އަސުންސިއޯން (އޭޕްރީލް 28) - ވަގު ޕާސްޕޯޓެއްގައި ޕެރެގުއޭ އަށް އެތެރެވާން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ޖަލުގައި ހޭދަކުރަން ޖެހުނީ ވަރަށް އުނދަގޫ ވަގުތުތަކެއް ކަމަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބްރެޒިލްގެ ރޮނާލްޑީނިއޯ ބުނެފި އެވެ.

ފޭކް ޕާސްޕޯޓް މައްސަލައިގައި ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ހައްޔަރުކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ބްރެޒިލް ޕާސްޕޯޓް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އޮތީ އަތުލައިފަ އެވެ. އެއީ ޕޯޓޯ އެލެގްރޭގައި އިމާރާތެއް ހެދުމުގައި ތިމާވެށްޓަށް ގެއްލުން ލިބިފައިވާތީ އޭނާ އަށް ދިން 2.5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައިނުވާތީވެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ޕެރެގުއޭގެ ވެރިރަށް އަސުންސިއޮން މިވަގުތު ލޮކްޑައުންކޮށްފައި އޮތުމުން، މި ވަގުތު ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ވަނީ ގޭބަންދަން ބަދަލުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން އެ ދެ މީހުން ތިބޭނީ ހޮޓަލެއްގަ އެވެ.

ކުރިން ބާސެލޯނާ އާއި އޭސީ މިލާނަށް ކުޅުނު އުމުރުން 40 އަހަރުގެ ރޮނާލްޑީނިއޯ، ޕެރަގުއޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ހަޔާތުގައި މި ވަރުގެ އުނދަގޫ ވަގުތުތަކެއް ކުރިމަތިނުވާ ކަމަށެވެ.

"ދުވަހަކު ވެސް އަހަރެން މި ފަދަ ހާލަތެއްގައި ހުންނާނެ ކަމަށް ހިތަށް ވެސް ނާރާ. އެކަމަކު މިއީ ފެންނަން އޮތް ހަގީގަތް. އަހަރެން ޖަލުގައި ހޭދަކުރީ ވަރަށް އުނދަގޫ ވަގުތުތަކެއް. އެއީ ވަރަށް އެހެން ކަހަލަ ތަޖުރިބާއެއް،" ރޮނާލްޑީނިއޯ ބުންޏެވެ.

ރޮނާލްޑީނިއޯ އާއި އޭނާގެ ބޭބެ ބްރެޒިލުން، ޕެރެގުއޭ އަށް ގޮސް ޕާސްޕޯޓް ދެއްކުމުން ފުރަތަމަ އެއްވެސް މައްސަލައެއް ފާހަގަނުވި އެވެ. އެކަމަކު ޕާސްޕޯޓްތައް ފޭކުކަން އެނގުމުން ތަހުގީގީ މެމްބަރުން ވަނީ އެ މީހުން ތިބި ހޮޓާ ރެއިޑްކޮށް ދެބެންގެ އައިޑީ ކާޑުތަކާއި ޓްރެވަލް ޑޮކިއުމެންޓްސް އަތުލައިފަ އެވެ.

"ޕާސްޕޯޓް އަސްލެއް ނޫންކަން އެނގުމުން އަހަންނަށް ވެސް ލިބުނީ ހައިރާންކަން. އަހަރެމެން ޕެރަގުއޭ އަށް އައީ އޮންލައިން ކެސީނޯ އެއް ލޯންޗުކުރަން. އަދި އަހަރެންގެ އޮޓޯބައިގްރަފީގެ މަސައްކަތްތަކެއް ޕެރަގުއޭގައި ކުރަން ވެސް އޮތް،" ރޮނާލްޑީނިއޯ ބުންޏެވެ.

ޖަލުގައި ހޭދަކުރަން ޖެހުނު ދުވަސްތަކުގައި އެންމެ ހިތާމަކުރީ ފިރިހެން ދަރިފުޅުގެ އުފަން ދުވަހު އޭނަ ގާތުގައި ނުހުރެވުމުން ކަމަށެވެ. މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ވީ އެންމެ އަވަހަށް މި ކަމުން ސަލާމަތްވެ އެނބުރި ބްރެޒިލަށް ދިއުމަށް ކަމަށް ރޮނާލްޑީނިއޯ ބުންޏެވެ.

ރޮނާލްޑީނިއޯ އަކީ 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ މުހިއްމު މެމްބަރެކެވެ. އޭނާ ވަނީ ފީފާ އިން ހޮވި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 2004 އާއި 2005 ވަނަ އަހަރު ހާސިލްކޮށްފަ އެވެ. ބްރެޒިލްގެ ގްރެމިއޯ އިން 1998 ގައި ކެރިއަރު ފެށި ރޮނާލްޑީނިއޯ ޔޫރަޕަށް ބަދަލުވީ 2001 ވަނަ އަހަރު ފްރާންސުގެ ޕީއެސްޖީން ލިބުނު ފުރުސަތާ އެކު އެވެ. އެކަމަކު އޭނާގެ ހަގީގީ ކެރިއަރު ފެށުނީ 2003 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ހިސާބުންނެވެ. އެ ކްލަބުގައި އޭނާ ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެ ކްލަބާ އެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު ހޯދި އެވެ. އެ ޓީމަށް ކުޅުނު 207 މެޗުން 94 ލަނޑު ޖެހި އެވެ. އަދި އޭނާ ވަނީ 2005 ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.