ނިއުކްލިއާ ހަކަތަ އުފެއްދުމަށާއި އެހެނިހެން ބައެއް ބޭނުންތަކަށް އެކަށީގެންވާ މިންވަރަކަށް ޔުރޭނިއަމް އެކުލެވޭ "ޔުރޭނިއަމް-ބެއަރިން އޯރް" އާއި ރެއާއާތު މިނެރަލް ހިމެނޭހެން 110 މިލިއަން ޓަނުގެ މިނެރަލް ހުރި ރިޒާވެއް މަދީނާ ސަރަހައްދުން ފެނިފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.

ސަައުދީ އަދި ބައެއް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނި ގޮތުގައި މަދީނާ ސަރަހައްދުގައިވާ ޖަބަލް ސާޔިދު ނަމަކަށް ކިޔާ ތަނުން އެ ރިޒާވް ފެނުނުކަން ސައުދީ އެނާޖީ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ހާމަކުރެއްވީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭގެ) ޖެނެރަލް ކޮންފަރެންސްގަ އެވެ. 

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގެ 70 ވަނަ ރެގިއުލާ ސެޝަން ފެށީ މިއަދު އެވެ.

"މަދީނާ[ސަރަހައްދު]ގައި ހިންގާ ޖަބަލް ސާޔިދު ޕްރޮޖެކްޓްގައި ބެލި ބެލުމާއި ޖިއޮލޮޖިކަލް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި އެތަނުގައި އެކަށީގެންވާ މިންވަރަކަށް ރެއާ-އާތު މިނެރަލް އާއި ޔުރޭނިއަމް އެކުލެވޭ ގާތްގަނޑަކަށް 110 މިލިއަން ޓަނުގެ އޯރްގެ ވަސީލަތް އެބަހުރި،" އައިއޭއީގެ ކޮންފަރެންސްގައި އަބްދުލް އަޒީޒް ވިދާޅުވި ކަމަށް ނޫސްތަކުން ބުންޏެވެ.

ޔުރޭނިއަމް އަކީ ނިއުކްލިއަ ހަކަތަ އުފެއްދުމަށާއި ނިއުކްލިއަ ހަތިޔާރު އުފައްދަން ވެސް ބޭނުންކުރާ އަގުބޮޑު މާއްދާއެކެވެ. ރެއާއާތު މިނެރަލް އަކީ ސްމާޓް ފޯނާއި ކޮމްޕިއުޓަރާއި އެނޫން ވެސް ޒަމާނީ ގެޖެޓްތައް އުފެއްދުމުގައި ބޭނުންކުރާ ވަރަށް މުހިއްމު ބާވަތެކެވެ.

ޔުރޭނިއަމް އާއި ރެއާއާތު މިނެރަލްގެ ބޮޑު ރިޒާވެއް ފެނިފައިވާކަން ސައުދީ ސަރުކާރުން ހާމަކޮށްފައި މިވަނީ މަދަނީ ނިއުކްލިއާ އެއްބަސްވުމެއްގައި އެ ގައުމުން އެމެރިކާއާ އެކު މީގެ ދުވަސްކޮޅެއް ކުރިން ސޮއިކޮށްފައި ވަނިކޮށެވެ.