ރިޕޯޓް

ހުޅުލެއަށް އަރަން އިންޑިއާ ސިފައިންނަށް ބެލުނީ ގަމު ޗާޓު!

ފުރަތަމަ ޕްލޭންކުރީ ޕެރަޝޫޓްގައި ސީދާ މާލެއަށް ފައިބަން. އެކަމަކު އެއީ ކުރެވޭ ވަރު ކަމެއްގެ ގޮތުގައި ނުފެނުމުން ފަހު ވަގުތު ހުރިހާ ޕްލޭނެއް ބަދަލުކުރި.

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް އެރި ޓެރަރިސްޓުންގެ ކިބައިން ސަލާމަތްކޮށްދިނުމަށް އެދި އިންޑިއާގައި އެހީއަށް އެދުމާ އެކު އެ ގައުމުން އައި ސިފައިންގެ ދެ މަތިންދާބޯޓު ހުޅުލޭ އެއާޕޯޓްގައި. އަދި އެ ބޯޓުތަކުން ބޭލި އަސްކަރީ ބައެއް ސާމާނު.

އެހީއަށް އެދި އައި އެ ކޯލުން ކަމުގެ ސީރިއަސްކަން ސާފެވެ. ނޮވެމްބަރު 3، 1988 ގެ ފަތިހު، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ އަމާންކަމުގެ ހިމޭން ޖައްވު ފޫވައްޓާލީ ބަޑީގެ އަޑުންނެވެ. އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދުނިޔޭގެ އެކި ބާރުތަކަށް އެހީއަށް އެދިވަޑައިގެން ގުޅުއްވަމުން ގެންދެވި އެވެ. ކުލީ ހަނގުރާމަވެރިންގެ ބަޔަކު މާލެއަށް އަރައި އެކި އިދާރާތައް ހިފައި ރައީސް ހޯދަން ހަތިޔާރާ އެކު ކޮޅުކޮޅަށް ދުވަނީ އެވެ.

މައުމޫން ގުޅުއްވި ގިނަ ގައުމުތަކުން އެހީތެރިވާން ތައްޔާރަށް ތިބި ނަމަވެސް "ލޮޖިސްޓިކަލީ" އެއީ ކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ. އެކަމަކު އިންޑިއާ، އެ ގައުމުގެ ކުޑަކުޑަ އަވަށްޓެރިޔާ އަށް އެހީވެވޭހާ ގާތުގައި އޮތުމާ އެކު، މައުމޫންގެ ފޯން ކޯލުގެ ނަތީޖާއަކީ "އޮޕަރޭޝަން ކެކްޓަސް" ފެށުމެވެ. އެކަމަކު، މިޝަނަށް ބޭނުންވާ ޖާސޫސީ މައުލޫމާތެއް، ޗާޓެއް އަދި އެކަށީގެންވާ ވަގުތެއް ވެސް ނެތެވެ.

ރާއްޖޭގައި އޭރު އެކި ވިޔަފާރިކޮށް އުޅުނު އަބްދުﷲ ލުތުފީ ސްރީ ލަންކާގެ ޕްލޯޓް (ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް) ގެ ޓެރަރިސްޓުންގެ ބަޔަކު ގޮވައިގެން، މަސްބޯޓުތަކެއްގައި ހަތިޔާރާ އެކު އައިސް މާލެ އެރީ އެންމެން ގަދަ ނިދީގައި ތިއްބަ އެވެ. ސިފައިންގެ މައި މަރުކަޒު، އޭރުގެ ނެޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) އާއި މުހިންމު އެކި އިމާރާތްތައް ވަށާލައި ހަމަލާދޭން ފެށުމާ އެކު މުޅި ގައުމު ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް އޮތީ ވެއްޓިފަ އެވެ.

އޭގެ ގަޑިއިރުތަކެއް ފަހެވެ.

އިންޑިއާގެ އާގްރާގައި، ސިފައިންގެ ތަމްރީންތަކާ ގުޅޭ އެކި މަސައްކަތްތަކުގައި އެ ރޭ ދަންވަންދެން އުޅުމަށް ފަހު ނިދި، އިންޑިއާ ސިފައިންގެ ބްރިގޭޑިއާ ސުބާޝް ސީ ޖޯޝީ (ރިޓަޔާޑް) ކަންނެތް ވެފައި ހުރެ ހެނދުނު ޕީޓީ ނިިންމައި އޮފީހަށް ވަންނަނީ އެވެ. މޭޒުމަތީ ހުރި ބައެއް ލިޔެކިޔުންތައް ބަލައިލުމަށް ފަހު ޓްރެއިނިން އޭރިއާ ކައިރިން ބުރެއް ޖަހާލާފައި އެނބުރި އޮފީހަށް ދަނިކޮށް އައީ ބީއެމް މޭޖާ [ފަހުން ލެފްޓިނެންޓް ޖެނެރަލް] ވިނޯދް ބާތިއާގެ އެންގުމެކެވެ. ވަގުތުން ބްރިގޭޑް ހެޑްކުއާޓާޒަށް ދިއުމަށެވެ.

ޖޯޝީ މި ވާހަކަތައް ކިޔައިދީފައިވަނީ ސެންޓަ ފޯ ޖޮއިންޓް ވޯފެއާ ސްޓަޑީޒްއިން ޝާއިއުކޮށްފައިވާ އޭނާގެ ލިޔުމެއްގަ އެވެ.

ޖޯޝީ ގޮސް ވަން އިރު ގާތްގަނޑަކަށް، ހެނދުނު 10:15 އެވެ. ވަގުތުން ގެންދިޔައީ ބްރިގޭޑިއާ ފާރޫކް ބަލްސަރާގެ އޮފީހަށެވެ. ސުވާލަކީ ދިވެހިރާއްޖެ އޮންނަ ތަނެއް އެނގޭތޯ އެވެ.

"އާއެކޭ ބުނުމާ އެކު ވިދާޅުވީ ބަޣާވާތަކުން ރާއްޖޭގެ ވެރިކަން ވައްޓާލަން ބަޔަކު އުޅޭ ވާހަކަ. އިންޑިއާގެ އެހީތެރިކަމަށް [ދިވެހި ސަރުކާރުން] އެދިފައިވާ ކަމަށް. އަޅުގަނޑަށް އެންގީ ރާއްޖެއަށް ދާނެ ފައުޖެއް އެކުލަވާލައި 12:30 ގައި ފުރޭ ގޮތަށް، އެއާ ފޯސް ސްޓޭޝަނަށް ދިއުމަށް،" ޖޯޝީ ލިޔެފައިވެ އެވެ.

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެ އައި އިންޑިއާ ސިފައިންގެ ކާނަލް ސުބާޝް ސީ ޖޯޝީ (ވ)، އޭރު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަރުން ބެނާރްޖީ އަދި ބްރިގޭޑިއާ ފާރޫގް ބަލްސަރާ (ކ) އެހެން މީހަކާ އެކު، މާލޭގައި ސިފައިންގެ މަރުކަޒު ކައިރީ. -- ފޮޓޯ: އިންޑިއަން އާމީ އާކައިވް

އިންޑިއާގެ ހަނގުރާމައިގެ މެޝިނަރީތައް ވަގުތުން ހިނގައިގެންފި އެވެ. މިޝަން ކޮމާންޑަރު ޖޯޝީ އެ ދުވަހުގެ ކަންކަން އަމިއްލަ ތަޖުރިބާއިން، ތަފްސީލާ އެކު ލިޔަމުން ބުނެފައިވަނީ އާގްރާގެ ޕެރަޝޫޓް ބްރިގޭޑަށް މިޝަންގެ މައުލޫމާތު ލިބުނީ ވެސް 10 ޖަހައިގެން ދިޔަ ފަހުން ކަމަށެވެ.

ވެރިރަށް ނިއު ދިއްލީން އާގްރާއަށް ދިޔަ މަތީ ފެންވަރުގެ ޓީމަކުން ފުރަތަމަ ޕްލޭންކުރީ ޕެރަޝޫޓްގައި ސީދާ މާލެއަށް ފައިބައި ހަމަލާތައް ފަށާށެވެ. އެކަމަކު ބްރިގޭޑިއާ ޖޯޝީ އާއި އެއާ ފޯސް ޕައިލެޓުން ވަގުތުން އެ ހުށަހެޅުމާ ދެކޮޅު ހެދި އެވެ. އެ މީހުންނަށް އެއީ މޮޔަ ހިޔާލެކެވެ. މާލެއަށް ޕެރަޝޫޓްގައި ފައިބަން ބުނާ ސަރަހައްދުގެ ބޮޑުމިން، ޕެރަޓްރޫޕާސްގެ ނަޒަރުގައި އެއީ "ރުމާލެއް" ވަރުގެ ތަންކޮޅެކެވެ. ރާއްޖެއަށް ދާން އިންޑިއާ ސިފައިން ބޭނުންކުރަން ހަމަޖެހިފައި އޮތް، އައިއެލް-76 ގެ ބިޔަ ޓްރާންސްޕޯޓް ޕްލޭނުން ފުންމާ ނަމަ އެންމެ ކުޑަވެގެން ވެސް 1-2 ކިލޯމީޓަރުގެ ސަރަހައްދަކަށް ނޫނީ ނުފޭބޭނެ ކަމަށް އެންގި އެވެ. އަދި އަމުދުން، ނުވެސް ދަންނަ ތަނަކަށް އެގޮތަށް ފައިބައިން އުޅުމަކީ އަމިއްލައަށް މަރުވުން ކަމަށް އެ މީހުން ސިފަކުރި އެވެ.

މާލޭގެ ލައިން ޑައިގްރާމެއް ބޯޑުގައި އޭރު ހުރި. ބްރީފިން ނިމެން ކައިރިވިތަނާ [ސަފީރު] ބެނާޖްރީ، ބިވޫރްގެ ކައިރިއަށް ޖެހިލާފައި އެ ޑައިގްރާމަކީ ރާއްޖޭގެ އެންމެ ދެކުނުގައި، މާލެއާ 400 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ، ކުރިން އިނގިރޭސިންގެ މަރުކަޒެއް ހިންގި ގަމުގެ ކުރެހުމެއް ކަމަށް ވިދާޅުވި: ޖޯޝީ

ޖޯޝީ ބުނެފައިވާ ގޮތުގައި، ޓްރިވެންޑްރަމްގައި ތިން ދުވަހު ތިބެން ޖެހިދާނެ ކަމަށް ތައްޔާރަށް ތިބުމަށް އޭނާ އަށް އެންގި އެވެ. އަދި ރާއްޖެއަށް އަރަން ޕެރަޝޫޓް އެސޯލްޓް، އެއާލޭންޑިން، ހެލިލޭންޑިން، އަދި ސީ ލޭންޑިންގައި އަމަލުކުރަންވީ ގޮތުގެ އިތުރު އިރުޝާދު ލިބޭނެ ކަމަށް ވެސް އޭނާއަށް އޮތީ އަންގައިފަ އެވެ.

އޭރު ލިބިފައިވާ މައުލޫމާތަކީ ރަތް ކުލައިގެ މަދަޝިޕެއްގައި 100 އާއި 500 އާ ދެމެދުގެ އަދަދަކަށް ހަނގުރާމަވެރިން ގޮސް މާލެއަށް އަރައިގެން އުޅޭ ކަމަށެވެ. މާލޭގައި ހުރި ޓެލެފޯން އެކްސްޗޭންޖާއި ރޭޑިއޯ އަދި ޓީވީ ސްޓޭޝަން ވެސް އެ މީހުންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ކަމަށް އިންޑިއާ ސިފައިންނަށް އޮތީ އަންގައިފަ އެވެ.

ޖޯޝީގެ ދަށުން ހަމަޖެއްސި ރުޕިންދަރު (ސީ ކޮމްޕެނީ) އާއި އުމެދް (ޑީ ކޮމްޕެނީ) އަށް ބްރީފިން ދީ ނިންމާލިތަނާ އޭނާއަށް އަނެއްކާ ޖެހުނީ ބްރިގޭޑިއާގެ ހެޑްކުއާޓާޒަށް ދާށެވެ.

މެންދުރު 12:20 އެހާއިރު ކޮމާންޑަރުގެ އެންގުމަކީ މިއީ އެވެ؛

އެއް ގްރޫޕަކުން ޖެހޭނީ ވައިކުޑައިގައި މާލެއަށް ފައިބައި ހަމަލާ ދޭށެވެ. އަނެއް ގްރޫޕް ކަނޑުމަގުން ނުވަތަ ވައިކުޑައިގައި ނުވަތަ ހެލިކޮޕްޓަރުގައި ގޮސް ހަމަލާގައި ބައިވެރިވާނީ އެވެ.

މި ޓާސްކްގައި، ހުޅުލޭ އެއާޕޯޓް ހަނގުރާމަވެރިންގެ އަތްދަށުގައި ނެތް ނަމަ އެތަނަށް ފައިބައި، ރައީސް މައުމޫން އަބްދުލްގައްޔޫމް ހޯދައި ސަލާމަތް ކުރުމުގެ ވިސްނުމާ އެކު އޮޕަރޭޝަން އެތަނުން ކުރިއަށް ގެންދިއުން ވެސް ހިމެނެ އެވެ. އަމާޒަކީ ރަށުތެރެއަށް ކަނޑުމަގުން އެރޭނެ ރައްކާތެރި ސަރަހައްދެއް ގާއިމުކުރުމާ އެކު، ހުޅުލޭ އެއާޕޯޓަށް އިންޑިއާ ސިފައިންގެ ބޯޓުތަކަށް ޖެއްސޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމެވެ. އޭގެ ފަހުން މާލެއަށް އަރައި ހަނގުރާމަވެރިން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ސިފައިންގެ ފައުޖުތައް ޖަމާވެ ބާރު ގަދަކުރަމުން ދިއުމެވެ.

ނޮވެމްބަރު 3، 1988 ގައި މާލެއަށް ޕްލޯޓްގެ ހަނގުރާމަވެރިން އެރި އިރު މާލެ އޮތް ގޮތާއި މުހިންމު ތަންތަން ފާހަގަކޮށް، އިންޑިއާ ސިފައިންގެ ކުރީގެ ބައެއް އޮފިސަރުން ހިއްސާކޮށްފައިވާ ފޮޓޯއެއް.

މި ހުރިހާ ޕްލޭނެއް ކުރަހަމުން ދިޔައިރު ވެސް، ވައިކުޑައިގައި މާލެއަށް ނުފޭބިއްޖެ ނަމަ ނުވަތަ އެއާޕޯޓްގައި ހަނގުރާމަވެރިންގެ ބާރު އޮތް ނަމަ އެނބުރި ގޮސް ޓްރިވެންޑްރަމްގައި މަޑުކުރުމުގެ ޕްލޭނެއް އޮތެވެ.

އެހާ ހިސާބަށް ދިޔައިރު އަންގާފައި އޮތީ، ފުރާނީ މެންދުރު ފަހު 3:30 ގައި ކަމަށެވެ.

ފުރަން ތައްޔާރުވެ އެންމެން ޕެރަޝޫޓާއި ދެން ވެސް އެއާ އެކު ބޭނުންވާ ހުރިހާ ސާމާނެއް ހަމަކުރަނީ އެވެ. ޖޯޝީ އަނެއްކާވެސް ބްރިގޭޑް ހެޑްކުއާޓާޒަށް ގެންގޮސް އިތުރު އެންގުންތަކެއް އަންގައިފި އެވެ.

"އަޅުގަނޑާ ހަވާލުވީ ހުޅުލޭ އެއާޕޯޓަށް ދެވުމާ އެކު، އެތަނުގައި ހުރިހާ ހުރިހާ ވަސީލަތެއްގެ ކޮންޓްރޯލް ހޯދުން. ވީ އެންމެ އަވަހަށް، ކޮންމެ ގޮތަކުން ވިޔަސް އެކަން ކުރުމަށް އެންގި،" ޖޯޝީ ލިޔެފައިވެ އެވެ.

އަނެއް ޕްލެޓޫންގެ ކޮމާންޑަރު ރުޕިންދުރަ އަށް ޖޯޝީ އެންގީ މާލެއަށް ގޮސް ރައީސް މައުމޫން ހޯދައި ސަލާމަތް ކުރުމަށެވެ. އެކަން ކުރުމުގައި އުމެދުގެ ޑީ ކޮމްޕެނީއާ ހަވާލުވީ މާލެއަށް އަރައި ފޭބޭނެ "ބީޗްހެޑް" އެއް ގާއިމްކުރުމެވެ. އެހެން ޓީމުތަކަކަށް އެއާޕޯޓްގެ އިރުމަތީ ފަރާތް ބެލެހެއްޓުމާއި އެއާޕޯޓާއި މާލެ ފާސްކުރުން ފަދަ އެކި ޓާސްކްތައް ދިނެވެ.

ޖޯޝީ ބުނެފައިވާ ގޮތުން އޭރު ވެސް އެއާ ފޯސް ސްޓޭޝަނާ، މި ޓީމުތަކާ އެއްވެސް މަޝްވަރާއެއް ކުރަން ވަގުތެއް ނުވެ އެވެ.

ހުޅުލެއަށް ފައިބަން ޕްލޭން ހެދުނީ ގަމުގެ ޗާޓެއް ބަލައިގެން

ވެރިރަށް ނިއު ދިއްލީގެ ހާއްސަ ޓީމު އައީ މެންދުރުފަހު 3:30 ގަ އެވެ. ޓީމުގައި މިލިޓަރީ އޮޕަރޭޝަންސް ޑައިރެކްޓްރޭޓްގެ ބްރިގޭޑިއާ ވީ.ޕީ މާލިކާއި ޑިރެކްޓާ އޮފް ޓްރާންސްޕޯޓް އެންޑް ހެލިކޮޕްޓާސް ގްރޫޕް ކެޕްޓަން އަޝޯކް ގޯޔަލް، ޑިރެކްޓާ އޮފް ޓްރާންސްޕޯޓް އެންޑް ހެލިކޮޕްޓާސް އަދި އޭރު ޗުއްޓީއަކަށް ދިއްލީއަށް ވަޑައިގެން ހުންނެވި، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަރުން ކުމާރް ބެނާރްޖީ އެވެ.

"ޕެރަޓްރޫޕާސް މާލޭގެ ހުސް ބިމަކަށް ފޭބުމަކީ ޕްލޭން ކަމަށް ބުނެ އެ މީހުން ވާހަކަ ދައްކަން ފެށި. އެއީ ޕެރަޓްރޫޕާސް ނުވަތަ އޭވިއޭޓަރުންގެ ނަޒަރުން ރުމާލެއް ވަރުގެ ތަންކޮޅެއް. އައިއެލް-76 [މަތިންދާބޯޓަކުން] ފުންމާ ނަމަ އާންމު ގޮތެއްގައި 2 މީޓަރު / 1 މީޓަރުގެ ސަރަހައްދެއް އެންމެ ކުޑަކޮށް ވެސް ބޭނުންވާނެ،" ސުވާލުތަކާއި އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް މުޅި ޕްލޭން ދިޔަ މަޝްވަރާގެ ހަނދާން އާކޮށް ޖޯޝީ ލިޔެފައިވެ އެވެ.

ބްރިގޭޑިއާ ބަލްސަރާ އެ ހިސާބުން ޖޯޝީގެ މޫނަށް ބަލައިލި އެވެ. ޖޯޝީގެ ބޮލުގެ އިޝާރާތުން، އެކަމެއް ނުވާނޭ ބުންޏެވެ. ގްރޫޕް ކެޕްޓަން ބިވޫރް ވެސް ޖޯޝީއާ އެއްބަސްވެ، އެ ޕްލޭނަށް ނޫނެކޭ ބުންޏެވެ.

"އަހަރެމެން އެ ގޮތް ރަނގަޅު ނޫން ކަމަށް ބުނެ، ވައިގެ މަގުން ގޮސް [އެއާޕޯޓްގައި] ޖައްސަން ހުށަހެޅިން."

އެކަމަކު ޖޯޝީ ލިޔެފައިވާ ގޮތުގައި ދިއްލީން އައި ޓީމުން އަނެއްކާވެސް އިތުރު ދެ އިހުތިޔާރެއް ދިނެވެ. އެއީ ހުޅުލޭ އެއާޕޯޓަށް ނުވަތަ ގަލޮޅު ފުޓްބޯޅަ ދަނޑަށް ޕެރަޝޫޓްގައި ފޭބުމެވެ. ނަމަވެސް ޓީމުތަކުން އެ ދެ ހުށަހެޅުމަށް ވެސް ނޫނެކޭ ބުންޏެވެ.

"މި ހިސާބުން، ބްރިގޭޑިއާ ބަލްސަރާ ވާހަކަ ދައްކަން ފަށައި، ބްރިގޭޑިއާ މާލިކް އިށީންނަން ބުނެފި. އަދި ހުޅުލެއަށް ޖައްސައި، އެތަނުން މިޝަން ކުރިއަށް ގެންދިއުމުގެ ޕްލޭން ހުށަހެޅި،" އިތުރު އޮޅުންތަކެއް އެ ހިސާބުން އެރި ހާދިސާއަކާ އެކު ޖޯޝީ ބުނެފައިވެ އެވެ.

ރާއްޖެއަށް އެހީވާން އައި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރެއް

"މާލޭގެ ލައިން ޑައިގްރާމެއް ބޯޑުގައި އޭރު ހުރި. ބްރީފިން ނިމެން ކައިރިވިތަނާ [ސަފީރު] ބެނާޖްރީ، ބިވޫރްގެ ކައިރިއަށް ޖެހިލާފައި އެ ޑައިގްރާމަކީ ރާއްޖޭގެ އެންމެ ދެކުނުގައި، މާލެއާ 400 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ، ކުރިން އިނގިރޭސިންގެ މަރުކަޒެއް ހިންގި ގަމުގެ ކުރެހުމެއް ކަމަށް ވިދާޅުވެއްޖެ،" ހުރިހާ ބްރީފިންއެއް އެ ހިސާބުން ބޭކާރުވީ އެވެ.

ޖޯޝީ ލިޔެފައިވާ ގޮތުގައި ބެނާރްޖީ މާލެ އާއި ހުޅުލެ ދެއްކެވީ ޓޫރިސްޓުންނަށް ތައްޔާރު ކޮށްފައިވާ ފޮތަކުންނެވެ. އޭގައި ކުލަކޮށް، ވަރަށް ރީތި ފޮޓޯތައް ހުރި ކަމަށް އޭނާ ލިޔެފައިވެ އެވެ. އެކަމަކު އެއީ ފަސޭހައިން ލިބެން ހުރި މައުލޫމާތަށް ވީއިރު ވެސް އެހާ ފަހުން އެ ދެއްކުމަކީ ޓީމަށް ލިބުނު ހިތްހަމަނުޖެހުމަކަށްވި އެވެ. ޖޯޝީ ބުނެފައިވާ ގޮތުގައި އެއީ އިންޑިއާގެ ބުކްޝޮޕްތަކުންނާއި ޕޭވްމަންޓްމަތީގެ ގާޑިޔާޔަކުން ވެސް ލިބޭނެ ފޮތެކެވެ.

ހުޅުލެއަށް ޖެއްސުމުގެ ޕްލޭން ކުރިއަށް ދިޔައިރު ވެސް ޕެރަޝޫޓް ބްރިގޭޑް ކޮމާންޑަރު ބްރިގޭޑިއާ ވިވެކް ސަޕަންތަނޭކަރް ގެންގޮސްވީ އޮޕަރޭޝަންސް ރޫމުގަ އެވެ. ޕެރަޝޫޓްގައި ފޭބުމުގެ ނަތީޖާ ކިހިނެއް ވާނެތޯ ސަޕަންތަނޭކަރާ ކުރި ސުވާލަށް ޖަވާބު ދެމުން، އެންމެ ރަނގަޅަށް އެކަން ކުރެވުނަސް ޕެރަޓްރޫޕާސްގެ 40-60 ޕަސެންޓް މީހުން ވެއްޓޭނީ ކަނޑަށް ކަމަށް އޭނާ ބުންޏެވެ.

އިންޑިއާ އިން ރާއްޖެ އައި މަނަވަރު ގޯދާވަރީ މާލެ ބޭރުގައި -- ފޮޓޯ: އަހުމަދު ޝިރަން

މި އޮޅުންބޮޅުމާއި ވާނުވާ ނޭނގުމުގެ ތެރޭގައި، ޕެރަޝޫޓްގައި ފޭބުމުގެ ޕްލޭން އެ ހިސާބުން ހުއްޓާލީ އެވެ.

މިޝަންގައި ބޭނުންކުރަން ތިން އެއާކްރާފްޓް އޮންނާނެ ކަމަށް ކުރިން އެންގި ނަމަވެސް ދެ އެއާކްރާފްޓަށް އެންމެން "ފިޓުވާން" ވެސް ޖެހުނެވެ. ހަތިޔާރާއި އެހެނިހެން ސާމާނާއި މީހުން ހަމަޖެއްސީ ތިން ބޯޓަށްވާ ވަރަށް ކަމަށް ވިޔަސް ފަހު ވަގުތު ދެ ބޯޓަށް ބަހާލަން ޖެހުނެވެ. ޖޯޝީ ބުނީ މި އޮޅުންބޮޅުމަކީ ޓީމުތަކާ ރަނގަޅަށް މުއާސަލާތުކޮށް އަދި ކުރިން ކަންކަން އަންގަމުން ދިޔަ ނަމަވެސް ބޮޑު ކަމަކަށް ނުވެ ހަމަޖެހޭނެ އަދި އެތައް ވަގުތެއް ސަލާމަތްވާނެ ކަންތައްތައް ކަމަށެވެ.

ޖޯޝީގެ ބޯޓުގައި ތެޔޮ ހުރީ ޓްރިވެންޑްރަމާ ހިސާބަށް ދެވޭ ވަރަށް ކަމަށް ވެސް އެނގުނީ ފަހުންނެވެ. އޭނާ ބުނެފައިވާ ގޮތުގައި ތެޔޮ އެޅުމުގެ ހުރިހާ ކަމެއް ކުރަން 4-5 ގަޑިއިރު އާންމުކޮށް ހޭދަވިޔަސް އެ ދުވަހު 90 މިނެޓުން ހުރިހާ ކަމެއް ނިންމާލި އެވެ.

ކަނު އަނދިރީގައި ހުޅުލޭ އެއާޕޯޓަށް

ފުރަން ބޯޓު ނައްޓާލި އިރު ހަވީރު 5:55 ވެއްޖެ އެވެ.

މިހާރު ބޯޓު އެ އޮތީ 29،000 ފޫޓު މަތީގަ އެވެ. މާލެ އާއި ހުޅުލޭގެ ފޮޓޯ ހުރި ޓޫރިސްޓުން "އަތްމަތީ ފޮތް" އަތުޖެހުމާ އެކު ޖޯޝީ ގޮވީ ރައީސް މައުމޫން ސަލާމަތް ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ޓީމުގެ ވެރިޔާ ލެފްޓިނެންޓް އެމްކޭ ސިންހަށެވެ. އެ ފޮތުގައި އިން، މައުމޫން ފޮޓޯ އޭނާއަށް ދައްކައި ބްރީފިން ދިނުމުން ފަހަރަކު މީހަކަށް އެ ދައްކަމުން ގޮސް މުޅި ޓީމަށް ބްރީފިން ހިއްސާކުރި އެވެ.

ޖޯޝީ ބުނެފައިވާ ގޮތުގައި ސިފައިން ދަތުރުކުރަމުން ދިޔައީ އެއްވެސް ޔަގީންކަމެއް ނެތް އިންޓެލިޖެންސް މައުލޫމާތާ އެކު، ނަމަވެސް ފުރިހަމަ އިތުބާރާ އެކުގަ އެވެ.

ޓްރިވެންޑްރަމް ފަސްދީ ގޮސް ހުޅުލެއާ 600 ކިލޯމީޓަރާ ގާތްވުމާ އެކު ބޯޓު ޖައްސަން ތައްޔާރުވާން ފެށި އެވެ. އެއާޕޯޓް އޮތީ ޖެއްސޭ ހާލަތުގައި ކަމަށްވާ ނަމަ ލިބޭނެ ކަމަށް ބުނެފައިވާ ކޯޑްވޯޑް "ހަދިޔާ" ގެ މެސެޖު ވެސް އެ ހިސާބުން ލިބިއްޖެ އެވެ. ޖޯޝީ ބުނީ ބޯޓުން ފައިބަން ޖެހޭނެ ގޮތުގެ އިރުޝާދު ޓީމުތަކަށް ދިނުމަށް ފަހު، ނެވިގޭޓަރުންގެ ކެބިންއަށް ވަން އިރު ރާޑަރަށް ބަލައިގެން ބޯޓު ރަންވޭއާ ސީދާކުރެވޭތޯ އުޅެ އެވެ.

އަނދިރީގައި ބޯޓު ޖައްސަން ތިރިވަނީ އެވެ. ރަންވޭގެ އިތުރުން ހުޅުލޭ ފަޅުން ގާތައް ވެސް ރާޑަރަށް އަރަ އެވެ.

ނޮވެމްބަރު 3، 1988 ގެ ހަމަލާއަށް ފަހު މާލޭ ފަޅުތެރެ އަށް ދޯންޏެއް ފެތިފައި -- ފޮޓޯ: އަހުމަދު ޝިރަން

ބިޔަ އައިއެލް-76 ހުޅުލެއަށް ޖައްސަން ތައްޔާރުވެ، ރަންވޭއާ 20 ކިލޯމީޓަރު ދުރުން، ކަނޑާ 100 ވަރަކަށް މީޓަރަށް ތިރިކުރުމަށް ފަހު ރަންވޭ ލައިޓް ޖައްސަން ހުޅުލެއަށް އެންގި އެވެ. ދިއްލައިލީ ދެތިން ސިކުންތަށެވެ.

"އެ ދިއްލުމާއި ނިއްވާލުމާ މެދު ހޭދަވާނީ 3-5 ސިކުންތު،" ޖޯޝީ ބުނެފައިވަނީ އެސްފިޔަ ޖަހާލުމަށް ވުރެ ވެސް އަވަހަށް ބޮކިތައް ދިއްލިފައި ނިވުނު ކަމަށެވެ.

ކަނު އަނދިރީގައި ބޯޓު ޖައްސަން ތިރިކުރަނީ އެވެ. އެކަމަކު ބޯޓުގެ ލޭންޑިން ގިއަރު ރަންވޭގައި ޖެހުމާ އެކު އަނެއްކާވެސް ރަންވޭގެ ބޮކިތައް ދިއްލައިލި އެވެ. ބޯޓު ދުއްވަން އިން ބިވޫރް އޭނާގެ ހުނަރު އެންމެ ފުރިހަމައަށް ބޭނުންކޮށް ބޯޓު ޖެއްސި ނަމަވެސް، ހަތަރު އިންޖީނު ހުރި އެ ބިޔަ ބޯޓު ކޮންޓްރޯކުރުމުގައި އޭނާއަށް އެތައް އުނދަގުލަކާ ކުރިމަތިވެ އެވެ. ބޯޓު ޖެއްސުމަށް ފަހު، ކޮންޓްރޯލްކޮށް އަނބުރާލި އިރު ރަންވޭގެ ކޮޅުން ބާކީ އޮތީ 300 ވަރަކަށް މީޓަރެވެ.

ހުޅުލެ އޮތީ އަމާންކޮށް

ޖޯޝީ ބުނެފައިވާ ގޮތުގައި ހުޅުލެއަށް ޖައްސައި މުޅި އެއާޕޯޓްގެ ކޮންޓްރޯލް އޮތްކަން ކަށަވަރު ކުރެވުނު އިރު އެ ރޭ 10:45 ވެއްޖެ އެވެ. އެއީ ބޯޓު ޖެއްސިތާ 40-45 މިނެޓް ތެރޭގަ އެވެ. އެކަން އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަށް ވަދެ، ދިވެހި ސިފައިންނަށް ޖޯޝީގެ ޓީމުން އެންގި އެވެ. މިކަމުގެ ތެރޭގައި އިންޑިއާ ސިފައިން ވަނީ އެއާޕޯޓުން ފެނުނު، ޝައްކު ކުރެވޭ ބައެއް މީހުން ހައްޔަރު ވެސް ކޮށްފަ އެވެ. އެކަމަކު އެ މީހުންނަށް ކަމެއް ނުކުރެ އެވެ.

އޭގެ 15 ވަރަކަށް މިނެޓް ފަހުން އިންޑިއާގެ ދެ ވަނަ ބޯޓު ވެސް ހުޅުލެއަށް ޖެއްސި އެވެ. އެ ބޯޓުގެ ކެޕްޓަން، ވިންގް ކޮމާންޑަރު ދިލިއަން ފުރަތަމަ ވެސް ފާޅުކުރީ ހިތްހަމަނުޖެހުމެވެ. ސަބަބަކަށްވީ ބޯޓު ޖެއްސި ވަގުތު އިންޑިއާ ސިފައިންގެ ބައެއް މީހުން ރަންވޭ ހުރަސްކޮށް ދާތީ ފެނުމުންނެވެ. ބޯޓު ދަށުގެ ބަޔަކު މަރު ނުވާ ކަމެއް ވެސް އޭނާއަށް ޔަގީނެއް ނޫނެވެ.

"އެކަމަކު އަޅުގަނޑުގެ އޭރު އޮތް ކަންބޮޑުވުމަކީ މާލެއަށް ދެވޭނެ ގޮތެއް. އޭޓީސީގައި ހުރި، ހުޅުލޭ އެއާޕޯޓްގެ އޮފިސަ އިންޗާޖް، އިބްރާހިމް ފައިސަލަށް ގޮވައި އަޅުގަނޑު ކައިރިއަށް ގެނެސްފި. އޭނާ ބުނީ އެތަނުގައި އޮތީ އެއާޕޯޓްގެ ރެސްކިއުގައި ބޭނުންކުރާ، ފަންސާހަކަށް މީހުންގެ ޖާގައިގެ ބޯޓެއް އެކަނި ކަމަށް،" ޖޯޝީ ލިޔެފައިވެ އެވެ. "އޭނާ ބުނީ ބޯޓުގެ ޑްރައިވަރު ވީތަނެއް ނޭނގިގެން ހޯދާ ވާހަކަ."

ހުރިހާ ސިފައިންނަށް މާލެއަށް ދޭވޭނެ ޖާގަ އޭގައި ނެތުމުން، ފައިސަލްގެ ލަފަޔާ އެކު ކައިރި ރިސޯޓަކުން ހަތް އުޅަނދު އޭގެ ޑްރައިވަރުންނާ އެކު ގެނަ އެވެ. އެކަމަކު ދިވެހި ޑްރައިވަރުންނަށް ބިރުން ދަތުރުކުރާކަށް ނުކެރުނެވެ.

އެހެންވެ، ޖޯޝީ ބުނި ގޮތުގައި އިންޑިއާ ސިފައިންގެ ތެރެއިން މީހުން ހޯދައި ދަތުރަށް ފެށީ އެވެ. ޖޯޝީ ބުނީ އޭނާގެ ދަށުން އޮތް ގްރޫޕް ފޮނުވީ މާލޭގެ ދެކުނު ފަރާތަށް ކަމަށެވެ. އެއީ ހަނގުރާމަވެރިންނަށް އޮޅުވާލުމުގެ ގޮތުން ނިންމި ގޮތެއް ކަމަށް އޭނާ ބުންޏެވެ.

އިންޑިއާ ސިފައިން މާލެ ދިޔައިރު ބާޣީން ފިލަން ދަތުރު ފަށައިފި

"އަޅުގަނޑުމެން ތިބި ބޯޓު ހުޅުލެއިން ނައްޓާލި އިރު މާލޭ ބަނދަރު ދޫކޮށް ބޭރަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފެނުނު. އަޅުގަނޑު އުމެދަށް އަންގައިފިން އެ ބޯޓާ ރޭޑިއޯއިން ވާހަކަ ދައްކަން. އޭރު ބްރިގޭޑިއާ ބުލްސަރާ ވެސް ވަނީ އެކަން ކުރަން އަންގާފައި އޮތްކަން ފަހުން އެނގުނު،" މަންޒަރުތައް ވަކިވަކިން ސިފަކޮށްދެމުން ޖޯޝީ ކިޔައިދީފައިވެ އެވެ.

އިރުކޮޅެއްގެ ތެރޭގައި ސިފައިންގެ ހިފޭނެ ކަމަށާއި ފަސޭހަކަމާ އެކު ރާއްޖޭގެ ވެރިކަން ބަދަލުކޮށްލެވޭނެ ކަމުގެ ހުވަފެނުގައި އައި ޓެރަރިސްޓުންގެ ކުރިމަތީ ދިވެހި ސިފައިން ފަސް ނުޖެހު ދެއްކި ހިތްވަރުން ސިހުން ލިބި ފިލަން ދުވަން ފެށި އިރު އިންޑިއާ ސިފައިންނަށް އަދި މާލެއާ ހިސާބަކަށް ނުފޯރަ އެވެ.

ޓެރަރިސްޓުން ފިލަން އަރާ ތިބި ބޯޓަށް އިންޑިއާ ސިފައިން ހަމަ އެ ވަގުތު ތިން ރޮކެޓް ފޮނުވާލައި އޭގެ ދުވެލި ލަސްކުރުވި އެވެ. އެއީ ޓެރަރިސްޓުން ފިލަން، މާލެއިން ރަހީނުންގެ ގޮތުގައި އެތައް ބަޔަކާ އެކު ފިލަން ދަތުރަށް އެރި އެމްވީ ޕްރޮގްރެސް ލައިޓް އެވެ.

އިންޑިއާ ސިފައިންގެ މަނަވަރު އައިއެންއެސް ގޯދާވަރީ ފަހުން މި މިޝަންގައި ބައިވެރިވެ ދެ ދުވަހެއް ފަހުން ޕްރޮގްރެސް ލައިޓް ހުއްޓުވައި އަދި ހަމަލާދީ ފައްތާލުމުގައި ބައިވެރިވި އެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު މުޖުތަބާ އާއި އިތުރު 67 ރަހީނުން ސަލާމަތްކުރި ނަމަވެސް އިންޑިއާ ސިފައިން އެ ބޯޓަށް އެރުމުގެ ކުރިން ފަސް ރަހީނަކު އަނިޔާވެރިކަމާ އެކު މަރައި ކަނޑަށް އެއްލައިލި އެވެ.

ނޮވެމްބަރު 3، 1988 ގެ ހަމަލާގެ މޭސްތިރި، އަބްދުﷲ ލުތުފީ އާއި އެހެން ބައެއް ޓެރަރިސްޓުން ފިލައިގެން ދަނިކޮށް އަތުލައިގަނެގެން ގެނެސް މާލެއަށް ބާލަނީ.

އިންޑިއާ ސިފައިން މާލެ އަރައި ހުޅަނގު އުތުރު ސަރަހައްދުން އަރައި ފޭބޭނެ ގޮތަށް ސަރަހައްދެއްގެ ކޮންޓްރޯލް ނެގި އެވެ. ދެން ފެނުނީ ފޮށިތަކެއް ހިފައިގެން، ޔުނިފޯމުގައި އައި ބައެކެވެ. ވަގުތުން އެ މީހުން ހައްޔަރުކުރަން އެންގިން ކަމަށް ޖޯޝީ ބުންޏެވެ. އެކަމަކު ފަހުން އެނގުނީ އެއީ އިންޑިއާ ސިފައިންނާ ގުޅިގެން މަސައްކަތްކުރަން އައި ދިވެހި ސިފައިންގެ ބައެއް ކަމެވެ.

ފަރުވާތެރިކަމާ އެކު އެ މީހުންގެ ވާހަކަ އަހައި، އެ މީހުންނާ އެކު ގޮސް އޭރުގެ ޑިފެންސް މިނިސްޓަރުގެ ނައިބު، އިލްޔާސް އިބްރާހިމާ ބައްދަލުކުރި އެވެ. ރައީސް މައުމޫން ހުންނެވި ތަނެއް އެނގުނީ އެ ހިސާބުންނެވެ. އެކަމަކު ރައީސްގެ ސެކިއުރިޓީން އިންޑިއާ ސިފައިންނަށް އެ ގެ ދައްކަން ފަސްޖެހުނު ކަމަށް ޖޯޝީ ލިޔެފައިވެ އެވެ. އެ މީހުން އެއްބާރުލުން ދިނީ ދެ ވަނަ ފަހަރަށް އިލްޔާސްއާ ވާހަކަ ދެއްކުމަށް ފަހުގަ އެވެ.

ޖޯޝީ ބުނި ގޮތުގައި، ރައީސް މައުމޫނާ ބައްދަލުކޮށް، ސިފައިންގެ މަރުކަޒަށް އެ މަނިކުފާނު ގެންގޮސް ހިމާޔަތް ދިން އިރު މެންދަމުން އަލިވެ ދޭއް ޖަހައިފި އެވެ.

ރައީސް މައުމޫން އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރަޖީވް ގާންދީއަށް ގުޅުއްވައި، ސިފައިންގެ އެހީ ލިބި ސަލާމަތްވެއްޖެ ކަމުގެ މައުލޫމާތު ދެއްވި އިރު، ފަތިހު 4:30 އެވެ. މާލެއަށް ޓެރަރިސްޓުން އަރައިގަތްތާ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން، މާލެ އަމާންވެއްޖެ ކަމުގެ މެސެޖު އައެވެ. އެކަމަކު ޓެރަރިސްޓުން ވަނީ 19 ދިވެއްސަކު ޝަހީދުކޮށްލައިފަ އެވެ. އެއީ ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހެކެވެ.

އޮޕަރޭޝަން ކެކްޓަސްގެ ފުރަތަމަ ފިޔަވަހި ނިންމައި މާލޭގައި ހަނގުރާމަވެރިން ނެތްކަން ޔަގީން ކުރުމަށް އޭގެ ފަހުން ގެތަށް ފާސްކުރަމުން ދިޔަ އެވެ. އަމާންކަމުގެ ޔަގީންކަން ލިބެމުން ދިޔަ ވަރަކަށް އިންޑިއާ ސިފައިން ވެސް ރާއްޖެ ދޫކޮށް ދާން ފެށި އެވެ. އެކަމަކު ޖޯޝީ އާއި އޭނާގެ ޓީމު، ވަކި ގޮތަކަށް އަންގަންދެން މާލޭގައި މަޑުކުރަން އެންގުމުން އަހަރެއްހާ ދުވަހު ތިބެން ޖެހުނެވެ.

16 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 7%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 57%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

03 November 2025

ލުތުފީއަކީ ހަތިޔާރާއިއެކު ބަޔަކުގޮވައިގެން ރާއްޖެހިފަން އާދެވޭނެ މާލީ ތަނަވަސްކަމާއި އަދި އެފަދަ ނުފޫޒުގަދަ އެހެން ބާރެއްވެސް އޭނާގެކިބައިގައި ހުރި މީހެއްނޫން. ސިލޯނުގައި އޭނާގެގޭގައި އޭނާހުއްޓާ ބައްދަލުކުރި މީހަކީ ތިޔަކަން ރާވާހިންގުމުގެ މޭސްތިރިކަމަށް ވާނަމަ ލުތުފީއާއި ސަރުކާރާއި ޒާތީކަމެއް އޮތްކަމާއި، "މިކަން ރާވާހިންގި ބަޔަކަށް، ލުތުފީ ބޭނުން ކުރެވިދާނެކަން" އެގި ތިކަންކުރާނީ ވަރުގަދަ ބާރަކުންކަން މައްސަލަ ދިރާސާކުރި ފަރާތްތަކުން ބުނޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

03 November 2025

އެންމެވަރުގަދަ 10 އާރމީ ގެ ތެރޭގައި އޭރުވެސް ހިމެނިފައިވާ އިންޑިޔާގެ މިލިޓަރީ ފޯސްއަށް "އެޤައުމުގެ ޤައުމީސަލާމަތާއި ގުޅުންހުރި ސަރަޙައްދުކަމަށް އެމީހުން ބަލަމުންއަންނަ ސަރަޙައްދުގެ މައުލޫމާތު ނޭގި" ކ.އަތޮޅު ހުޅުލޭގެ ބަދަލުގައި އޮޅުމަކުން ހުޅުލެއާއި 500 ނޮޓިކަލް މޭލު ދުރުގައި އޮތް އައްޑޫ GAN Airport ގެ މައުލޫމާތު ދެވުނުކަމަށް ބުނީމާވެސް އަހަރުމެން ޤަބޫލު ކުރަންވީތޯ؟ އެހެން ވެއްޖެއްޔާ އައްޑޫ ފެންނަހިސާބުގައި ޑިއޮގޯ ގާސިއާ އޮންނަކަންވެސް ނޭގޭނެ.

The name is already taken The name is available. Register?

ކަބުރޭ

03 November 2025

"އިރުކޮޅެއްގެ ތެރޭގައި ސިފައިންގެ ހިފޭނެ ކަމަށާއި ފަސޭހަކަމާ އެކު ރާއްޖޭގެ ވެރިކަން ބަދަލުކޮށްލެވޭނެ ކަމުގެ ހުވަފެނުގައި އައި ޓެރަރިސްޓުންގެ ކުރިމަތީ ދިވެހި ސިފައިން ފަސް ނުޖެހު ދެއްކި ހިތްވަރުން ސިހުން ލިބި ފިލަން ދުވަން ފެށި އިރު އިންޑިއާ ސިފައިންނަށް އަދި މާލެއާ ހިސާބަކަށް ނުފޯރަ އެވެ." އަދިވެސް އެމްޑީޕީ މީހުން ބުނާނެ އެދުވަހު ރާއްޖެ ސަލާމަތް ކުރީ އިންޑިއާ ސިފައިންނޭ.

The name is already taken The name is available. Register?

raajje

03 November 2025

އާޓިކަލްއިން އަޅުގަނޑަށްފާހަގަވި އެއްކަމަކީ އަމިއްލަ ނަފުސާ އަމިއްލަ މުދާ(ހަތިޔާރު) އެއްވެސް ފަސްޖެހުމެއްނެތި ޖެހިލުމެއްނެތި ސުވާލެއްކުރުމެއްނެތި އިންޑިޔާއިން ދިވެހިންގެ ދިފާއުގާ އެދުވަހުބޭނުންކުރިކަން، އިންޑިޔާގެ މިއެހީ މިއަމަލު މިޔަށްވުރެން ކުލަގަދަކޮށް ފާހަގަކުރަންޖެހޭކަމަށް އަޅުގަނޑުދެކެން، ސިޔާސީކަންކަމުގާ އެކިއިރުއެކިގޮތަށް ކަންތައްވަމުންދިޔަޔަސް ނޮވެންބަރު3 ގައި އިންޑިޔާއިންވިއެހީއަށް ދިވެހިންޝުކުރުވެރިވާންޖެހޭނެ،

The name is already taken The name is available. Register?

މުލޭ

03 November 2025

ރާއްޖޭގައި ތާރީޚު ލިޔާ މީހުންނަކީ ވެސް ސިޔާސީ ވިސްނުމުން ލިޔާ ބައެއް. އެ ލިޔުމެއް އޮންނާނީ އޭނާގެ ސިޔާސީ ވިސްނުމާއެއްގޮތަށް އަނެއް ވިސްނުމުގެ މީހާއަަށް ދޭ ޙަމަލާއެއްގެ ގޮތުގައި. ޙަގީގަތް ފޮރުވާލެވެންޏާ ފަސްއަޅައި ފޮރުވާލަން މަސައްކަތް ކުރާނެ. ދިވެހިންގެ އެންމެންނަކީ ވެސް ސިޔާސީވެ ނިމިފައި ތިބޭ ބައެއްކަމުން ލިޔާލިޔުމަކުން ބުނާބުނުމަކުން އަސްލު ޙަގީގަތެއް ނޭނގޭނެ. ނޫސް ވެރިންގެ ތެރޭގައި ވެސް އަތެއްގެ އިނގިލިން ގުނާލެވޭވަރު ތިބެދާނެ ރަނގަޅަށް.

The name is already taken The name is available. Register?

އަޑީގަ ތިބީ އެމެން

03 November 2025

ޕްލޭން ފޭލްވީމަ އަނެއްކޮޅަށް ޖަހައިގެން ސަލާމަތްކުރަން އައީ ދޯ؟

The name is already taken The name is available. Register?

ދޮން ހަސަނު

03 November 2025

ނޮމެވްބަރ 3 ގެ މެޑަލް ޖޯޝީ އަދި ޓީމަށް ޙައްޤުދޯ.

The name is already taken The name is available. Register?

ބަރަކޫޑާ

03 November 2025

މަބުނީ ތިބުނާ ތަމަޅައިން ގެނާ ލުތުފީ ކޮން ރަށެއްތަ؟

The name is already taken The name is available. Register?

މީޒްލީ

03 November 2025

އުފަން އައްޑު އަތޮޅު ހިތަދޫ (ހ. ހާޖަރާގެ، މާލެ.)

The name is already taken The name is available. Register?

ފެނެއޭދޯ

03 November 2025

މިހާރުގެ ޒުވާން ޖީލު ގައުމު ދެކެ ލޯބިވާ މިންވަރު ކުޑަކަން މާލޭ މަގުމަތީގައި ހިނގާލުމުން އެގިގެންދެއޭ ބައެއް އަންހެންވެރިން ހިނގާފައިދާއިރު ދިވެހި ބަހުން ވާހަކަ ދައްކަމުން އައިސް ފިރިހެނަކު ފެންނައިރަށް ބްރޯކެން އިންގްލިޝް އިން ވާހަކަ ދައްކަން ފެށުން މީ އެމެން ހިތުން އެމެންނަކީ ދެން މާމޮޅަށް ކިޔަވައިގެން ތިބި ބައެއް ކަން ފިރިހެނުންނަށް ދައްކަން އެމެން ކުރާ ކަމެކޭ މީ ހަގީގަތުގައި މީހާ ގައިގައި ވަތަނީ އަދި ގައުމީ އެއްވެސް ކަންފުޅެއް ނެތީމާވާގޮތޭދޯ

The name is already taken The name is available. Register?

މަހާރަދުން

03 November 2025

މީގެން އެނގެނީ މިހާ ފަހުގެ ތާރީހެއްގަ ވެސް ހިންގާފަ އޮންނަކަންކަންވެސް ދިވެހިން ގެ ތާރީހުން ސާފު ނުވާކަމާ އޭގެ ތަފްސީލު އެނގެނީ ބޭރު ބައެއްގެ ރިޕޯރޓު ތަކުންނާ ފޮތޯ ތަކުންކަން...ދިވެހިންގެ ރޯނުފިލާ ބަހުން މޮޅު އމަލުން ޗޮކުން ދާކަން...ދެން އަމީން ދީދީގެ ވާހަކަޔަށް އހަރެމެން ވިސް ނާ ...އެ ޗޮކުން ގޮސް ފަ ވާނެ ވަރު.....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454