ހަގީގީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް އޮންނަ ޝައުގުވެރިކަމާއި އިލްމު ގުޅިލާމެހޭ ހިސާބުން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެންޔޫގެ "ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް" ޝަރަފުވެރިކޮށްދެއްވަމުން ފަސްޓް ލޭޑީ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތަކުން ކުރިން އުއްމީދު ނުކުރެވޭ އެތައް ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ. އެފަދަ ކަމެއް ނުވަތަ އެއްޗެއް އީޖާދުކުރެވުމަކީ ނިމުމެއްކަމަށް ދެކިގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"އެކާވީސް ވަނަ ގަރުނުގައި ބަދަލުވަމުންދާ އީޖާދުތައް: ސައިންސާއި، ޓެކްނޮލޮޖީ އަދި މުޖުތަމައު" ގެ ޝިއާރުގެ ދަށުން އެމްއެންޔޫން އިންތިޒާމުކުރާ ނުވަ ވަނަ ކޮންފަރެންސަށް ރާއްޖެ އާއި ބޭރުގެ އެކި ތަޖުރިބާކާރުން ޕޭޕަރު ހުށަހެޅި އެވެ.
ޓެކްނޮލޮޖީ މިންކުރުމުގައި ބަލަންވީ އެއީ އުފެއްދިދާނެ އެއްޗެއްތޯ ނުވަތަ ކުރެވިދާނެ ކަމެއްތޯ ނޫން ކަމަށާއި އޭގައި ވިސްނަންވީ، ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، އެކަމުން މަންފާ ކުރާނެ ބައެއް ހޯދުމަށެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީގެ ސަބަބުން ހަގީގީ ބަދަލެއް އަންނަނީ އެކަމުގައި ޝައުގެއް އޮވެ ތައުލީމީ ނިޒާމާއި ސިއްހީ ދާއިރާ އަދި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެކަން އަމާޒުކުރެވުމުންނެވެ.
ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި އަންހެނުންނާއި އަންހެން ކުދިން، އެ މީހުންގެ ޖާގަ ހޯދަން އިލްތިމާސްކުރައްވަމުން ފަސްޓް ލޭޑީ ވިދާޅުވީ އީޖާދުކުރަން ވަކި ޖިންސެއް ނުވާ ކަމަށާއި މުސްތަގުބަލް ބައްޓަންކުރުމުގައި އެ ބައެއްގެ ދައުރު އަދާކުރަން އެއްވެސް ފަރާތެއްގެ ހުއްދައެއް ވެސް ބޭނުން ނުވާނެ ކަމަށެވެ.
އެކަމަނާ ވަނީ ދިރާސާގެ ހޯދުންތައް ހަމައެކަނި ޔުނިވާސިޓީ ތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލާން އެކަންކަން ނެރުމަށް އިލްތިމާސްކުރައްވައިފަ އެވެ.
ދިރާސާއެއް އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އެކަމެއްގެ ސަބަބުން ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުން ކަމަށް ވާތީ އާ ހިޔާލުތައް މުޖުތަމައުތަކާ ހަމައަށް ފޯރުކޮށްދިނުމަށް އިލްމީ މުއައްސަސާތަކާއި ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި ސިނާއަތްތަކުގެ މެދުގައި ގުޅުން ބަދަހިކުރަން ފަސްޓްލޭޑީ ގޮވާލެއްވި އެވެ.