ސީގަލް ގްރޫޕު ޕްރައިވެޓް ލިިމިޓެޑުން ހިންގާ ސީ ސްޕޯޓްސް ތަމްސީލު ކޮށްދޭ ހަތް އެމްބެސަޑަރުންގެ އެއްބަސްވުން އާ ކޮށްފި އެވެ.
ސްޕޮންސާޝިޕް އެއްބަސްވުން އާ ކުރީ ސާފިން އާއި ބޮޑީ ބޯޑިން ޗެމްޕިއަނުންގެ ގޮތުގައި ރާއްޖެ އިން ފާހަގަ ކުރެވޭ މީހުންނަށް އިސްކަންދީގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ އަލީ ހުޝްރުވާން އާއި އަލީ ޖާވިދާއި އިސްމާއިލް މިގްލާލް އާއި އަހުމަދު އާގިލް އަދި ހުސެއިން އަރީފެވެ.
ސީ ސްޕޯޓްސް އިން މި ފަހަރު ވަނީ މޫދު ކުޅިވަރުގެ ދާއިރާ އިން އަރަމުން އަންނަ ދެ ކުދިންނަކީ ވެސް އެ ފިހާރައިގެ އެމްބެސެޑަރުންގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެއީ ކ. ގުރައިދޫގެ 13 އަހަރުގެ މުހައްމަދު އިނާން އަބްދުލް ހަންނާނާއި މާލެ އަށް އުފަން އުމުރުން 11 އަހަރުގެ ޔާސިން އަހުމަދު ނާޝިދެވެ.
ސީ ސްޕޯޓްސް އިން ބުނީ، އެ ފިހާރައިގެ އުއްމީދަކީ އަލަށް ސޮއި ކުރި ދެ އެމްބެސެޑަރުންނާއެކު، އެ ކުދިންގެ ހުނަރު ތަރައްގީ ކުރުމަށް އެއްބާރުލުން ދިނުން ކަމަށެވެ. އަދި އުއްމީދަކީ އެ ކުދިންގެ ސަބަބުން އެ އުމުރުފުރައިގެ ގިނަ ކުދިންތަކެއް، މޫދު ކުޅިވަރުގެ ދާއިރާ އިން ކުރިއަށް ދިއުމަށް ހިތްވަރު ލިބުން ކަމަށް ސީ ސްޕޯޓްސް އިން ބުނެ އެވެ.
އެ ފިހާރަ އިން ބުނިގޮތުގައި، އެމްބެސެޑަރުން އައްޔަންކުރީ ރާއްޖޭގައި މޫދު ކުޅިވަރު ތަރައްގީކޮށް، ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ. އަދި އެއީ ރާއްޖޭގައި އެ ކުޅިވަރު ކުރިއެރުވުމަށް ކުރެވެން އޮތް އެންމެ ބޮޑު އެއް މަސައްކަތް ކަމަށާއި ސޮއިކުރި އެމްބެސެޑަރުންނަކީ ގައުމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ އެތުލީޓުން ކަމަށް ސީ ސްޕޯޓްސް އިން ބުންޏެވެ.
މޫދު ކުޅިވަރަށް ބޭނުންވާ އެކި ބާވަތްތައް ވިއްކާ ސީ ސްޕޯޓްސްގައި މަޝްހޫރު ސާފް ބްރޭންޑުތައް ކަމަށް ވާ ރީފް، ވޮލްކޮމް، ހޮޓް ބަޓާޑް، އޯޝަން އެންޑް އާތް، ސްޕީޑޯ، އެފްސީއެސް ހާޑްވެއާ ބްރޭންޑުގެ އުފެއްދުންތައް ހުރެ އެވެ. އެ ބްރޭންޑުތަކުގެ އަވި އައިނާއި ސުވިމްވެއާ އާއި ފައިވާނާއި ހެދުމާއި ސާފު ކުރުމާއި ބޮޑީ ބޯޑިން އަށް ބޭނުންވާ އެކި ބާވަތްތައް ވެސް ސީ ސްޕޯޓްސް އިން ލިބެން އެބަހުއްޓެވެ.