19 ޖޫން 2019 - 09:59
މަޑުމަޑުން ގުގުރައިލިއެވެ. ފަނޑުފަނޑުކޮށް ވިދައިލިއެވެ. ތުނިތުނިކޮށް ވާރޭވެހެން ފެށިއެވެ. ދަންވަރު އަނދިރިކަމުގެ ކަޅު ރަޖާތެރޭގައި ފޮރުވައިފައިވާ ރަށުގެ މަގުތައް އޮތީ ފަޅުވެފައެވެ. ފެންހެދިފައެވެ. ހަމަހިމޭންވެފައެވެ. ގަސްތަކުގެ ފަތްތައް އިސްޖަހައިލައިގެން ތިބި ކަހަލައެވެ. ވައިރޯޅި ހިނދި، ރާޅުތައް އޮބި، ފަނިފަކުސައިގެ އަޑު ވެސް ކެނޑިއްޖެއެވެ. އެ ހަމަހިމޭންކަމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ހަމަހިމޭންކަން ގެނައުމަށް މާހައުލު މަސައްކަތްކުރަމުންދިޔައީ އެހެން މީހުންނަށް ކޮން އަޑެއް އިއްވުމަށް ޓަކައި ހެއްޔެވެ؟ އެހެން އަޑެއް އެބަ އިވޭ ހެއްޔެވެ؟ ވަގުތުގެ ދުރުމި ސީދާކުރެވުނީ، ރަށުގެ ދެކުނުފަރާތު ގެތަކުގެ ތެރެއިން އެންމެ ފަހު ގެއަށެވެ. އަޑު އަންނަނީ އެ ގެއިންނެވެ. އަޑުއަހަން ނޭނގޭ މީހަކަށް އެ އަޑެއް ނީވޭނެއެވެ. ސަމާލުކަމެއް ނުދެވޭނެއެވެ. ވަރަށް އާދައިގެ ފެންވަރަކަށް ހަދައިފައިހުރި އެ ގޭގެ ދޮރު ހުރީ ހުޅުވިފައެވެ. ފެންޑާގެ އަލިކަން ފަނޑެވެ. ދޮރުބުޑުގައި ބަހައްޓައިފައިހުރި ކޮޅުފިލާގޮނޑިއެއްގައި، އުމުރުން ތިން އަހަރު ވާން ކައިރިވެފައިވާ ސާހިލް އިނެވެ. ހިތުގަޖެހިފައެވެ. ބިރުގެންފައެވެ. ބަނޑުހައިވެފައެވެ. ވަރުބަލިވެފައެވެ. ހީކަރުވައިފައެވެ. ބަލިކަށި އަޑަކުން ސާހިލް ރޯތާ ފަސް ގަޑިއިރުވެގެން ހިނގައްޖެއެވެ. ސާހިލްގެ މަންމަ ޒާހިދާ އޮތީ ގަދަ ގުގުރީގައެވެ. ނިދަން އޮށޯތުމުގެ ކުރިން ކެއުމަށްޓަކައި ގެނައި ބަތްތަށި އެނދުގެ ބޯލާކޮޅުގައި ބަހައްޓައިފައި ހުއްޓެވެ. ދެބައިކުޅަ އެއްބަޔަށް ބޮވުނު ޖޫސްތަށި އެނދުގެ ފައި ކައިރީގައި ތަޅުންގަނޑުމަތީގައި ހުއްޓެވެ. ގަޑިން އެއްގަޑި ބައިވާން ތައްޔާރުވަނީއެވެ. ޒާހިދާގެ ކޮޓަރި ހުރީ ތަޅުލައިފައެވެ. ފަހަރެއްގައި ވެސް ސާހިލް ކޮޓަރިއަށް ވަދެދާނެތީއެވެ. ޒާހިދާ ކޮޓަރިން ބޭރަށް ތަށިތައް ނުނެރުނީ ނިދަން އެހާ ކައިރިވެފައިއޮއްވައި ދަރިފުޅުގެ ސުންޕާ މޫނު ދެކެން ބޭނުންނުވާތީއެވެ.
ނިދަންއޮތްއިރު ޒާހިދާގެ މޫނުމައްޗަށް އެކި ކަހަލަ ކުލަވަރު ވެރިވަމުންދިޔައެވެ. ފޫހިކަމެވެ. ނުތަނަވަސްކަމެވެ. ހާސްކަމެވެ. ހިތްދަތިކަމެވެ. ޒާހިދާއަށް ފެންނަމުންދިޔައީ އާންމުކޮށް ޒާހިދާއަށް ފެންނަ ބިރުވެރި ހުވަފެނެވެ. މާހިރުގެ ވަކިތަކުގެދަށުން ޒާހިދާއަށް ސަލާމަތްނުވެވިގެން އުޅޭތަނެވެ. ކުއްލިއަކަށް ހަޅޭއްލަވައިގެންފައި ޒާހިދާ ތެދުވިއެވެ. ހަށިގަނޑުގައި ތަތްވެފައިވާ ބޯވަ ނައްޓަން ޒާހިދާ ތެޅިފޮޅިގަތެވެ. ހޭވެރިކަންވީ އެ ހިސާބުންނެވެ. އެ ތަނަކު އެހެން މީހަކު ނެތެވެ. ޒާހިދާ ރޯންފެށިއެވެ. ތިމާގެ ނިކަމެތިކަމަށް ޓަކައެވެ. މާހިރު ހަނދާންނައްތައިލަން ޒާހިދާ ބޭނުމެވެ. އާންމު އިންސާނެއް އުޅޭހެން އުޅެން ވެސް ޒާހިދާ ބޭނުމެވެ. އިންސާނަކަށްވީތީ ލިބެންޖެހޭ އެންމެ އަސާސީ ހައްގުތައް ޒާހިދާ ބޭނުމެވެ. ނިންޖެވެ. އުފަލެވެ. ކެއިންބުއިމެވެ. ހަމަހިމޭންކަމެވެ. ހުރިހައި އެއްޗެއް މާހިރު ޖަހައިގަނެގެން ގެންގޮސްފިއެވެ. އަލުން އެނދުގައި ހަމަޖެހިލެވޭތޯ ޒާހިދާ މަސައްކަތްކުރިއެވެ. އެކަމަކު ގިސްލުމެއް ނުހުއްޓުނެވެ. އޭރު ރޮއިރޮއި ވަރުބަލިވެގެން ސާހިލް އޮތީ ތަޅުންގަނޑުމައްޗަށް ދެމިފައެވެ. ނިދިފައެއް ނޫނެވެ. ސާހިލްގެ ލޮލެއް ނުމެރެއެވެ. އެކަމަކު ހަރަކާތެއްކުރާނެ ހިތްވަރެއް ސާހިލްގެ ގަޔަކު ނެތެވެ.
މާހިރަކީ ޒާހިދާގެ ބޮޑުބޭބެއެވެ. އަވާމެންދުރު ދައްކައިގެން ޒާހިދާ މާލެގެނައީ މާހިރެވެ. މާހިރުގެ ގޭގައި ޒާހިދާ ބެހެއްޓީ ޒާހިދާއަށް ކިޔަވައިދީ، ވަޒީފާހޯދައިދީ، އަމިއްލަފައިމައްޗަށް ތެދުވެވޭނެ ވަރު ކޮށްދޭނެކަމުގެ ހުވަފެންދައްކައިގެންނެވެ. އެގޮތަކުން މިގޮތަކުން ޒާހިދާއަށް ކިޔެވުނެވެ. އެކަމަކު ވަޒީފާހޯދައިދިންއިރު ޒާހިދާގެ އިއްފަތްތެރިކަން ގެއްލިއްޖެއެވެ. ޒާހިދާގެ ހަގު އުމުރާއި، ތަންދޮރުއޮޅުންފިލައިފައި ނެތުމުގެ ފުރިހަމަ ފައިދާ މާހިރު ނެގިއެވެ. ބިރުދައްކައި، އޮޅުވައިލައި، މަޖުބޫރުކޮށްގެން މާހިރުގެ މަގުސަދު ހާސިލުކުރިއެވެ. މުހުސިނާ ރައްޓެހިވެގެން ރަށަށް އާދެވެންދެން ޒާހިދާ އުޅުނީ މާހިރުގެ އަޅުވެތިކަމުގެ ދަށުގައެވެ. ރަށަށް އަންނަންޖެހުނީ މާހިރު ދިން "ހަދިޔާ" ހިފައިގެންނެވެ. އެ ހަދިޔާއަކީ ސާހިލެވެ. މާހިރުގެ ފޮޓޯކޮޕީއެކެވެ. ކުށެއް ނެތް ސާހިލްގެ ބަދުނަސީބުކަމަކީ އެއީއެވެ. ބައްޕަޔާ ވައްތަރުވުމެވެ. ސާހިލްގެ މޫނުން ޒާހިދާއަށް ފެންނަނީ މާހިރެވެ. އެ ހިސާބުން ޒާހިދާގެ ރުޅި ކޮންޓުރޯލެއް ނުކުރެވެއެވެ. ޒާހިދާއަށް ހޭވެރިކަންވާއިރު ސާހިލް އޮންނަނީ ހޭނެތިފައެވެ. އެ ކަން އިހުސާސްވުމުން ޒާހިދާގެ ކޮނޑުގައިއިންނަ ސައިތާނާ ރައްކާވެއެވެ. މައިވަންތަ ލޯބިން ޒާހިދާގެ ހިތްފުރެއެވެ. ސާހިލް ނަގައިގެން ފިރުމައެވެ.
"މަންމައަށް މާފުކުރޭ ދަރިފުޅާ!" މަޑުމަޑުން ޒާހިދާ ކިޔައެވެ. "ދެން ދުވަހަކު ވެސް ދަރިފުޅަކަށް މަންމަ އަނިޔާއެއް ނުކުރާނަން."
ޖެހިގެންއަންނަ ދުވަހު އަނެއްކާ ވެސް ކުރިން ހިނގި ހާދިސާ ތަކުރާރުވެއެވެ. އަނެއްކާ ޒާހިދާ މާފަށްއެދެއެވެ. ރޮއިރޮއިފައި ފިރުމައެވެ. އަމިއްލަ ހިތާ ޒާހިދާ ސުވާލުކުރެއެވެ. ރުޅި ކޮންޓުރޯލު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ޒާހިދާ ރުޅިއަންނަ ވަގުތު ޒާހިދާގެ އަތުގައި ހިފަހައްޓާނެ މީހަކު ހުންނަ ނަމައެވެ. ވިސްނައިދޭނެ މީހަކު ހުންނަ ނަމައެވެ. ހަނދާންކޮށްދޭނެ ނަމައެވެ. އަނިޔާކުރެވެނީ މާހިރަކަށް ނޫނެވެ. ކުށެއް ނެތް ދަރިފުޅަށެވެ. އެންމެ ބޮޑު މައްސަލައަކީ ޒާހިދާގެ ފިރިމީހާ ގިނަ ވަގުތު ރަށުން ބޭރުގައި އުޅެންޖެހުމެވެ. ރަށަށް އާދެވެނީ ރިސޯޓުން ޗުއްޓީލިބޭ ދުވަހުއެވެ. ކިރިޔާ ވެސް އެހެން ގޮތެއް އޮތް ނަމަ، ރިސޯޓު ވެއިޓަރެއްގެ މަގާމު މުހުސިން ދޫކޮށްލައިފީހެވެ. ހަފުތާގެ ގިނަ ދުވަހު ޒާހިދާއާ ދުރުގައިހުރުމަކީ މުހުސިންގެ ހިތަށް ނުތަނަވަސްކަން ވެރިވާކަމެކެވެ. ޒާހިދާއާއި ސާހިލްގެ ގުޅުން ކިހާ މުރަނަކަން މުހުސިނަށް އެނގެއެވެ. ސާހިލަށް އަނިޔާ ނުކުރަން ކިތަންމެ ފަހަރަކު މުހުސިން ބުނެފިއެވެ. ހަގީގަތް ވިސްނައިދޭން މުހުސިން މަސައްކަތްކޮށްފިއެވެ. ޒާހިދާގެ މިޒާޖަށް ކުޑަ ވެސް ބަދަލެއްނައެވެ. ވިއްޔާ ވީ ގޯހެވެ.
ސާހިލްގެ މޫނާއި ހަށިގަނޑުގައިހުންނަ އަނިޔާގެ ނިޝާންތައް ރަށުމީހުންނަށް ފެނެއެވެ. އެހެނަސް ޒާހިދާއަކީ މީހުންނާ ނުގުޅޭ، ބަސްމަދު އަންހެނެކެވެ. ނަސޭހަތުން އަރައިފައިހުރި މީހެކެވެ. ކަންކަމާ ދޭތެރޭގައި ފުންކޮށް ވިސްނާ މީހުން ފަރުދީ ޒިންމާއަދައެއް ނުކުރެއެވެ. ސާހިލް ސަލާމަތްކޮށްދޭން ކަމެއްކުރުމުގެ ބަދަލުގައި "ނުބެހޭކަންތަކާ ނުބެހެން" ނިންމީއެވެ. ފެންނަ މަންޒަރު ނުފެންނަކަމަށް ހަދައިލީއެވެ. ޒާހިދާގެ ގެ ކައިރިން ދާ މީހުން ސާހިލް ރޯއަޑަށް އާދަވިއެވެ. ސާހިލް ކިތަންމެ ބާރަށް ރުޔަސް އެކަކު ވެސް އަޅައެއްނުލިއެވެ.
ސާހިލަށް ތިން އަހަރު ފުރުނު ދުވަހެވެ. އުފަންދުވަސް ފާހަގަކުރަން އެއްވެސް ކަމެއް ކުރާކަށް ޒާހިދާ ބޭނުމެއް ނޫނެވެ. ތިން އަހަރު ފުރެންދެން ސާހިލް ދުނިޔޭގައި ހުންނާނެކަމަކަށް ޒާހިދާ އުންމީދެއް ނުވެސް ކުރެއެވެ. އަމިއްލަ ދަރިއެއް ފަދައިން ސާހިލް ދެކެ ލޯބިވަނީ މުހުސިނެވެ. ދޮންދަރިފުޅުގެ ހުރިހާ ޒިންމާއެއް ނުނެގުނަސް، މުހުސިނަށް ވީވަރެއް ކޮށްދެއެވެ. އެހެންކަމުން، ތިންވަނަ އުފަންދުވަހުގެ ހަދިޔާއަކަށް މުހުސިން ގެނައި އެކައްޗަކީ ހުރަސް ރޮނގުދެމި ޓީޝާޓެކެވެ. އޭގެ ކުރިން ދުވަހަކު ވެސް ސާހިލް ޓީޝާޓެއް ނުލައެވެ. އެ ފަދަ ހަދިޔާއެއް މުހުސިން ގެނައިކަމެއް ޒާހިދާ ނުވެސް ދެނަހުއްޓެވެ. ބަދިގޭގައި އޮންނަ ދަގަނޑު މުގުރުން ކާށިބިންނަން ހުއްޓައި މުހުސިން ބަދިގެއަށް ބޯދިއްކޮށްލިއެވެ.
"ދޭބަލަ ފެންޑާ ބަލައިލަން،" ހިނިތުންވެފައި މުހުސިން ބުންޏެވެ. "މަ އެބަ އަންނަން ޖެޓީ ކައިރިއަށް ޖައްސައިލާފަ. ރިސޯޓުން އެބައާދޭ އައިސްކްރީމާ، ކޭކު ހިފައިގެން. އެ ސޮރު އުފާވާނެއްނު."
ރައްޓެއްސެއްގެ ސައިކަލު ފަހަތުގައި މުހުސިން މިސްރާބުޖެހީ ފާލަމާ ދިމާއަށެވެ. ޒާހިދާ ކާށިބިނދެ ނިމުނު ވަގުތު މިޔުޒިކެއްގެ އަޑު އިވުނެވެ. އެއީ ކޮން އަޑެއްތޯ ބަލައިލަން ޒާހިދާ ފެންޑާއަށް ނުކުތްއިރު އަތުގައި ދަގަނޑު މުގުރު އޮތެވެ. ޒާހިދާއަށް ފެނުނީ ސާހިލް އެކަނިމާއެކަނި ޕިޔާނާކުޅެން އިންދައެވެ. އެއީ ވަރަށް އާދައިގެ، ކުޅޭކުޅޭ ޕިޔާނާއެކެވެ. އެ ހަދިޔާއަކީ މުހުސިން ދިން ހަދިޔާއެކެވެ. ޒާހިދާގެ ލޮލުގައި އަޅައިގަތީ ޕިޔާނާއެއް ނޫނެވެ. ސާހިލެވެ. އޭނަ ލައިގެންހުރި، ހުރަސް ރޮނގުދެމި ޓީޝާޓެވެ. އެއީ މާހިރު އެންމެ ގިނައިން ލާ ވައްތަރުގެ ޓީޝާޓެކެވެ. ޓީޝާޓުގައި ހުދުކުލައެވެ. ރީނދުލާއި ކަޅު ހުރަސް ރޮނގެވެ. އެ މަންޒަރު ފެނުމާއެކު ޒާހިދާގެ ސިކުނޑިން އޯގާތެރިކަމުގެ ނާރު ބުރިވި ކަހަލައެވެ. ޒާހިދާއަށް ފެނުނީ މާހިރެވެ. ޒާހިދާއަށް ހުރެވުނީ މާހިރުގެ ގޭގައެވެ. އަތުގައި އޮތް ދަގަނޑު މުގުރު ރަނގަޅަށް އަތަށް ހެޔޮވަރުކޮށްލެވުނެވެ. ކުރިޔަށް ފިޔަވަޅެއްއެޅިއެވެ. ޒާހިދާ އަންނަކަން ނުވެސް ދެނަހުރި ސާހިލަށް ޕިޔާނާ ވަރަށް ކަމުދިޔައެވެ. އުފަލުން ހެވުނެވެ. ޒާހިދާ އަނެއް ފިޔަވަޅު ކުރިޔަށްއެޅިއެވެ. މާހިރުގެ ކިބައިން ބަދަލުހިފަން އެއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެކަން ޒާހިދާއަށް އެނގެއެވެ. ރުޅިއައިސްގެން ޒާހިދާ ތުރުތުރުއެޅިއެވެ. އަތުގައި އޮތް ދަގަނޑު މުގުރު އަތުކޮޅަށް ދަމައިލިއެވެ. އެ ވަގުތު، މީހަކު ހުރިހެން ހީވެގެން ސާހިލަށް ބަލައިލެވުނެވެ. މަންމަ ފެނުނެވެ.
"މަންމާ!" ހިނިތުންވެލައިފައި ސާހިލް ބުނެލިއެވެ. "ކޮބާ ބައް.."
ކޭކާއި އައިސްކިރިމު ހިފައިގެން މުހުސިން އައިއިރު ޒާހިދާ އޮތީ ޖޯލީގައި އޮށޯވެލައިގެން މައްޗަށް ބަލަހައްޓައިގެންނެވެ. މުހުސިން ވަނީ އެތެރެއަށެވެ.
"ދަރިފުޅާ!" މުހުސިން ހަޅޭއްލަވައިގަތް އަޑު އިވުނެވެ.
މުހުސިންގެ އަޑު ޒާހިދާއަށް ނީވޭ ކަހަލައެވެ. ޖޯލީގެ ބިއްދޮށުގައި ހުރި ކަނީރު ގަހުގެ ގޮފިގަނޑެއް ޒާހިދާގެ މޫނާ ދިމާއަށް ލެނބިފައި އޮތެވެ. އެ ގޮފިގަނޑުގައި މާތައް ބަރާވެފައި އޮތެވެ. ލޭކޮކާލެއް މާތަކުގެ ވަށައިގެން އުދުހިއުދުހިފައި އުޅުނެވެ. ޒާހިދާ އޮތީ ކޮކާލަށް ބަލަހައްޓައިގެންނެވެ. ދުނިޔޭގެ ފިކުރެއް، ޒިންމާއެއް، ކުށެއް ނެތް ކޮކާލެކެވެ. މީހަކަށް އުނދަގުލެއް ނުވަތަ ދެރައެއްދިނުމަކީ ކޮކާ ދަންނަކަމެއް ނޫނެވެ. އެކަމަކު ކޮކާ އުދުހޭތަން ފެނުމުން އެހެން މީހެއްގެ ހިތަށް އުފާވެރިކަން ލިބިދާނެއެވެ. ފިނިކަން ލިބިދާނެއެވެ. މީހަކު ކޮކާ ހިފައިފިއްޔާ ކޮށީގައި އިންނާނެއެވެ. މީހަކު ޖަހައިފިއްޔާ ވެއްޓި ފިޔަތަޅަތަޅައި ކޮކާ އޮންނާނެއެވެ. ނޫނީ މަރުވެދާނެއެވެ. ބަލިކަށިކަމުންނެވެ. އެހެނަސް ޝަކުވާއެއް ނުކުރާނެއެވެ. ސާހިލަކީ އެ ފަދަ ކޮކާލެކެވެ. ދިރިއުޅުނީ ވަރަށް ހާލުގައެވެ. ބިރުވެރިކަމާއި އަނިޔާ ނޫން އެއްޗެއް ސާހިލް ހަނދާނެއް ނެތެވެ. ޝަކުވާއެއް ނެތެވެ. މިއަދު ވަކިވެގެންދިޔައީއެވެ. ތިންވަނަ އުފަންދުވަހު މަންމަ ދިން ހަދިޔާއަށް ޝުކުރުއަދާކުރާނެ ލަފުޒެއް ވެސް ދުލަށް ނައިހެވެ.
"ޒާހިދާ!" ތަންކޮޅެއް ބާރަށް މީހަކު ބުނި އަޑު ޒާހިދާއަށް އިވުނެވެ.
ޒާހިދާ ބަލައިލިއިރު ފުލުސްމީހަކު ޖޯލި ކައިރީގައި ހުއްޓެވެ. އޭނަ ކައިރީގައި އިތުރު ދެ މީހަކު ވެސް ތިއްބެވެ. ޒާހިދާއަށް ރޮވުނީ އެ ހިސާބުންނެވެ. ދެން ހުއްޓައެއް ނުލެވުނެވެ. އެކަމަކު ޒާހިދާއަށް އެނގެއެވެ. އެ އަޑު އަހާނެ މީހަކު ނެތެވެ. ޒާހިދާގެ ވާހަކަ ގަބޫލުކުރާނެ މީހަކު ވެސް ނުހުންނާނެއެވެ. ކުޑަކުއްޖެއްގެ ސިފައިގައި ސާހިލް ފެންނަނީ އެހެން މީހުންނަށެވެ. ޒާހިދާއަށް އެއީ ރިހުމެކެވެ. ޒާހިދާގެ ހަޔާތަށް މީހަކު ލީ ވަރުގަދަ ވިހައެކެވެ. މުޅި ހަށިގަނޑަށް ފެތުރުމުގެ ކުރިން އެ ވިހައިން ސަލާމަތްވުން ނޫން އެހެން ގޮތެއް ޒާހިދާއަށް ނުފެނުނީއެވެ.
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޫ ޒާ
20 June 2019
އެބިއުޒްޑް ކޭސްއަކުން އުފަންވި އެނަދަރ އެބިއުޒްޑް ކޭސްއެއް... މުޖުތަމައުގެ ލޯބިވެސް، އާއިލީ ލޯބިވެސް އެއީ ކޮންމެ އިންސާނަކުވެސް ލިބުން އެދެޭނެ ކަންތައް.. އެކަންތައް އުނިވުމުން ވަރަށް ދެރަ ގޮތްތައް ދިމާވޭ... ވަގުތު ފާއިތުވުމުން ހެޔޮ އެދެން އުޅުމުގެ ކުރިން އަޅާލާ ބަޔަކަށްވަމާތޯ!
ސިފަ
20 June 2019
ވާހަކަ ކިޔަމުން ދިޔއިރު ސިފަ ކުރެވުނީ އިބްތިޙާލް... އަޅޭ އައި މިސް ހިމް ????
ޖޫން
19 June 2019
ވާހަކައިގެ ނިންމުމުގަ އޮތީ މިފަދަ ކަންކަމަށް ހިތްވަރުދެވިފަ.
ޢައިމިނަ
19 June 2019
ޥވވއަސަރުގަދަ
ފުންއަސަރު
19 June 2019
ސީދާ އިބްތިހާލުގެ ވާހަކަ ނޫނަސް މީހަމަ އެވާހަކަ. ހަމަ އެއަސަރު. ހަމަ އެއުމުރު. ހަމަ އެގޮތް ވެފާވާ އަންހެނެއް. އެފިރިހެނާގެ ނުބައި ނުލަފާ ކަމުގެ ހިތިރަހަ ދުށީ އަންހެންމީހާ އެކަންޏެއްނޫން. އެއަންހެންމީހާއަށް ދިން މޭވާއަކީވެސް ހިތި ހަބަރަކަށްވެ އެމައުސޫމް ކުޑަދަރިފުޅުވެސް ނިމުނީ ހަމައެހެން.
ކިނިކްސް
19 June 2019
ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭނަމަ އެހީތެރިވޭ! އަދި އަންގަން ޖެހޭ ފަރާތްތަކަށް އަންގާ! ކުޑަކުދިން ރައްކާތެރިކުރުމަކީ އަމިއްލަ ޒިންމާއެއް ކަމަށް ހަދަމާ!
ލޯޔަލް ކަސްޓަމާރ
19 June 2019
ބުނާނެ އެއްޗެއް ނޭނގިފަ މި އިންނަނީ، ބިންމާގެ ތިއޮއް ސިފަކޮށްދިނުމެއް ދޯ..ހަމަ ހީވަނީ ވާހަކައިގެ ތެރޭގަ އުޅެވޭހެން..ހީވަނީ އެއް ނޫން ހަމަ ޔަގީން...ވަރަށް ރީތި ވާހަކަ ..ސާބަހޭ ބިންމާ!!
ދޮންދީދީ
19 June 2019
މަށަށް ސިފަވީ އިބްތިހާލް ސްޓޯރީ.. ސިފަކުރުން ސަޅި ކަމުން ހީވަނީ އެތާ އުޅެވޭހެން.. ވ އަސަރުކޮށްފި..
މުނަާ
19 June 2019
ހަމަ އަސްލު ވެސް ރޮވިއްޖެ. ފަރުދީ ޒިންމާ އަދާ ކުރައްވަން ފަސްޖެހި ވަޑައިނުގަންވާ. މިފަދަ ކަންކަން ހިނގާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވާ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވާ. ޝުކުރިއްޔާ ބިންމާ.
ސަސި
19 June 2019
އިބްތިޙަލްގެ ހާދިޝާގައިވެސް މިފަދަ ގޮތެއްވުން އެއީ ވެދާނެ ކަމެއް. ހިތާމަ އަކީ 3 އަހަރު ވެގެން ދިޔަ އިރުވެސް މައްސަލަ ނިނުމުނު ކަން. އިޙްމާލު ވުމުގެ އިންތިހާ