ލަންޑަން (އޮގަސްޓް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްފާ އިން 1-0 އިން ވުލްވްސް ބަލިކުރި މެޗުގެ ހަމައެކަނި ލަނޑު ޖަހައިގެން، މެންޗެސްޓާ ސިޓީ ކުޅުނު އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ، އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ހަދާފައިވާ ރެކޯޑް، އިނގިރޭސި ފޯވާޑް ހެރީ ކޭން މުގުރާލައިފި އެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ކޭން މި ރެކޯޑް މުގުރާލީ، މިރޭ އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގެ 64 ވަނަ މިނިޓުގައި ސޮން ހެއުން މިން ނެގި ކޯނަރަކުން ލަނޑު ޖަހައިގެންނެވެ. ސޮން ނެގި ކޯނަރުން އިވާން ޕެރިސިޗް ބޮލުން ޖައްސާލި ބޯޅަ، ގޯލުގެ ފާ ޕޯސްޓުގައި ހުސްކޮށް ހުރެ ކޭން ވަނީ ބޮލުން ފޮނުވާލައިގެން، ލީގުގައި ޓޮޓެންހަމަށް 185 ވަނަ ލަނޑު ޖަހައިދީފަ އެވެ.

އަގުއެރޯ ވަނީ 2011 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރު ސިޓީ ދޫކޮށްލުމާ ހަމައަށް އެ ޓީމަށް ކުޅުނު 10 ސީޒަނުގައި 275 މެޗުން 184 ލަނޑު ޖަހައި، ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ކޭން 185 ލަނޑު ހަމަކުރީ ޓޮޓެންހަމަށް ލީގުގައި ކުޅެދިން 282 ވަނަ މެޗުގަ އެވެ. ކޭން ވަނީ ލޯނު އުސޫލުން 2012/13 ސީޒަންގެ ޕްރިމިއާ ލީގުގައި ނޯރިޗް ސިޓީ އަށް ތިން މެޗު ކުޅެދީފަ އެވެ.

އަގުއެރޯ، ސިޓީ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ. ސިޓީ ދޫކޮށް ބާސެލޯނާއާ ގުޅުނުތާ މާ ގިނަދުވަހެއް ނުވެ، ހިތުގެ މައްސަލައެއް ދިމާވެގެން އޭނާ ވަނީ ކުޅުން ހުއްޓާލާފައި.--
އަގުއެރޯ، ސިޓީ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ. ސިޓީ ދޫކޮށް ބާސެލޯނާއާ ގުޅުނުތާ މާ ގިނަދުވަހެއް ނުވެ، ހިތުގެ މައްސަލައެއް ދިމާވެގެން އޭނާ ވަނީ ކުޅުން ހުއްޓާލާފައި.--

ގޯލުގެ ކުރިން ކޭން އާއި ސޮން ފޮނުވާލި ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ. ފުރަތަމަ ހާފުގައި ވުލްވްސް އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. އަދި ޓީމުގެ ރެކޯޑް ފީއަކަށް؛ 38 މިލިއަން ޕައުންޑަށް ގެނައި ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު މެތިއުސް ނޫނޭޒް ފޮނުވާލި ހަމަލާ ވެސް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

ޓޮޓެންހަމް ވަނީ އެޓީމުން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިފަ އެވެ. ވުލްވްސް އަށް ކުޅުނު ތިން މެޗުން ޕޮއިންޓެއް ލިބިފައި ވާއިރު، އެޓީމު ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ.

ވުލްވްސް ކޮޅަށް ކޭން ޖެހި ލަނޑަކީ އޭނާ ޓޮޓެންހަމަށް ޖަހައިދިން 250 ވަނަ ލަނޑެވެ. އަދި މިއާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުން ވެސް އަގުއެރޯ ފަހަތަށް ޖައްސާލައި، ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ލިސްޓުގެ ތިންވަނައިގައި އޮތް އެންޑްރޫ ކޯލް 187 ލަނޑު ޖަހައިފައި ވާއިރު، ދެވަނައިގައި އޮތް ރޫނީ ވަނީ 208 ލަނޑު ޖަހައިފަ އެވެ. އެއްވަނައިގައި އޮތީ އެލަން ޝެއަރާ އެވެ

ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ގަދަ 10 ގައި ވެސް މިހާރު ކުޅޭ ކުޅުންތެރިއަކު ނުހިމެނޭ އިރު، އެންމެ ގާތުން ވެސް ވާދަކުރަނީ 133 ލަނޑު ޖަހައިގެން 14 ވަނައިގައި އޮތް ލެސްޓާ ސިޓީގެ ޖެމީ ވާޑީ އެވެ. ލޯނު އުސޫލުން މިހާރު އިޓަލީގެ އިންޓަ މިލާނަށް ކުޅޭ ރޮމެލޫ ލުކާކޫ އާއެކު 191 ލަނޑު ޖަހައިގެން ލިވަޕޫލްގެ މުހައްމަދު ސަލާހު އޮތީ 19 ވަނައިގަ އެވެ.