ސްޓްރީމިން ޕްލެޓްފޯމުތަކުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ ގައުމުގައި ފިލްމާއި ލަވަޔާއި ޓީވީ ޝޯތަކާއި އަދިވެސް އިތުރު މުނިފޫހިފިލުވުމުގެ ކޮންޓެންޓުތައް "ވަގަށް" ބެލޭނެ ގޮތް ހަދައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރަޝިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، އެ ގައުމުގައި "ޕައިރެސީ" ނުވަތަ ވަގު ސައިޓްތަކުން މުނިފޫހިފިލުވުމުގެ ކޮންޓެންޓް ޑައުންލޯޑް ކުރުން ހުއްދަވާ ގޮތަށް، ރަޝިއާގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީން އެ ގައުމުގެ ކޮޕީރައިޓް ގާނޫނަށް އިސްހާލެއް ގެނެސްފައިވާ ކަމަށެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމެއްގެ މުދަލެއް ބޭނުންކުރަން އަގު ދައްކަން ނުޖެހޭނެ ކަމަށެވެ. އެއާ އެކު އެ ގައުމުގައި "ޕައިރެސީ" ވަނީ ހުއްދަވެފަ އެވެ. އަދި އެ ގައުމުގައި ގިނަ ވަގަށް ފިލްމާއި ސީރީޒް ޑައުންލޯޑްކުރެވޭ ޓޮރެންޓް ސައިޓްތައް ހުއްދަކުރަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ރަޝިއާގެ އެ ނިންމުން އައިސްފައިވާ ވަނީ ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމްތައް ކަމަށްވާ ނެޓްފްލިކްސް، ޓުވިޗް، ޑިޒްނީ ޕްލަސް، އެޕަލް ޓީވީ ޕްލަސް، ޑިޒްނީ އަދި ސްޕޮޓިފައި ކަހަލަ ގިނަ ފަރާތްތަކަކުން ރަޝިއާގައި އެ ހިދުމަތް ހޯދުމަށް ދަތިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ރަޝިއާ އިން ޔުކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، އެމެރިކާ އާއި ޔޫރަޕްގެ ވަރަށް ގިނަ އިންޓަނޭޝަނަލް ބްރޭންޑްތަކުން ވަނީ ރަޝިއާގައި އެމީހުންގެ ވިޔަފާރީތައް ހުއްޓާލައިފަ އެވެ.