ދުނިޔޭގެ އެންމެ މަޝްހޫރު އަދި މޮޅު ފުޓްބޯޅަ ތަރިންގެ ތެރޭގައި ހިމެނުނު، ރޮނާލްޑީނިއޯއާ ގުޅިގެން ސޮނެވާ ޖާނީގައި މި މަހު ފުޓްބޯޅަ ކޭމްޕެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ސޮނެވާ ޖާނީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ކޭމްޕު ހާއްސަކޮށްފައިވަނީ ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުޑަކުދިންނަށެވެ. އެއް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ކޭމްޕް ބާއްވާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
ރޮނާލްޑީނިއޯ އޭނާގެ ހުނަރުތައް ދަސްކޮށްދޭ މި ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް ބައިވެރިވާ ނަމަ ފީއެއްގެ ގޮތުގައި 1،500 ޑޮލަރު (23،000ރ.) ދައްކަން ޖެހޭނެ އެވެ.
ސޮނެވާ ޖާނީން ބުނި ގޮތުގައި މި ކޭމްޕުން ލިބޭ ހުރިހާ ފައިސާއެއް ޑޮނޭޓް ކުރަން ވަނީ ހަމަޖެހިފަ އެވެ.
ނުވަދިހަ މިނެޓަށް ކުރިއަށްދާ މި ކޭމްޕުގައި ރޮނާލްޑީނިއޯއާ ބައްދަލު ކުރުމުގެ އިތުރުން އޭނާއާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބޭނެ އެވެ. އަދި އޭނާ ސޮއިކޮށްފައިވާ ޖާޒީއެއް ހަދިޔާއެއްގެ ގޮތުގައި ކޮންމެ ކުއްޖަކަށް ދޭނެ އެވެ.
ރޮނާލްޑީނިއޯ ވަނީ ފީފާގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ޖެހިޖެހިގެން ދެ އަހަރު ހާސިލުކޮށްފަ އެވެ. އަދި ބެލެން ޑިއޯ އެވޯޑު ވެސް ލިބުނެވެ.