އަހުމަދުއާބާދު (ޖޫން 1) - ވިރާތު ކޯލީ ކުޅެމުން އަންނަ ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރުސީބީ) ން ވިދިވިދިގެން ދެވަނަ ފަހަރަށް އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ކާމިޔާބު ކޮށްފި އެވެ.
ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ފައިނަލް މެޗު އާރުސީބީ ކާމިޔާބު ކުރީ ގުޖުރާތު ޓައިޓަންސްއާ ވާދަކޮށް ދެ އޯވަރު ބާކީ އޮއްވައި ފަސް ވިކެޓުންނެވެ.
ގުޖުރާތުން ފުރަތަމަ ކުޅެން އަރައި 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައި ވެގެން ހެދުނީ 155 ލަނޑެވެ. ނަމަވެސް ޖަވާބުގައި އާރުސީބީން ވަނީ ކުޅެން އަރައި 18 އޯވަރު ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން 161 ލަނޑު ހަމަކޮށްފަ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކޯލީ ވަނީ 25 ބޯޅައިން 50 ލަނޑު (ހާފް ސެންޗަރީ) ހަދައިފަ އެވެ.
އާރުސީބީން ޗެމްޕިއަންކަން ހޯދީ 17 ވަނަ އޯވަރުގެ ފަހު ބޯޅަ ކޯލީ، ހަޔަކަށް ޖަހައިގެންނެވެ. އޭގެ ކުރީ ބޯޅައިން އޭނާ ވަނީ ހަތަރު ލަނޑު ހަދައިފަ އެވެ. އަދި އޭނާ ވަނީ ނުބައި ނުވެ 42 ބޯޅައިން ޖުމްލަ 75 ލަނޑު މި މެޗުގައި ހަމަ ކޮށްފަ އެވެ.
ޖުމްލަ 10 ޓީމު ވާދަކުރި އައިޕީއެލްގެ ލީގު ބުރުގައި އާރުސީބީ އާއި ގުޖުރާތު ޓައިޓަންސް އަދި ސަންރައިޒާސް ހައިދަރުއާބާދު ވެސް ވަނީ 14 މެޗުން 18 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ރަން ރޭޓުން އެއްވަނައިގައި ނިންމީ އާރުސީބީ އެވެ. އަދި ދެވަނައިގައި ނިންމާފައި ވަނީ ގުޖުރާތެވެ. ހައިދަރުއާބާދު ތިންވަނައިގައި ނިންމި އިރު ހަތަރުވަނައިގައި ނިންމި ރާޖަސްތާން ރޯޔަލްސް ވަނީ 16 ޕޮއިންޓް ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި އާރުސީބީއާ ވާދަކުރި ޕަންޖާބް ކިންގްސް ފަސްވަނައިގައި ނިންމުމުން އެ ޓީމަށް ޕްލޭއޮފް ބުރުން މި އަހަރު ފުރުސަތެއް ނުލިބުނެވެ.
މިއީ އާރުސީބީ، އައިޕީއެލްގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މިއާ އެކު އާރުސީބީ ވެފައި ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އައިޕީއެލްގެ ތަށި އުފުލާލި ތިންވަނަ ޓީމަށެވެ. މީގެ ކުރިން ޖެހިޖެހިގެން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ޗެންނާއީ ސުޕަ ކިންގްސް އާއި މުމްބާއީ އިންޑިއަންސް އެވެ.