އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޝެއިހު އާދަމް ޝަމީމް އާއި އިސްހާގު މުހައްމަދުފުޅު، ރައީސް އަބްދުﷲ ޔާމީން އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަޖިލީހަށް ދެ ބޭފުޅުން އައްޔަންކުރެއްވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އާދަމް ޝަމީމަކީ ދީނީ ޖަމިއްޔާ ސަލަފުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އިސްހާގު މުހައްމަދުފުޅަކީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ގުރުއާން އެންޑް ސުންނާގެ ޑީނެވެ.
އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަން ކުރެއްވުމުގެ ބާރު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ގޮތަށް، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ މަހު އިސްލާހު ގެނެސްފަ އެވެ.
އިސްލާމީ ފަތުވާދޭ މަޖިލިސްގެ ނަމުގައި އޮފީހެއް ރައީސް ގާއިމްކުރައްވަން ވެސް ޖެހިވަޑައިގަންނަވަ އެވެ. އެއީ، އިސްލާމިކް މިނިސްޓަރަށް ޖަވާބުދާރީ ވާ، އެ މިނިސްޓްރީގެ ދަށުން ހިންގާ ދައުލަތުގެ ވަކި އިދާރާއެކެވެ. އެކަމަކު، ފަތުވާ ދޭ މަޖިލީހުގެ އޮފީހެއް ރައީސް އަބްދުﷲ ޔާމީން އަދި ގާއިމްކުރައްވާފައެއް ނުވެ އެވެ.
އިސްލާމީ ފަތުވާދޭ މަޖިލީހަކީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގްހީ އާ މައްސަލަތަކުގެ ދިރާސާތައްކޮށް އެކަންކަމާ ގުޅޭ ދިނީ ލަފާ ފޯރުކޮށް ދިނުމަށް އުފެއްދި މަޖިލީހެކެވެ.