ލަންޑަން (ޑިސެމްބަރު 28) - ޗައިނާގެ ޝަންހާއީ އެސްއައިޕީ އަށް ބަދަލުވެފައިވާ ބްރެޒިލް މިޑްފީލްޑަރު އޮސްކާ ނެތްތަން ފޫބެއްދުމަށް ޗެލްސީން ރޯމާގެ ރަޖާ ނައިންގޯލާން ގެންނަން މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޮސްކާ ވަނީ 60 މިލިއަން ޕައުންޑުގެ އަގަކަށް ޗައިނާ ލީގަށް ބަދަލުވާން ހުރިހާ ކަމެއް ނިންމައިފަ އެވެ. އެހެންވެ ޖެނުއަރީ މަހު އާ މިޑްފީލްޑަރެއް ހޯދަން ޗެލްސީ އަށް ވަނީ ބަޖެޓާއި ފުރުސަތު ލިބިފަ އެވެ.

ކޮންޓޭ ޗެލްސީއާ ހަވާލުވެ މި ސީޒަނުގައި އެންމެ ފުރަތަމަ ވެސް ގެންނަން މަސައްކަތްކުރާނީ ނައިންގޯލާން އެވެ. އެކަމަކު އޭނާ ވަނީ ކްލަބް ބަދަލުނުކުރަން އޭރު ނިންމައިފަ އެވެ. އެކަމަކު އިޓަލީގެ ނޫސްތައް ބުނާ ގޮތުގައި ޖެނުއަރީ މަހު ކޮންޓޭ އަލުން އެ މަސައްކަތް ފަށާނެ އެވެ.

އިޓާލިއަން ލީގުގެ ދެ ވަނައިގައި އޮތް ރޯމާގައި ނައިންގޯލާން އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެެވެ. އޭނާ އަކީ ޗެލްސީ ލައްވާ ކޮންޓޭ ކުޅުވާ ސްޓައިލަށް އަދި ސިސްޓަމަށް ފެތޭ ކުޅުންތެރިޔެކެވެ. ޔުވެންޓަސްގައި ކޮންޓޭ ހުރިއިރު އެންމެ ބޮޑަށް ބޭނުންކުރި އެއް މިޑްފީލްޑަރު ކަމަށްވާ އަރުޓޯ ވިޑާލްގެ ކުޅުމާ ނައިންގޯލާންގެ ކުޅުން ވަރަށް އެއްގޮތެވެ.