ލުތުފީގެ ވާހަކަ ޕްލޯޓް މީހުން ކިޔައިދޭ ގޮތް

ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ގެ ބަޔަކާ އެކު މާލެ އަރައި ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށްލުމުގައި އިސްވެ ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އޭނާގެ ދިފާއުގައި އެތައް ވާހަކައެއް ދައްކާފައިވެ އެވެ. އޭނާގެ މައްޗަށް ހިންގި ޝަރީއަތުގައި ބުނީ، މި އުދުވާނީ ހަމަލާ އަކީ އޭނާގެ އިސްނެގުމެއް ނޫން ކަމަށާއި އެއީ ޕްލޯޓްގެ ލީޑަރު އުމާ މަހޭޝްވަރަމްގެ ރޭވުމެއް ކަމަށެވެ. އަދި އޭނާގެ ކިބައިން ސަލާމަތް ނުވެވި، އޭނާއާ ގުޅިގެން ހުރިހާ ކަމެއްގައި އުޅުނީ ކަމަށް ވެސް ބުނެފައިވެ އެވެ.


ލުތުފީ ފިލައިގެން އުޅެމުން ނޫސްތަކަށް ދީފައިވާ އިންޓަވިއުތަކުގައި، އޭނާ އަކީ ވަރަށް ސާފު މީހެއްކަން ދައްކަން މަސައްކަތްކޮށްފައިވެ އެވެ. އެހެންވެ މި ކިޔައިދެނީ، އުމާ މަހޭޝްވަރަމް އާއި ލުތުފީ ރާއްޖޭގެ ވެރިކަން ބަދަލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރި އިރު އުމާ މަހޭޝްވަރަމްގެ ޕްލޯޓް ޖަމާއަތުގެ ތަރުޖަމާނަކަށް ހުރި ސްކަންދާ އާއި ހަނގުރާމާގައި ބައިވެރިވި ޕްލޯޓްގެ މެންބަރަކު ލުތުފީއާ ބެހޭ ގޮތުން ލަންކާގެ ޑެއިލީ މިރާ އަށް 2015 ގައި ދިން އިންޓަވިއުއަކުން ފާހަގަވި ކަންކަމެވެ.

ދިވެހިންގެ 19 މީހެއްގެ މަރުގެ ޒިންމާ އޮތް ލުތުފީ މަރަން ހުކުމްކޮށް، އުމުރަށް ޖަލުގައި ބަހައްޓާފައި ހުއްޓާ ޖެނުއަރީ، 16، 2010 ގައި ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުމަށް ފަހު އޭނާ ވަނީ މިދިޔަ މެއި 1 ގައި، ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އަމިއްލައަށް އަމާންދީފަ އެވެ. އެކަމަކު އޭނާ ރާއްޖެ ގެނެވޭނެ ގޮތެއް އަދިވެސް ނުވާ ކަމަށްވެ އެވެ.

ލުތުފީ އަކީ އުމާ މަހޭޝްވަރަމްގެ ސަޕޯޓަރެއް

ސްކަންދާ ބުނި ގޮތުގައި އޭނާ ވަނީ ލުތުފީ އާއި އުމާ މަހޭޝްވަރަމްއާ އެކު އެކި ފަހަރުމަތިން އެކުގައި ބައްދަލުވެފަ އެވެ. އެ ބައްދަލުވުންތަކުގައި ލުތުފީ ދައްކާ ވާހަކަތަކުން، އޭނާ އަކީ އުމާ މަހޭޝްވަރަމް އަށް ވަރަށް ތާއީދުކުރާ މީހެއްކަން އެނގޭ ކަމަށް ސްކަންދާ ބުންޏެވެ.

"ލުތުފީ ސިޔާސީ ކަންކަމާ ބެހޭ ގޮތުން އަހަންނާ ވާހަކަ ދައްކާނީ ވަރަށް މަދުން،" ސްކަންދާ ބުނެފައިވެ އެވެ.

ވާހަކަ ދެކެވޭ ފަހަރަކު ވެސް އޮންނަނީ ދިވެހިރާއްޖޭގައި، ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި އާދައިގެ މީހަކަށް ހަމަޖެހިލައިގެން އުޅެވެން ނެތްކަން ވިސްނައިދިނުން ކަމަށް ތަރުޖަމާނު ބުންޏެވެ. ދުވާލެއްގެ އާމްދަނީ އަށް އެންމެ ޑޮލަރެއް ވެސް ނުލިބޭ ކަމަށާއި މިސްރަށް މީހުން ފޮނުވައިގެން ދީނީ ހަރުކަށި ފިކުރު ފަތުރަން މައުމޫން މަސައްކަތްކުރައްވާ ކަމަށް ވެސް ލުތުފީ ބުނެފައިވާ ކަމަށް ތަރުޖަމާނު ބުންޏެވެ. ލުތުފީ ބުނި ގޮތުން ނަމަ އެއީ ލަންކާ އަށް ވެސް ކުރިމަތިވާނެ ބޮޑު ނުރައްކަލެކެވެ.

އަހަރެމެންނަކީ އިންޑިއާ ސިފައިންނާ ހަތިޔާރު ހަވާލުކުރަން ޖެހޭނެ ހަމައެކަނި ޖަމާއަތް. އެހެންވެ ލުތުފީ އެއްބަސްވޭ ދިވެހިރާއްޖޭން އަހަރެމެންނަށް ފަޅުރަށެއް ދީ އެ ރަށަށް އަހަރެމެންގެ ހަތިޔާރު ގެންދަން. އޭގެ ފަހުން އަހަރެމެންނަށް ކުދި ބޯޓުތަކުގައި ލަންކާ އަށް އެ ހަތިޔާރު ގެންދެވޭނެ

ތަރުޖަމާނު ބުނި ގޮތުން ނަމަ، ލުތުފީ އަކީ ސަރުކާރާ ދެކޮޅު މީހަކަށް ވާތީ އޭނާ ރާއްޖެ އަށް ހިނގައްޖެ ނަމަ މަރާލާނެ ކަމަށް ވެސް ބުންޏެވެ. އޭނާ ބުނީ ލުތުފީގެ މި ވާހަކަތަކުގެ ސަބަބުން އުމާ މަހޭޝްވަރަމްގެ ވިސްނުން ބަދަލުވެ ލުތުފީ އަށް "އެހީވާން ނިންމީ" ކަމަށެވެ.

ރާއްޖެ އަށް ދިން ހަމަލާ އަށް ފަހު ޖުލައި 16، 1989 ގައި އުމާމަހޭޝްވަރަމަށް ބަޑިން ހަމަލާދީ މަރާލި އެވެ. އިންޑިއާ އާއި އެކި ގައުމުތަކުން އަސްކަރީ ތަމްރީނު ހޯދާފައިވާ އުމާ މަރާލި ކަމަށް ބޮޑަށް ބެލެވެނީ ވާދަވެރި އެލްޓީޓީއީންނެވެ. މަރާލާފައި އޮއްވައި ފެނުނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ މާ ދުރު ނޫން ހިސާބަކުންނެވެ.

ޕްލޯޓް ޖަމާއަތުގެ ލީޑަރު އުމާ މަހޭޝްވަރަމް

ޕްލޯޓާއި ލުތުފީގެ ވިސްނުން "އެއްގޮތް"

ޕްލޯޓަކީ ސްރީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް ގާއިމުކުރަން ހަނގުރާމަކުރި މައި ޖަމާއަތް ކަމަށްވާ ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ގެ ތެރެއިން އުފެދުނު ޖަމާއަތެކެވެ. އެލްޓީޓީއީގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން އާއި އުމާ މަހޭޝްވަރަމްއާ ޖެހެނު މައްސަލަތަކެއްގައި، އެލްޓީޓީއީގެ ހަތިޔާރުތަކެއް ވެސް ހިފައިގެން އުމާ މަހޭޝްވަރަމް ފިލައި ޕްލޯޓް ޖައާއަތް އުފެއްދީ އެވެ.

"އަހަންނަށް ގަބޫލުކުރެވެނީ އުމާ އާއި ލުތުފީގެ ގުޅުން އެހާ ވަރުގަދަވީ ނާއިންސާފާ ދެކޮޅަށް އޭރު ކުރި މަސައްކަތުގައި ލުތުފީ ދެއްކި ވާހަކަތަކުގެ ސަބަބުން ކަމަށް. ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކުރުމަކީ ޕްލޯޓް ޖަމާއަތުގެ ސިޔާސަތުގައި ހިމެނޭ ކަމެއް ނޫން. އަދި އެއީ އަހަރެމެން ދެއްކި ވާހަކައެއް ވެސް ނޫން،" ސްކަންދާ ބުންޏެވެ.

ސްކަންދާ ކިޔައިދީފައިވާ ގޮތުން ނަމަ، ރާއްޖޭގެ ވެރިކަން ބަދަލުކުރަން ލުތުފީއާ އެކު ހަނގުރާމަވެރިން ފޮނުވަން އުމާ އަމިއްލަ އަށް ނިންމުމާ އެކު ޕްލޯޓް ޖަމާއަތުގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދުނެވެ. އުމާ އޭނާގެ ނިންމުން ދިފާއުކޮށް ބުނި ކަމަށް ވަނީ ޕްލޯޓަކީ އިންސާފު ހޯދައިދޭން މަސައްކަތްކުރާ ބައެއް ކަމަށާއި އަނިޔާވެރިކަމުން ސަލާމަތްކޮށްދޭން ބަޔަކު އެދުމުން އެކަން ކޮށްދޭންވާނެ ކަމަށެވެ.

ޕްލޯޓަށް ރާއްޖޭގެ ރަށެއް ދޭން ލުތުފީ އެއްބަސްވި

އެ ދުވަސްވަރަކީ ސްރީ ލަންކާގެ ދާޚިލީ ހަނގުރާމަ އެންމެ ވަރުގަދަ އަށް ހިނގި ދުވަސްވަރެވެ. އެހެންވެ ހަނގުރާމަ ހުއްޓުވައި ސުލްހަ ގާއިމުކުރުމުގައި އިންޑިއާ މެދުވެރިއެއްގެ ދައުރު އަދާކުރި އެވެ. ޕްލޯޓް ޖަމާއަތުގެ ބާރު ކެނޑި އިންޑިއާ ސިފައިންނަށް އަމާންދޭން ޖެހިދާނެ ކަމުގެ ކަންބޮޑުވުން އޭރު އެ ޖަމާއަތުގެ ވެރިންގެ މެދުގައި އޮތެވެ.

"އަހަރެމެންނަކީ އިންޑިއާ ސިފައިންނާ ހަތިޔާރު ހަވާލުކުރަން ޖެހޭނެ ހަމައެކަނި ޖަމާއަތް. އެހެންވެ ލުތުފީ އެއްބަސްވޭ ދިވެހިރާއްޖޭން އަހަރެމެންނަށް ފަޅުރަށެއް ދީ އެ ރަށަށް އަހަރެމެންގެ ހަތިޔާރު ގެންދަން. އޭގެ ފަހުން އަހަރެމެންނަށް ކުދި ބޯޓުތަކުގައި ލަންކާ އަށް އެ ހަތިޔާރު ގެންދެވޭނެ،" އުމާއާ ހަވާލާދީ ތަރުޖަމާނު ބުންޏެވެ.

ޕްލޯޓްގެ ވެރިންގެ މެދުގައި މަޝްވަރާނުކޮށް، ރާއްޖެ އަށް ހަނގުރާމަވެރިން ފޮނުވައިދޭން އުމާ އެއްބަސްވި އެއް ސަބަބަަކީ މިއީ ކަމަށް ތަރުޖަމާނު ބުންޏެވެ.

ހަނގުރާމައިގެ ބައިވެރިން ކަނުބަނދެގެން ޝަރީއަތަށް ހާޒިރުކުރަނީ

ހަނގުރާމަ ރާވަމުން ދިޔައީ ލުތުފީ ބައިވެރިވެގެން

ލުތުފީގެ ވާހަކަތައް ގަބޫލުކޮށް އުމާ ނިންމީ ރާއްޖެ އަށް ހަނގުރާމަވެރިން ފޮނުވާށެވެ. ސްކަންދާ ބުނީ މިކަމަށް ހާއްސަކޮށްގެން އުމާ އޭނާގެ 80 ވަރަކަށް ހަނގުރާމަވެރިޔަކު ހާއްސަކޮށް، ސިއްރު މިޝަނެއްގެ ގޮތުގައި އެކަން ރާވަން ފެށި ކަމަށެވެ. ތަރުޖަމާނު ބުނި ގޮތުގައި، މި މީހުންގެ ތެރެއިން ބައެއް މީހުން ރާއްޖެ އަށް ގޮސް އައިސް އުޅެ އެވެ. އެ މީހުން ދިޔައީ މާލެ އާއި އިމާރާތްތަކުގެ ޗާޓުތައް ކުރަހައި ލުތުފީއާ އެކު ބައްދަލުވުންތައް ބާއްވަމުންނެވެ.

މިކަން ލަންކާގައި ހިނގަމުން ދިޔައިރު، ތަރުޖަމާނު ބުނި ގޮތުން ނަމަ، ޔޫރަޕްގައި ތިބި ޕްލޯޓްގެ މެންބަރުން ދިޔައީ މާލެ އަށް ދަތުރުކުރަން ބޯޓެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެއީ ހަނގުރާމަ އަށް ދިއުމަށާއި ހަނގުރާމައިގެ ފަހުން ވެސް މާލެ އާއި ލަންކާއާ ދެމެދު ދަތުރުކުރުމަށެވެ.

ސްކަންދާ ބުނި ގޮތުން ނަމަ ހަނގުރާމައިގެ ހުރިހާ ކަމެއް ރާވަމުން ދިޔައީ ލުތުފީ އާއި އުމާ އަދި ޕްލޯޓްގެ އެހެން ދެ ލީޑަރުން ކަމަށްވާ ވަސަންތީ އާއި ފާރޫގެވެ. އޭނާ ބުނީ ރާއްޖެ ހިފުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާނެ ކަމަށް އެ މީހުން ބުނަމުން ދިޔަ ކަމަށެވެ. އެކަމަކު ހަނގުރާމައިގެ ރޭވުންތައް ފެށި ހިސާބުން ދިމާވާން ފެށީ މައްސަލަތަކެވެ.

ރޭވި ގޮތަށް އެއްވެސް ކަމެއް ނުވި

މާލެ އަށް ދާން ފްރާންސުން ގަތް ބޯޓު، އެންމެ ފަހު ވަގުތު ފްރާންސުން ހިފެހެއްޓި އެވެ. އެއީ އެ ބޯޓުގެ އިންޝޫރެންސް ފައިސާ ނުދައްކާ އޮތުމުންނެވެ. ހަނގުރާމައިގެ ޕްލޭން ފެއިލް ވިޔަ ނުދޭން ހަނގުރާމަވެރިން ދެން ކުރި ކަމަކީ ލަންކާގެ ކަލްޕިޓިޔާ އިން ދެ މަސްބޯޓު ފޭރިގަތުމެވެ. އެއް ބޯޓަށް އެރީ ވަސަންތީގެ ގްރޫޕެވެ. އަނެއް ބޯޓުގައި ލުތުފީ އާއި ފާރޫގުގެ ގްރޫޕެވެ. އޮކްޓޫބަރު 30، 1988 ގެ ދަންވަރު ފުރައިގެން މާލެ އަރަން ނިންމީ ނޮވެމްބަރު ދެ ވަނަ ދުވަހުގެ ރޭގެ ވަގުތަކަށެވެ.

ރާވާފައި އޮތީ ބާބޫ ކިޔާ ހަނގުރާމަވެރިއެއްގެ މޭސްތިރިކަމުގައި އޮތް ގްރޫޕުން މާލޭގެ ރޭޑިއޯ ސްޓޭޝަނާއި މުއާސަލާތީ ހިދުމަތް ހިފައި ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށާއި ފާރޫގުގެ ގްރޫޕުން ރައީސް މައުމޫނާއި ޑިފެންސް މިނިސްޓަރު ހައްޔަރުކުރުމަށެވެ. ލުތުފީ އާއި ވަސަންތީ އަށް އޮތީ ސިފައިންގެ ހިފުމެވެ.

ތަރުޖަމާނު ބުނި ގޮތުން ނަމަ މާލެ އަށް އެރުމާ އެކު މާލެ އިން ބަޔަކު ލުތުފީއާ ގުޅޭ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ޕްލޯޓްގެ ހަނގުރާމަވެރިޔަކު ސިފައިންގެ ހަމަލާއެއްގައި މަރުވެފައި: ވަސަންތީ މަރުވުމާ އެކު ހަނގުރާމަވެރިންގެ ކޮމާންޑް ގެއްލި މަސައްކަތްކުރީ ފިލަން

ދަތުރު ފެށުމާ އެކު މައްސަލަތައް ކުރިމަތިވާން ފެށި އެވެ. މޫސުން ގޯސްވެ މަސްބޯޓު އޮޔާ ދާން ފެށީ އޮސްޓްރޭލިއާ ދިމާލަށެވެ. ކަނޑަށް ބަލި ހަނގުރާމަވެރިން ބޯ އަނބުރައި ހޮޑުލާން ފެށި އެވެ.

"ކިތަންމެ ކުޑަ އެތިކޮޅެއް ކާލިޔަސް ލެވެނީ ހޮޑު،" ދަތުރުގައި ބައިވެރިވި ރަހަވާން ކިޔާ މީހަކު ޑެއިލީ މިރާ އަށް ބުނެފައިވެ އެވެ.

އޭނާ ބުނި ގޮތުގައި ނޮވެމްބަރު ދެ ވަނަ ދުވަހަށް މާލެ ދެވޭނެ ކަމަށް ލަފާކުރި ނަމަވެސް ދެވުނީ ޖެހިގެން އައި ދުވަހުގެ ފަތިހު 4:00 ހާއިރު އެވެ. މާލެއާ ގާތްކުރި އިރު ބޯޓު ބަނދަރުކުރަން ޖާގައެއް ނުލިބުނެވެ. އެކަމަކު ލުތުފީމެން ތިބި ބޯޓު ޖާގައެއް ހޯދައި، އެންމެ ކުރިން ބަނދަރުކޮށް މާލެ އަށް ފޭބި އެވެ. އެކަމަކު ލުތުފީ ބުނި ގޮތަށް، އޭނާއާ ބައިވެރިވާން އެއްވެސް ބަޔަކު ނާދެ އެވެ. ޕްލޯޓްގެ މީހުން ގަބޫލުކުރީ މާލެ އަށް އަރާނެ ކަމަށް ބުނި ދުވަހަށް އެކަން ނުވުމުން، ލުތުފީގެ ސަޕޯޓަރުން ނުނިކުންނަނީ ކަމަށެވެ. ރަހަވާން ބުނީ އެހެންވެ ދެން ޖެހުނީ، މާލެ އަށް ފޭބި ގޮތަށް ސިފައިންގެއާ ދިމާލަށް ދާން ކަމަށެވެ. މުއާސަލާތުކުރުމަށް ބޯޓުގައި ގެންގުޅުނު ސެޓު މޫދަށް ވެއްޓި އެ ހަލާކުވި އެވެ. އެހެންވެ، ދެ ބޯޓުގެ ދެމެދުގައި ގުޅުން ކެނޑި އަދި ލަންކާގައި ތިބި ޕްލޯޓްގެ ވެރިންނާ ވެސް ގުޅުން ކެނޑުނީ އެވެ.

އެ ހިސާބުން ދެން އަހަރެމެންނަށް އެނގިއްޖެ މާލޭގައި ތިބި އަހަރެމެންގެ މީހުން ގޮވައިގެން އަވަހަށް ފިލަންވީކަން. ޖެހިގެން އައި ދެ ގަޑިއިރު ތެރޭ ސިފައިންނާ އެކު ހަތް ބޯޓެއް އައިކަން އެނގޭ. އަހަރެމެން މާލޭގެ ޖަނަރޭޓަރުތައް ނިއްވާލައި ރަށް އަނދިރިކޮށްފައި ތައްޔާރުވީ ފުރަން. މާލޭގައި އަހަރެމެންގެ ތިން މީހަކު މަރުވި. ދެން ބާކީ ތިބި އެންމެން (ނޮވެމްބަރު 4) ގެ ދަންވަރު 12:10 ވީއިރު ބޯޓަށް އަރައި ދަތުރު ފެށިން

އެންމެ ފުރަތަމަ މާލެ އަށް ހަނގުރާމަވެރިން ފޭބީ މާލޭ ކޮމާޝަލް ހާބަރުންނެވެ. އެ މީހުން ފައިބައިގެން ދަނިކޮށް ސިފައިންގެ މީހަކާއި އިމިގްރޭޝަން އޮފިސަރަކު ފެނި އެ މީހުންނާ ދިމާލަށް ބަޑި ޖެހި އެވެ. މި ފޮނުވާލި އުންޑަތައް ވީ، ބޮޑު އުދުވާނަކާ ކުރިމަތިވެދާނެ ކަމަށް ތައްޔާރު ނުވެ ތިބި ސިފައިން ތައްޔާރީ ހާލަތަށް ގެނުވި ކަމަކަށެވެ. ހަނގުރާމާގައި ބައިވެރިވި ރަހަވާން ބުނީ ސިފައިންގެއާ ދިމާކޮށްލުމާ އެކު ދިވެހި ސިފައިން ހަމަލާ ދޭން ފެށި ކަމަށެވެ.

މުޅި ޕްލޭންގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގި ހުރި ވަސަންތީ ހިމެނުނީ ސިފައިންގެ ރައްދު ހަމަލާގައި އެންމެ ފުރަތަމަ މަރުވި ޓެރަރިސްޓުންގެ ތެރޭގަ އެވެ. ޓެރަރިސްޓުން ސިފައިންގެ އަށް ހަމަލާދީ އެތަން ހިފަން ކުރި މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ. ކުރެވުނުހާ ވެސް ކަމަކީ ސިފައިން ބޭރަށް ނުކުތަ ނުދީ ހިފަހައްޓާލެވުން ކަމަށް، ހަނގުރާމާގައި ބައިވެރިވި ރަހަވާން ކިޔައިދީފައިވެ އެވެ.

ފިލައިގެން ދަނިކޮށް ލުތުފީ ހައްޔަރުކޮށްގެން ގެނެސް މާލެ އަށް ބާލަނީ

އަނެއް ބޯޓުގައި ތިބި މީހުންނަށް މާލޭގައި ބަނދަރުކޮށް މާލެ އަށް ފޭބުނީ ފުރަތަމަ ގްރޫޕުން ސިފައިންގެ އަށް ހަމަލާ ދެމުން ދަނިކޮށެވެ. އެ ބޯޓުގައި ތިބި ބާބޫގެ ޓީމަށް ހަވާލުވެފައި އޮތީ މުއާސަލާތީ ހިދުމަތް މެދުކަނޑާލައި ކޮންޓްރޯލް ނެގުމަށެވެ. އެކަމަކު ބާބޫގެ ގްރޫޕް ޓެލެކޮމް ބިލްޑިންގަށް ދިޔައިރު އެތަން ހުރީ ބަންދުކޮށްފަ އެވެ. އެއީ ބަންދު ދުވަހެއްކަމުން މީހަކު ވެސް ފެންނާކަށް ނެތެވެ. ދިން ހަމަލާތަކުން އެތަނުގެ ދަގަނޑު ދޮރު ވެސް ވައްޓައެއް ނުލެވުނެވެ.

ބާބޫގެ ގްރޫޕުން މުއާސަލާތީ ހިދުމަތް ހުއްޓުވާލި ކަމަށް ހީކޮށްގެން ތިބި ފާރޫގުގެ ޓީމުން، އެ މީހުންނާ ހަވާލުވެފައިވާ ގޮތަށް، ރައީސް މައުމޫނާއި ޑިފެންސް މިނިސްޓަރު ހައްޔަރުކުރަން ދިޔަ އެވެ. އެކަމަކު ބަޑީގެ އަޑަށް ރައީސް މައުމޫން ރައްކާތެރިކަން ހޯއްދަވައި ފިއްލެވި އެވެ. އިލްޔާސް ހޯދަން ޓެރަރިސްޓުން އެގެޔަށް ދިޔަ އެވެ. އެމީހުންނާ ބައްދަލުކުރެއްވީ ވެސް އިލްޔާސް އެވެ. އެކަމަކު އެއީ ކާކުކަން އެ މީހުންނަށް ނޭނގުމުން، އިލްޔާސް އަލުން ގޭތެރެއަށް ވަންނަވަން ފުރުސަތު ދިނެވެ. އެވަގުތު ގޭގެ އަނެއް ފަރާތު ފާރުމަތިން ފުންމާލައްވައިގެން އިލްޔާސް ފިއްލެވީ އެވެ.

މުއާސަލާތީ ހިދުމަތް ހުއްޓުވާނުލެވި އޮތުމުން ލިބިވަޑައިގެންނެވި ފުރުސަތުގައި ހެނދުނު 7:00 ހާއިރު މައުމޫން ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި ސްރީ ލަންކާ އަށް ވެސް ގުޅުއްވައި އެހީ އަށް އެދިވަޑައިގެންފަ އެވެ.

އަބްދުﷲ ލުތުފީ: އޭނާ އަކީ ހަމަލާގެ މޭސްތިރި

ނާކާމިޔާބުވެއްޖެކަން އެނގި ފިލަން ދުވުން

ރަހަވާން ކިޔައިދީފައިވާ ގޮތުގައި ރައީސް މައުމޫން އެހީ އަށް އެދިވަޑައިގަތުމާ އެކު އެންމެ ފުރަތަމަ އިޖާބަ ދިނީ ފޯޅަވަހީގައި ތިބި އެމެރިކާ ސިފައިންނެވެ. އޭނާ ބުނީ 7:30 ހާއިރު އެމެރިކާގެ ފައިޓާ ޖެޓެއް މާލެ ވަށައި ބުރެއް ޖެހި ކަމަށެވެ. ރަހަވާން ބުނި ގޮތުގައި މިޝަން ފެއިލް ވެއްޖެކަން އެ ހިސާބުން އޭނާ އާއި ފާރޫގަށް އެނގުނެވެ. އެ ހިސާބުން ދެން ފެށީ ސަލާމަތްވާނެ ގޮތެއް ހޯދުމަށެވެ. އެކަމަކު ހަނދާނެ ގޮތެއް އެ މީހުންނަކަށް ނޭނގުނެވެ. ހަނގުރާމައިގެ ހަގީގީ ކޮމާންޑަރަކީ ވަސަންތީ ކަމަށް ވާއިރު އޭނާ ވަނީ އެންމެ ކުރިން މަރުވެފަ އެވެ. އޭނާ ނެތް ހިނދެއްގައި އަދި ނާކާމިޔާބު ވެއްޖެ ހިނދެއްގައި ފިލައިގެން ދިއުމުގެ އެއްވެސް ޕްލޭނެއް އޮތީއެއް ނޫނެވެ.

"އަހަރެމެން މާލޭގައި ބަންދުވީ. މުއާސަލާތު ކުރެވޭނެ ގޮތެއް ނެތް. އަހަރެމެންގެ 80 ހަނގުރާމަވެރިން ސަލާމަތްވެގެން ދާނެ ގޮތެއް ނެތް،" ރަހަވާން ބުންޏެވެ.

އޭނާ ބުނީ މާލޭ ބަނދަރުގައި އޮތް ޕްރޮގްރެސް ލައިޓް ހައިޖެކްކޮށް، އާންމުން ރަހީނުކޮށް އެޔަށް އަރުވައިގެން ދަތުރު ފެށުމަކީ ސަލާމަތްވާން ރޭވި "އިމަޖެންސީ ޕްލޭނެއް" ކަމަށެވެ.

"އިރުއޮއްސި ހައެއް ޖެހި އިރު އިންޑިއާގެ ފުރަތަމަ މަތިންދާބޯޓު ސިފައިންނާ އެކު އައިސް ޖައްސައިފި،" ރަހަވާން ބުންޏެވެ.

"އެ ހިސާބުން ދެން އަހަރެމެންނަށް އެނގިއްޖެ މާލޭގައި ތިބި އަހަރެމެންގެ މީހުން ގޮވައިގެން އަވަހަށް ފިލަންވީކަން. ޖެހިގެން އައި ދެ ގަޑިއިރު ތެރޭ ސިފައިންނާ އެކު ހަތް ބޯޓެއް އައިކަން އެނގޭ. އަހަރެމެން މާލޭގެ ޖަނަރޭޓަރުތައް ނިއްވާލައި ރަށް އަނދިރިކޮށްފައި ތައްޔާރުވީ ފުރަން."

އިންޑިއާ ސިފައިން ވަނީ މި ބޯޓު ހުއްޓުވައި، އެންމެން އަތުލައިގެންފަ އެވެ. އިންޑިއާ ސިފައިންގެ ހަމަލާގައި ވެސް އެތައް ބަޔަކު މަރުވި އެވެ. އަދި ބޯޓު އަޑިއަށް ދިޔަ އެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ލުތުފީއާ އޮތް ގުޅުމާ މެދު ސުވާލެއް އުފައްދަން ޖާގައެއް ނެތްކަން ޕްލޯޓްގެ މެންބަރުން ކިޔައިދީފައިވާ ވާހަކަތަކުން ވެސް އެނގެ އެވެ. ރާއްޖެ ހިފައި ވެރިކަން ބަދަލުކުރަން ޖެހޭކަން ވިސްނައިދިނުމާއި ހަނގުރާމަ ރޭވުމުގައި ލުތުފީ ބައިވެރިވެފައިވާ މިންވަރު ސާފުކޮށް އެބަ އެނގެ އެވެ.