ޖެނޯއާ (ޖެނުއަރީ 25) – ފޯވާޑް އެޑިން ޖެކޯ އަށް ލިބިފައިވާ ހުށަހެޅުންތަކަކީ ގަބޫލުކުރެވޭ ފަދަ ހުށަހެޅުންތަކެއް ނޫން ކަމަށް އޭއެސް ރޯމާ އިން ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންގްލެންޑުގެ ޗެލްސީން އަންނަނީ މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވާޑް ޖެކޯ ގެންނަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެހެންވެ ރޯމާ އިން އެ އިޝާރާތްކުރީ ޗެލްސީގެ އޮފާއަށް ކަމަށް ބެލެވެ އެވެ.

އިޓާލިއަން ލީގުގައި ރޭ ސަމްޕްޑޯރިއާ އަތުން 1-0 އިން ރޯމާ ބަލިވާން ދަނިކޮށް ސަލާމަތްކޮވީ ފަހު ވަގުތު ޖެކޯ ވައްދާލި ލަނޑުންނެވެ. ރޯމާ އޮތީ 41 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

"މިވަގުތު ޖެކޯ ހުރީ އަހަރެމެންނާ އެކު. އަހަރެމެން އެންމެން މިތިބީ އުފަލުން. އޭގެ މާނައަކީ މިހާތަނަށް އަހަރެމެން ލިބިފައި ހުރި އޮފާތަކަކީ ގަބޫލުކުރެވޭނެ އެއްޗިއްސެއް ނޫނޭ،" ރޯމާގެ ސްޕޯޓިން ޑިރެކްޓަރު މޮންޗީ ބުންޏެވެ.

އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ރޯމާ އިން ވަނީ ޖެކޯ އާއި އެ ޓީމުގެ ޑިފެންޑަރު އެމަސަން ޕަލްމިއެރީ ވިއްކާލަން ޗެލްސީއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.