ބޮލީވުޑްގެ ބަތަލް ވިކީ ކައުޝަލް އަދި ބަތަލާ ސާރާ އަލީ ހާން ލީޑު ރޯލުން ފެންނަ ކޮމެޑީ ފިލްމު "ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އެ ފިލްމު މިހާރު ވަނީ ބޮކްސް އޮފީސް އާމްދަނީ 30 ކްރޯޑް ރުޕީސް ހުރަސްކޮށްފަ އެވެ. މިދިޔަ އަންގާރަ ދުވަހު އެކަނި ވެސް 3.8 ކްރޯޑް ރުޕީސް ލިބުނެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ "ލުކާ ޗުއްޕި" އާއި "މިމީ" އިން ވިދާލި ލަކްސްމަން އުޓޭކަރް އެވެ.
ފިލްމު ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ބުނީ މި ހަފްތާ ނިމޭއިރު ފިލްމަށް 37 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
"ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ" ފިލްމުގައި ކިޔައިދެނީ އިންޑިއާގެ އިންޑޯރް ސިޓީގައި ދިރިއުޅުނު ވަރިފަށަށް އަރާފައި ތިބި ދެމަފިރިއެއް ކަމަށްވާ، ކަޕިލް (ވިކީ) އާއި ސޮމްޔާ (ސާރާ) ގެ ވާހަކަ އެވެ.
ފިލްމަށް ލިބެމުން އަންނަ ތަރުހީބާ މެދު ހިތް ހަމަ ޖެހޭކަން ހާމަކުރަމުން ސާރާ ބުނީ ހީވަނީ އެއީ އަނެއްކާވެސް އޭނާގެ ޑެބިއު ފިލްމުހެން ކަމަށެވެ.