މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން ކާމިޔާބުކުރުމާ ގުޅިގެން، އެ ޓީމުގެ ތަރި ވިރާޓް ކޯލީއަށް މަރުހަބާ ކިޔުމަށް އޭނާގެ އަންހެނުން އަދި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ އިންސްޓަގްރާމްގައި ހިއްސާކުރި ލޯބި ފޮޓޯއަކަށް 24 ގަޑިއިރު ނުވަނީސް 10 މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ގުޖުރާތު ޓައިޓަންސް ބަލިކޮށް އާރްސީބީން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އައިޕީއެލް ތަށި އުފުލާލައި ތާރީހުން ޖާގަ ހޯދައިފަ އެވެ. އެ މެޗުގައި ވިރާޓް ވަނީ 75 ރަންސްގެ މޮޅު އިނިންގްސެއް ކުޅެ، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ވިރާޓުގެ ޓީމު މޮޅުވުމުން އަނުޝްކާ އުފާފާޅުކުރާ މަންޒަރުތަކުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ.

އެ ކާމިޔާބީއަށް ފަހު އަނުޝްކާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއިން ފެންނަނީ ވިރާޓު މުބާރާތުގެ ތަށި ހިފަހައްޓައިގެން ހިނިތުންވެފައި ހުންނައިރު، އަނުޝްކާ އޭނާގެ ނިތްކުރިއަށް ބޮސްދޭ މަންޒަރެވެ. އަދި އަނުޝްކާ ހުރީ ވިރާޓުގެ އަތުގައި ހިފަހައްޓައިގެންނެވެ.

މި ފޮޓޯގެ ކެޕްޝަނަކަށް އަނުޝްކާ ބޭނުންކޮށްފައި ވަނީ ސުލްހައިގެ ނިޝާނާއި ރަތް ހިތެއްގެ އިތުރުން ދެއަތް ޖޯޑުކޮށްގެން ހުންނަ އިމޯޖީއެކެވެ. 

މި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިިބިފައިވާއިރު، ބައެއް ސަޕޯޓަރުން ވަނީ ވިރާޓުގެ ކޮންމެ އުފަލަކާއި ހިތާމައެއްގައި ވެސް އަނުޝްކާ އެކުގައި ހުންނަކަން ފާހަގަކޮށްފަ އެވެ. އަދި އަނުޝްކާ އަކީ ވިރާޓުގެ "ލަކީ ޗާމް" ނުވަތަ ނަސީބުކަމަށް ވެސް ސަޕޯޓަރުން ބުނެފައިވެ އެވެ.

މީގެ އިތުރުން، ވިރާޓު "ވަން ޓައިމް ފެލްޓް ނައިސް، ވީ ޑިޑް އިޓް ޓްވައިސް" ޖަހާފައިވާ ޓީޝާޓެއް ލައިގެން ހުރި ފޮޓޯއެއް ވެސް އަނުޝްކާގެ އިންސްޓަ ސްޓޯރީއަށް ލާފައިވެ އެވެ.

އަނުޝްކާ އާއި ވިރާޓް ފުރަތަމަ ދިމާވީ އިޝްތިހާރެއް ކުޅުމުގެ ތެރެއިންނެވެ. އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު، އެމީހުން ކައިވެނިކުރީ ޑިސެމްބަރު 2017 ގައި އިޓަލީގަ އެވެ. އެ ދެމަފިރިންނަށް 2021 ވަނަ އަހަރު އަންހެން ކުއްޖަކު (ވާމިކާ) އަދި 2024 ވަނަ އަހަރު ފިރިހެން ކުއްޖަކު (އަކާއީ) ލިބިފައިވެ އެވެ.

އަމިއްލަ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާއާ ދުރުގައި ބާއްވަން ބޭނުންވާ އެ ދެމަފިރިން މިހާރު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ.

ދަރިން ލިބުނު ފަހުން އަނުޝްކާ އުޅޭ ފިލްމީ މަސައްކަތްތަކާ ދުރުގަ އެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި ޝާހްރުކް ހާން އާއި ކެޓްރީނާ ކައިފްގެ ފިލްމު "ޒީރޯ"ގެ ރޯލެކެވެ.