މިދިޔަ ސީޒަނުގައި މޯލްޑިވިއަން އަށް މޮޅު ކުޅުމެއް ދެއްކި ގައުމީ ވޮލީބޯޅަ ޓީމުގެ ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) ގެ ސޮއި ހޯދައި ކުރިއަށް އޮތް ވޮލީބޯޅަ ސީޒަނަށް ސީލައިފް ސްޕޯޓްސް ކްލަބް ވަރުގަދަކޮށްފި އެވެ.

މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ސީލައިފުން ނުކުތީ ތިން މުބާރާތަށް ޓާގެޓް ކޮށްގެންނެވެ. އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ކުޅުނު ނަމަވެސް ގައުމީ ލީގާއި ގައުމީ މުބާރާތުގައި އެ ޓީމަށް އެކަށީގެންވާ ވަރުގެ ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ.

މިދިޔަ ސީޒަނުގައި މޯލްޑިވިއަން އިން އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބުކުރިއިރު، ބުޅިކެ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ގައުމީ ލީގުގައި ހޮވި ޑްރީމް ޓީމުން ވެސް ފުރުސަތު ހޯދައިފަ އެވެ.

މިދިޔަ ސީޒަނުގައި ސީލައިފް ސެޓަރަކަށް ކުޅުނީ އިޝާން މުހައްމަދު (ބަޓިސް) އެވެ. ބަޓިސް ވަނީ މިދިޔަ އަހަރަށް ފަހު ވޮލީން ރިޓަޔާކޮށްފަ އެވެ. ކުރިއަށް އޮތް ސީޒަނަށް ބުޅިކެ ސީލައިފާ ގުޅުމަކީ އެ ޓީމަށް ލިބުނު ބޮޑު ހިތްވަރެކެވެ. އެއީ މި ވަގުތު ސީލައިފަށް ފެންވަރު ރަނގަޅު ކުޅުންތެރިއެއް އެންމެ މުހިއްމުވާ މަގާމަކީ ސެޓަރުގެ މަގާމު ކަމަށްވުމުންނެވެ.

މިދިޔަ ސީޒަނުގައި ސީލައިފަށް ކުޅުނު ގިނަ ކުޅުންތެރިން މި ފަހަރު ވެސް އެ ޓީމުން ފެންނާނެ އެވެ. މި ގޮތުން ބުޅިކެ އެ ޓީމާ ގުޅުނުއިރު އޭނާގެ އެއްބަޑު އެއްބަފާ ދެބެން ކަމަށްވާ ހަސަން ނިލާމް (ޕާޓޭ) އާއި އަލީ ހުޒާމް (ހުޒާންޓެ) ވަނީ އެ ޓީމުގައި މަޑުކުރަން ނިންމައިފަ އެވެ.

މީގެ އިތުރުން މިދިޔަ ސީޒަނުގައި މޯލްޑިވިއަން އަށް މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ ކުޅުންތެރިޔާ އާދަމް ފައިރޫޒް ވެސް ވަނީ ސީލައިފާ ގުޅިފަ އެވެ.

އަދި ދާދި ފަހުން އެކުލަވާލި ގައުމީ ވޮލީ ބޯޅަ ޓީމުން ފުރުސަތު ހޯދާފައިވާ މުހައްމަދު މިމްރާހު ވެސް އަންނަ ސީޒަނުގައި ފެންނާނީ ސީލައިފުންނެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ކަޕް އޮންނާނީ ސެޕްޓެމްބަރު މަހުގަ އެވެ. އަދި ގައުމީ ލީގާއި ގައުމީ މުބާރާތް އޮންނާނީ އޮކްޓޫބަރު މަހުގަ އެވެ.