ސްކޫލް ގައިޑު / ސްކޫލް ގައިޑް 2018

ސްކޫލް ގައިޑް: އެކާވީސް ވަނަ ޤަރުނުގެ ހުނަރު

ޒުވާން ކުދިންތަކެއް ޓެކްނޮލޮޖީގެ ދާއިރާ އިން ފިލާވަޅުތަކެއް ނަގަނީ

ޑރ. އަބްދުﷲ ނަޒީރު

26 ނޮވެމްބަރ 2017

1 comments
happy icon 67%

ސްކޫލްތަކުގެ ބޮޑު ޗުއްޓީއަށް ފަހު އެނބުރި އަލުން ކިޔެވުމުގެ ތެރެއަށް ވަންނަ އިރު އާ ޢަޒުމުތަކެއް ކަނޑައަޅައި، އެކަން ޙާޞިލުކުރާނެ ގޮތްތަކެއް އެކަށައެޅުމަކީ ކުދިން ކޮށް އުޅޭ ކަމެކެވެ. ބައެއް ފަހަރު މިގޮތަށް ކުރާ ޕްލޭންތައް ހިތްއެދޭ ގޮތަށް ނުނިމި ހިނގައިދާނެ އެވެ. އެހެނީ، އަޅުގަނޑުމެން އުޅެމުން މިދާ ދުނިޔޭގައި ކަންތައްތައް ބަދަލުވަމުން ދަނީ ހީކުރާ މިންވަރަށް ވުރެ މާ ބާރު ސްޕީޑެއްގަ އެވެ.

ވޭތުވެދިޔަ ކުރު މާޒީގައިި ރާއްޖެއަށް ވެސް މި ވަނީ ދުސްތޫރީ، އިޖްތިމާޢީ، އިޤްތިޞާދީ، އަދި މުވާޞަލާތާއި ޓެކްނޮލޮޖިކަލް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ކުދިބަޔަކަށް މިވަނީ މިފަދަ ބަދަލުތަކާ ކުރިމަތިލާން ޖެހި، އޭގެ ތަޖުރިބާ ވެސް ކޮށްފަ އެވެ. އެގޮތުން އަޅުގަނޑުމެންގެ ކުދިން ހެދިބޮޑުވަމުން އައި އިރު އަމިއްލަ ނަފްސަށާއި، ޝަޚުޞިއްޔަތަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ. ވިސްނުން ވަނީ އިހުނަށް ވުރެ ތަރައްޤީވެފަ އެވެ. އުޅެމުން އައި އިޖުތިމާޢީ މާޙައުލުން ވެސް އެތައް ބަދަލެކެވެ.

މިފަދަ ބަދަލުތަކަށް ރިޢާޔަތްކޮށް، ތަޢުލީމީ ނިޒާމަށް ގެނައި އިޞްލާޙުތަކާ އެކު، ރާއްޖޭގެ ސްކޫލު ތަޢުލީމު ތަރައްޤީވެ، ފެންވަރު މަތިވަމުން އަންނަ ކަމަށް ޤަބޫލުކުރަން ޖެހެ އެވެ. ރާއްޖޭގައި ސްކޫލު ތަޢުލީމު ފޯރުކޮށްނުދެވޭ، މީހުން ދިރިއުޅޭ ރަށެއް މިއަދަކު ނެތެވެ. މުޅި ސްކޫލު ތަޢުލީމް ޝާމިލުވާ ގޮތަށް، ޤައުމީ މަންހަޖު މުރާޖަޢާކުރެވި، މިދަނީ ތަންފީޒު ކުރަމުންނެވެ. ޖިންސުގެ ތަފާތުކަމެއް ނެތި ހުރިހާ ކުދިންނަށް ތަައުލީމީ ފުރުޞަތު ދެވެ އެވެ. ސައިންސާއި ބިޒްނަސް އާއި އާޓްސްގެ ސްޓްރީމުތަކަށް ހަމައެކަނި ތަރުތީބުކުރެވިފައިވާ ނިޒާމުގެ ތެރެއަށް، އެޕްލައިޑް އެޑިޔުކޭޝަނާއި ތަފާތު މަސައްކަތުގެ ދާއިރާތަކާ ގުޅުން ހުރި މާއްދާތަކުން ކިޔަވަން ސްކޫލުތަކުން މި ވަނީ ފުރުޞަތު ހުޅުވާލާފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2016 ވަނަ އަހަރު އޯލެވެލް އިމްތިޙާނުގައި ފަސް މާއްދާއިން ދަރިވަރުން ފާސްވި ނިސްބަތް ވަނީ 70 ޕަސެންޓަށް އަރާފަ އެވެ.

ޓެކްނޮލޮޖީން ލިބެމުން އަންނަ ކުރިއެރުންތަކާއި މަސައްކަތުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މި ފެންނަނީ ކެފޭތަކާއި ރެސްޓްރޮންޓްތަކުގެ ކައުންޓަރުތަކުގެ ފަހަތުގައި "މަޞްނޫއީ މީހުން"، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ ތަނެވެ. ޑްރައިވަރުން ނެތް ކާރުތަކާއި ބަސްތަކާއި ޓްރޭންތަކާއި ޑްރޯންސްތަކުން މަގުތަކާއި ޖައްވު ފުރޭ ތަނެވެ. އޮފީސްތަކާއި ވިޔަފާރިތަކުގައި ބޭނުންކުރަމުން އައި ޕާސަނަލް ކޮމްޕިޓަރުތަކުގެ ބަދަލުގައި ޓެބްލެޓްތަކާއި ސްމާޓް ފޯނުތަކުން، މިވަނީ އިންޤިލާބެއް ގެނެސްފަ އެވެ. ނަތީޖާއަކީ އެތައް މިލިއަން މީހުން، ކުރިން މަސައްކަތް ކުރަމުން އައި ގޮތް ބަދަލުކުރަން ޖެހި، އަނެއް ބަޔަކަށް ވަޒީފާ ގެއްލުމުގެ ފުރުޞަތު ބޮޑުވުމެވެ.

އަޅުގަނޑުމެންގެ ކޮންމެ ދަރިވަރަކު، މަސައްކަތުގެ ކޮންމެވެސް ހުނަރެއް ލިބިފައިވާ، ޤާބިލު ކުއްޖަކަށް ވާން އެބަ ޖެހެ އެވެ. މިހާރު މި އޮތީ ތަރައްގީގެ މި މާހައުލުގައި ލިބެން ހުރި ފުރުޞަތުތަކަށް ބިނާކޮށް ދިރިިއުޅުން ބައްޓަންކުރަން ޖެހިފަ އެވެ. އެހެންކަމުން 21 ވަނަ ޤަރުނުގެ މި ވާދަވެރި ދުނިޔޭގައި މަސައްކަތުގެ ހުނަރާއި ތަމްރީނު ލިބިފައިވާ ބަޔަކަށް މެނުވީ ގައުމުގެ އިޤްތިޞާދީ ޙަރަކާތްތަކުގައި ކާމިޔާބުކަމާ އެކު ބައިވެރިއެއް ނުވެވޭނެ އެވެ.

ސްކޫލް ނިންމާފައި ނުކުންނަ ކޮންމެ ކުއްޖަކީ ވެސް، ރާއްޖޭގެ ތަފާތު ޞިނާއަތްތަކަށް ބޭނުންވާ ހުނަރާއި އަޚްލާޤީ ސިފަތަކަށް އަހުލުވެރިވެފައިވާ، ކާމިޔާބު މީހަކަށް ހެދުމަށް، މަސައްކަތާއި ހުނަރު އުނގަންނައިދިނުމުގެ ސްކޫލް ޓިވެޓް ސްޓްރީމެއް ތަޢުލީމުގެ ނިޒާމުގެ ތެރެއަށް މިހާރު ވަނީ ތައާރަފުކޮށްފަ އެވެ. މި ސްޓްރީމްގެ ތެރެއިން ނުކުންނަ ކުދިންނަށް އޯލެވެލް ނުވަތަ އޭލެވެލް ސަނަދުތަކެކޭ އެއްފަދަ ބައިނަލްއަޤްވާމީ ސަނަދު ލިބިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ދަރިވަރުންނާއި ބެލެނިވެރިންގެ ވިސްނުމަށް ގެންނަންވީ، އަޅުގަނޑުމެން އުޅެމުން މިދާ، މަޢުލޫމާތާއި ޓެކްނޮލޮޖީގެ ޒަމާނުގައި ޤައުމުތަކުގެ އިންފާރުތައް ގިރައި، ސަޤާފަތްތައް ތުނިވެ، އިޤްތިޞާދުތައް ބަވަނަވެ، "ގްލޯބަލް ސިޓިޒަންޝިޕަށް" އެންމެން ވަކާލާތު ކުރަމުން ދާކަމެވެ. އަދި މަޢުލޫމާތުގެ އަލީގައި މެނުވީ އިޤްތިޞާދު ކުރިއަރައި ފައްކާ ނުވާނެކަމެވެ. ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ ވިސްނުންތައް ހުރީ އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފައިގެން ވަސީލަތްތައް ތަރައްޤީކޮށް އިޤްތިޞާދު ކުރިއަރުވައި ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ރާއްޖެ ކިތައްމެ ކުޑަ ނަމަވެސް، ފަޚުރުވެރިި ތާރީޚަކާއި ރިވެތި އާދަކާދަތަކެއްގެ މައްޗަށް ދިރިއުޅުން ބައްޓަންވެފައިވާ ރައްޔިތެއް މި ފަސްގަނޑުގައި އުޅެމުންދާތާ މިވަނީ 2500 އަހަރަށް ވުރެ ގިނަވެފަ އެވެ. ރާއްޖެއާ ބެހޭ ގޮތުން، އެންމެ ކުރީގެ މުޞައްނިފުން ލިޔުއްވާފައިވާ ލިޔުންތަކުގައި ދިވެހިރާއްޖެ ސިފަކުރައްވާފައިވަނީ، އޭގެ ދެވަނައެއް ނުވާ ފަދައިން ހިންދުގެ ކަނޑުގައި އަތުރާލެވިފައިވާ އަލި ރަންމުތްތަކެއްގެ ގޮތުގަ އެވެ. އެކުވެރި، އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ކުށް މަދު އަމާން ތަނެއްގެ ގޮތުގަ އެވެ. އަޚްލާޤު ރަނގަޅު، އުޅުން ހުރި އަންހެނުންނާއި ފިރިހެނުން ހަމަޖެހިގެން އުޅޭ ތަނެއްގެ ގޮތުގަ އެވެ. ވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ އަޅުގަނޑުމެންގެ ހުރިހާ ދަރިވަރުން ވެސް މި ލޮބުވެތި ފަސްގަނޑަށް އިސްކަންދީ ތަޢުލީމީ ދާއިރާގެ ތެރޭގައި ހުރި ފުުރުޞަތުތަކުގެ ބޭނުން ރަގަނޅު ގޮތުގައި ހިފައި ދިރިއުޅުން އާރާސްތު ކުރާނެ ގޮތްތަކަކަށް ވިސްނުމާއި ފިކުރު ބެހެއްޓުމެވެ. ބާއްޖަވެރި ޗުއްޓީއަކަށް އެދެމެވެ!

އެޑިޓަރުގެ ނޯޓު

ޑރ. ނަޒީރަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ރާއްޖޭގެ ތައުމީ ދާއިރާގެ އިސް އެއް ތަޖުރިބާކާރުގެ ގޮތުން އޭނާ ގެންދަވަނީ ދޭތެރެ ދޭތެރެއިން ތައުލީމީ ބައެއް މައުލޫއުތަކަށް ލިއުއްވަމުންނެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޞްޠަފާ

26 November 2017

ވ.ރަނގަޅު މޮޅު ލިޔުމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!