްގެ ފުރަތަމަ ފިހާރަ އަބަދަށްފެހި މަގުގައި ހުޅުވި އިރު އެއީ ވަރަށް ކުޑަކުޑަ ފިހާރައެކެވެ. އެހެން ނަމަވެސް، އެތަން ހުޅުވިއިރު، ލިބިފައި އޮތް އެންމެ ބޮޑު އެއް ނަސީބަކީ ފާއިޒަކީ މި މަަސައްކަތުގެ ތަޖުރިބާކާރު މާހިރެއް ކަމެވެ. އޭރު އޭނާ އަކީ ދިރާގުގެ އިންޖިނޭރެކެވެ.
"އަޅުގަނޑު ދިރާގުގައި އުޅުނިން 19 އަހަރު. ދިރާގުގައި މަސައްކަތް ކުރަމުން އައިއިރު އެ ދުވަސްވަރު އެންމެ ދަތިވި ކަމަކީ ޓެކްނޮލޮޖީއާ ގުޅޭ އެއްޗެހި ރާއްޖެއިން ލިބެން ނެތުން. މި ސާވިސް އަޅުގަނޑުމެން ދޭން ފެށި މައިގަނޑު ސަބަބަކީ އެއީ،" އޭނާ ވިދާޅުވި އެވެ. "ފިހާރައިގެ މުދަލަށް އަޅުގަނޑުމެން ހަރަދުކުރީ އެންމެ 70 ހާސް ރުފިޔާ. އޭރު ފިހާރައިގައި ބަހައްޓާނެ މުދާ މަދުވެގެން، ފޮށިން އޭތި ނަގައި ފޮއްޓާއި ޕްރޮޑަކްޓް ވަކިން ޑިސްޕްލޭގައި ބަހައްޓައިގެން މިކަން ފެށީ."
ފާއިޒް އިންޓަވިއު ދެއްވަނީ: ވިޔަފާރީގައި މުހިންމީ މުވައްޒަފުން ކަމަށް ވިދާޅުވި -- ފޮޓޯ: ބްރޭންޑްސް އޮފް މޯލްޑިވްސް
އެކަމަކު ފަސް އަހަރުވީ އިރު، ލިންކް ސާވް އާންމުންގެ ތެރޭގައި މަގްބޫލް ފިހާރައަކަށް ވެ، ފިހާރަ ބޮޑުކުރަން ޖެހުނެވެ. އެހެންވެ، ރަށްދެބައި މަގުގައި ބޮޑު ފިހާރައަކަށް ލިންކް ސާވް ބަދަލުކޮށް، މި މާކެޓަށް ފުޅާ ދާއިރާއެއްގައި ނުކުތެވެ. މިއަދު ލިންކްް ސާވްގެ ފަސް ފިހާރަ ހުރެ އެވެ. އެއީ މާލޭގައި ހުރި ދެ ފިހާރައިގެ އިތުރުން ކުޅުދުއްފުއްޓާއި، ހުލުމާލެ އާއި އައްޑޫގައި ހުރި ފިހާރަ އެވެ. ދެ މުވައްޒަފުންނާ އެކު ފެށި ކުންފުނީގައި މިހާރު 85 މުވައްޒަފުން ހިމެނޭއިރު، ފާއިޒް ވިދާޅުވި ގޮތުގައި މާކެޓް ޝެއާގެ 80 ޕަސެންޓް ކޮންޓްރޯލް ކުރަނީ އެ ކުންފުނިންނެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ ލިންކް ސާވް އަކީ މި ދާއިރާގައި އައި.ސީ.ޓީ ދާއިރާގައި ރާއްޖޭގައި އެންމެ މަތީގައި އޮތް ކުންފުންޏޭ،" އޭނާ ވިދާޅުވި އެވެ. "ލިންކް ސާވް ބޮޑަށް މީހުންނަށް އެނގެނީ ނެޓްވޯކިން ދާއިރާ އާއި ސެކިއުރިޓީ ދާއިރާގައި. އެކަމަކު އަޅުގަނޑުމެން މިއީ ހަމައެކަނި ވިއްކާ ބައެއް އެކަންޏެއް ނޫން. އަޅުގަނޑުމެން ދޭ ހިދުމަތްތަކުގެ ތެރޭގައި ނެޓްވާކް ސެކިއުރިޓީ އަދި ޑޭޓާ ސްޓޯރޭޖްގެ އިތުރުން އެންޓަޕްރައިސް ތަފާތު ސޮލިއުޝަންސްތައް ހިމެނެ އެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް ޓަކައި އެންމެ މުހިންމު ކަމަކީ ވިޔަފާރީގެ ބައިވެރިންނެކޭ އެއްގޮތަށް ސްޓާފުންނަށް ވެސް ކަންކަން ކޮށްދިނުން. އަޅުގަނޑުމެން މި ހިސާބަށް އައުމުގައި އެންމެ ބޮޑު ކަމަކަށް ވާނީ މިތާނގައި ތިބި ގިނަ ދުވަސްވީ މުވައްޒަފުން."
ކުންފުނި މިހާ ހިސާބަށް އައީ ފާއިޒް ވިދާޅުވި ގޮތުގައި ވަރަށް ބޮޑަށް ޕްލޭން ކުރެވިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޑަ ވިޔަފާރިއެއް ފުޅާކުރުމަށް ޓަކައި ވަރަށް ގިނަ ކަންތައްތަކަށް ވިސްނަން ޖެހެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މާކެޓަށް އަންނަ ބަދަލުތައް ދެނެގަތުމެވެ.
"މާކެޓް ވަރަށް ބޮޑަށް ރިސާޗް ކުރަމުން ދިޔައީ. އަޅުގަނޑުމެން ބަލަމުން ދިޔައީ ޓެކްނޮލޮޖީ ބަދަލުވަމުން ދަނީ ކިހިނެއްތޯ؟ ހުރިހާ ދިމާއަކުން ބަލަން އަންނަމުން ދަނީ ކޮންކޮން ބަދަލުތަކެއްތޯ؟ ކުރިއަށް އޮތް ތާނގައި އަންނާނީ ކޮންކަހަލަ ބަދަލުތަކެއްތޯ؟" ދެ ކުދިންގެ ބައްޕަ ވިދާޅުވި އެވެ. "އެގޮތަށް އާންމުންގެ ބޭނުންތަކަށް ވިޔަފާރި ބަދަލުކުރަމުން ދިޔައީ އަހަރުން އަހަރަށް. އަޅުގަނޑުމެން އެކި ފެއާތަކަށް ވެސް ދިޔައިން. އޭގެ ބޭނުމަކީ އާ ޓެކްނޮލިޖީތައް ތައާރަފުވަމުން އަންނަ އިރު އެއާ އެއްވަރަށް ފައިތިލަ ސާބިތުކުރުން."
ލިންކް ސާވް ފިހާރައެއްގެ އެތެރެ -- ފޮޓޯ: ބްރޭންޑްސް އޮފް މޯލްޑިވްސް
ހަމައެއާ އެކު އަބަދު ވެސް ހިފަހައްޓަމުން އައި އެހެން އުސޫލުތަކެއް ވެސް ލިންކް ސާވް އިން ދިޔައީ ގަވައިދުން ހިފަހައްޓަމުންނެވެ. ޓެކްނޮލޮޖީ ކިތަންމެ ބަދަލުވިޔަސް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވިއްކަމުން އައި އެއްޗެހި މެދުނުކެޑި ވިއްކުމެވެ.
"މިހާރު ވެސް ހުންނާނެ މީގެ 18 އަހަރު ކުރިން ވެސް ވިއްކި އެއްޗެހި. އެންމެ ކުރިން ވިއްކި ކަނެކްޓަރު އަދިވެސް ލިބެން ހުންނާނެ. އެކަމަކު އެއާ އެކު އެހެން ދިމާތަކުން ވެސް އަޅުގަނޑުމެންނަށް ކުރިއެރުންތައް ލިބި އެތަކެތި އިތުރުވަމުން ދާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނިން ދެން އެންމެ އިސްކަން ދޭ އަނެއް ކަމަކީ މުވައްޒަފުންގެ ކަންކަމެވެ. ކުންފުނީގައި 8-10 އަހަރު ހިދުމަތް ކޮށްފައިވާ ގިނަ މުވައްޒަފުންތަކެއް ހިމެނޭއިރު، ފާއިޒް ދެކެވަޑައިގަންނަވަނީ އެއީ ކާމިޔާބެއްގެ ގޮތުގަ އެވެ. އެކަމާ އޭނާ އުފާ ކުރައްވަ އެވެ. އަދި ވިދާޅުވީ، މުވައްޒަފުން ހަރުލެއްވޭނެ ހުރިހާ ގޮތްތަކެއް ހޯދުމަކީ އޭނާގެ އެއް މަސައްކަތް ކަމެވެ. ނަތީޖާ އަކީ، ލިންކް ސާވް އަކީ ރާއްޖޭގައި ނިސްބަތުން އެންމެ ގިނަ ދިވެހިން ގެންގުޅޭ އެއް ކުންފުނި ކަމެވެ. ކުންފުނީގެ މަތީ ހުރިހާ މަގާމަކާއި ހުރިހާ ފިހާރަތަކެއްގެ ސްޓާފުންގެ ގޮތުގައި ތިބީ ދިވެހިންނެވެ.
"މިތާނގައި 80 ޕަސެންޓް ތިބޭނީ ދިވެހިން. އަޅުގަނޑުމެން އަބަދު ވެސް ބަލަން މުވައްޒަފުންނަށް އެންމެ އުނދަގޫވާނީ ކޮން ކަމެއްތޯ. ހަމައެކަނި މުސާރަ ދީފައި އެ މީހުން ދޫކޮށްލަނީއެއް ނޫން." އޭނާ ވިދާޅުވި އެވެ.
"18 އަހަރުގެ ވިޔަފާރީގެ އެންމެ ބޮޑު ތަޖުރިބާއަކީ ގިނަ ދުވަހު މުވައްޒަފުން ގެންގުޅުން. އަޅުގަނޑު ދެކޭ ގޮތުގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް ޓަކައި އެންމެ މުހިންމު ކަމަކީ ވިޔަފާރީގެ ބައިވެރިންނެކޭ އެއްގޮތަށް ސްޓާފުންނަށް ވެސް ކަންކަން ކޮށްދިނުން. އަޅުގަނޑުމެން މި ހިސާބަށް އައުމުގައި އެންމެ ބޮޑު ހިއްސާއަކަށް ވާނީ މިތާނގައި ތިބި ގިނަ ދުވަސްވީ މުވައްޒަފުން."
ލިންކް ސާވް ފިހާރައެއްގެ އެތެރެ -- ފޮޓޯ: ބްރޭންޑްސް އޮފް މޯލްޑިވްސް
އަށާރަ އަހަރު ފާހަގަ ކުރާއިރު، ދެން އޮތީ ލިންކް ސާވްގެ ކުރިމަގެވެ. ފާއިޒް ވިދާޅުވި ގޮތުގައި މި ދާއިރާއިން ކުރިއަށް ދިއުމަށް ދެވެން އޮތް ހުރިހާ މަގެއް ދަނީ ބަލަމުންނެވެ. ހަމަ އެހެންމެ، ކުންފުނިން އަންނަނީ އާ ވިޔަފާރިތަކާ ދިމާއަށް ވިސްނަމުންނެވެ.
އޭގެ ތެރެއިން އެއް ތަޖުރިބާ ލިންކް ސާވުން މިހާރު އަންނަނީ ކުރަމުންނެވެ. ޒަމާނީ ޑެލިވަރީ ސާވިސް "ރެޑް ބޮކްސް" އެވެ.
"މިހާރު އޮތް ޓްރާސްޕޯޓް މެކޭނިޒަމްގެ ތެރެއިން ގޮސް ސީދާ ކަސްޓަމަރުންނާ ހަވާލު މި ކޮށްދެނީ."
މި ވިޔަފާރިއާ ދޭތެރޭ ވެސް ފާއިޒްގެ އުންމީދުތައް ބޮޑެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިމަގުގެ ވިޔަފާރިއަކީ އޮންލައިން ވިޔަފާރި އެވެ. މިއީ، ފާއިޒް ވިދާޅުވި ގޮތުގައި ކުދި ވިޔަފާރިވެރިންނަށް ވެސް، އެ މީހުންގެ ވިޔަފާރިތައް ފުޅާކުރުމަށް ހުޅުވޭނެ ދޮރާއްޓެކެވެ.
"ރާއްޖޭގައި އޮންލައިން މާކެޓް މިދަނީ ފުޅާވަމުން. ރާއްޖޭގައި އޮންލައިން މާކެޓް އޭގެ ގޮތުގައި ފުޅާވަމުން ނުދާ މައިގަނޑު ސަބަބަކީ މިކަހަލަ ނިޒާމެއް ގާއިމްވެފައި ނެތުން. އަޅުގަނޑުމެންނަށް މިކަން ކާމިޔާބު ކުރެވިއްޖިއްޔާ ދެން ހުރި އެހެން މީސްމީހުންގެ ވިޔަފާރިތައް ވެސް ފުޅާވެގެން ދާނެ. މިކަމަށް ވެސް ހަމަ ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކޮށްފިން."
ލިންކް ސާވްގެ ކުރިމަގު އޮތީ އުޖާލާކޮށެވެ! އެކަން ކުރުމަށް ޓަކައި ގަދައަޅައި މަސައްކަތް ކުރުމަށް ފާއިޒް ހުންނެވީ ތައްޔާރަށެވެ! އޭނާގެ ޓީމް އޮތީ ކެރިގެން ކުރިމަތިލާށެވެ! އެހެން ކަމަށް ވަންޏާ ލިންކް ސާވް އާންމުންގެ ސިކުނޑިއަކުން ނުފޮހެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިިިއިންކާލް
17 February 2020
މާޝާ ﷲ .
މާލިކު
17 February 2020
ރާްއްޖޭގައި ، ޚާއްޞަކޮށް މާލޭގައި ތަރުކާރީ އާއި މޭވާ ފުޅާކޮށް ވިއްކަން އަލަށް ފެށީ އިބްރާހިމް ފާއިޒްގެ ބައްޕައޭ ބުނުމަކުން ދޮގަކަށް ނުވާނެ. އޭރު ނަން މަޝްހޫރު " ގްރީންގްރޯސަރ" ގެ ނަމުގައި މިހާރު އެހެރަ އިމްޕީރިއަލް ކްލިނިކް ހުރިތަނުގައި އެމަސައްކަތް ފެށީ.
ތެދުމާނަ
17 February 2020
ތިތަން ވިޔަފާރި ކުރި އެރީ ޕޮލިހާއި ދިރާގުގެ މިންނެއް މަސައްކަތުންކަން ހަދާން ނެތުނީ ދޯ. ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްވަރުން ވަރަށް ކުދިކޮށް ފެށިކަމުގަ ވިޔަސް ކުރިއެރިދާނެ. ގުޅަން ޖެހޭ މިހާ ހޯދަންޖެހޭނީ.
ހާަަަަަ
17 February 2020
ސާބަސް ވވވވވ މޮޅު
ރަދީފް
16 February 2020
ސާބަހޭ ލިންކް ސާވް.ވިޔަފާރިއާއި ގުޅުން ހުރި މިފަދަ އާޓިކަލްތައް ގިނައިން ގެނެސް ދިނުން އެދެން.ސާބަހޭ ''މިހާރުއޮންލައިން''.
އަދުނާނު އިބްރާހިމް
16 February 2020
ސާބަސް ދީ.ރަދީފްވެސް ނިކަން ރަގަޅަށް ދަރިން ތަރުބިއްޔަތު ކުރަން އިބްރާހިމް ކާރިއަށް ދޭބަލަ.ނުވަތަ އިބްރާހިމް ކާރީ ބުނެބަލަ ދަރިން ތަރުބިއްޔަތު ކުރަން ދަސްކޮށްދޭން އޭނަގެ އަމިއްލަ ވާޝަނެއްގައި އޭނަގެ ވާހަކައާއި ތަޖުރިބާ ބޮޑު އޯޑިއަންސަކަށް ޗެރިޓީއެއްގޮތަށް ހިލޭ ކިޔާލަ ދޭން ޤާވާޢިދުން ރާވާށޭ.
އަހުސަން ޢިމާދު
16 February 2020
ގްރީން ގްރޯސަރ އިޝްތިހާރުތައް ހަނދާން އެބަހުރި ހެއްޔެވެ.މިއީ އެތަނުގެ ވެރިޔާ ފާއިޒްގެ ދަރިއެކެވެ.ފާއިޒް އަކީވެސް އެދުވަސްވަރުގެ ނިސްބަތުން ބޮޑު ވިޔަފާރިވެރިއެކެވެ.އޭނަގެ ވިޔަފާރިއަށް ބަޔަކު ރާވައިގެން ވިހަލީއެވެ.މިއަދު އޭނާގެ ދަރިން އަނެއްކާވެސް ވިޔަފާރީގައި މެދުއުޑުގައި ފިޔަ ޖަހަނީއެވެ.މިއީ މައިންބަފައިން ރަގަޅަށް ތަރުބިއްޔަތުކުރި އަދި ޙަލާލުތަކެތި ކާންދީގެން ބޮޑުކުރި ހަރުދަނާ ދަރިންތަކެއްގެ ތެރެއިން އެކެއްގެ ވާހަކައެވެ.މާތްﷲ ބަރަކާތް ލައްވާށި.
ނިޝާނު
16 February 2020
ފާއިޒުގެ ދަރިފުޅު އަޅުގަނޑު ދަންނަން. ވަރަށް ރަނގަޅަށް ތަރުބިއްޔަތު ކޮށްފައި ހުރި ހަރުދަނާ ޒުވާނެއް. ރިވެތި އަޚްލާގެއްގެ ދެބަފައިން.