ރޯމް، އިޓަލީ (މެއި 3) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިޓަލީގެ ރޯމާގެ މައްޗަށް 7-6 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދުމަށް ފަހު 11 އަހަރަށް ފަހު ލިވަޕޫލް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިދިޔަ ހަފްތާގައި ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުން ރޯމާ ބަލިވީ 5-2 އިންނެވެ. ރޭގެ މެޗުގައި ރޯމާ ވަނީ 4-2 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. ލިވަޕޫލަށް ކުރި ލިބުނީ އެގްރިގޭޓުންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގެ އެންމެ ބޮޑު އެގްރިގޭޓް ނަތީޖާ އެވެ.

ފައިނަލުގައި މި މަހު 26 ވަނަ ދުވަހު ލިވަޕޫލް ނުކުންނާނީ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ލިވަޕޫލް ވަނީ 1981 ވަނަ އަހަރުގެ ފައިނަލުގައި ރެއާލް އަތުން 1-0 އިން މޮޅުވެފަ އެވެ. އެކަމު މި ވަގުތު ޗެމްޕިއަންސް ލީގުގައި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ފޭވަރިޓަކީ ރެއާލް އެވެ.

ރޯމާ ދަނޑުގައި ކުޅުނު ރޭގެ މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ސަޑިއޯ މާނޭ ލިވަޕޫލަށް ލީޑުނަގައިދިނެވެ. އޭގެ ހަ މިނިޓް ފަހުން ލިވަޕޫލުގެ ޖޭމްސް މިލްނާ އަތުން ވަން ބައިގޯލަކުން ރޯމާ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. ލިވަޕޫލުން ދެ ވަނަ ފަހަރަށް ލީޑުނެގީ ޖިއޮޖީނިއޯ ވައިނަލްޑަމް ޖެހި ގޯލުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޯމާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނުމަށް އެ ޓީމުގެ ސްޓެފަން އެލް ޝަރާވީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ އެޑިން ޖެކޯ ވަނީ ރޯމާ އަށް އެއްވަރުކޮށްދީފަ އެވެ.

ރޯމާ އިން އިތުރު ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓަ އެވެ. ބެލްޖިއަމްގެ މިޑްފީލްޑަރު ރަޖާ ނައިންގޫލާން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ރޯމާގެ ހަތަރު ވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ ފަހު މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ނައިންގޫލާން އެވެ. ރޯމާ ފަސް ވަނަ ލަނޑެއް ޖެހިނަމަ މެޗުގެ ކުޅުން އިތުރު ވަގުތަށްދާނެ އެވެ. އެހެން ނަމަވެސް އިތުރު ލަނޑެއް ޖަހަން އެ ޓީމަށް ވަގުތެއް ނުލިބުނެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ރޭގެ މެޗުގައި އެ ޓީމަށް ނަސީބު އެހީވި ކަމަށެވެ.

"އަހަރެމެން އެހެން މެޗުތަކުގައި ދެއްކި ވަރުގެ ކުޅުމެއް ނުދެއްކުނު. އެ ފަދަ ހާލަތެއްގައި އެންމެ ބޭނުންތެރި އެއްޗަކީ ނަސީބު. އަހަރެމެން ކޮޅުގައި އެކަން ވެސް އޮތީ. ދެން އޮތީ ކުރިއަށް އޮތް މެޗުތަކަށް (އިނގިރޭސި ޕްރިމިއާ ލީގު) ވިސްނުން އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ހޯދުން މުހިއްމު،" ކްލޮޕް ބުންޏެވެ.

ރޯމާގެ ކޯޗު އުސޭބިއާ ޑި ފްރަންސެސްކޯ ބުނީ މިއީ އޭނާގެ ޓީމަށް އެންމެ ރަނގަޅު ނަތީޖާ ނޫން ކަމަށެވެ. އެހެން ނަމަވެސް ކުޅުންތެރިން ކުރި ހިތްވަރަށް ތައުރީފް ކުރަން ޖެހޭ ކަމަށާއި ފައިނަލުގެ ޖާގައެއް ނުލިބުނީ ދެ ލެގަށް ބަލާއިރު އެންމެ ރަނގަޅަށް ނުކުޅެވުމުން ކަމަށެވެ.