09 ފެބުރުއަރީ 2020 - 09:39
ދިގުލީ ވިއްސާރަޔަކަށް ފަހު މޫސުން ރީތިވި ދުވަހެވެ. އޮފީހަށް ދިޔުމަށް ޓަކައި އަހަރެން ގެއިން ނުކުތީމެވެ. ޓައީގެ ގޮށް ރީތިކޮށްލައިފައި އަހަރެން ސައިކަލަށް އަރައަރާ ހުއްޓައި ފޯނުކޯލެއް އައެވެ. އަހަރެން ފޯނެއް ނުނަގަމެވެ. އޮފީހަށް ގަޑިޖެހިދާނެތީއެވެ. ފޯނު ކެނޑުމުން މެސެޖެއް އައި އަޑުއިވުނެވެ. ދީމާ އަހަންނަށް ފޮނުވި ފުރަތަމަ މެސެޖަކީ އެއީއެވެ. އަހަރެން ފޯނު ބެލީ އޮފީހަށް ގޮސް ސޮއިކޮށްފައެވެ.
"މީ އައިޝާއޭ! ގުޅާބަލަ!" އެ މެސެޖުގައި އޮތެވެ.
ދީމާ ބޭނުންކުރީ ފެށޭ ނަމެވެ. އޭނަގެ ނަމަކީ އައިޝަތު ދީމާއެވެ. އޭނަގެ ފޯނު ނަންބަރަކީ އަހަރެން ދަންނަ ނަންބަރެއް ނޫނެވެ. އެކަމަކު އަހަރެން ދަންނަ ކިތަންމެ އައިޝާއެއް އުޅެއެވެ. މީ އައިޝާއޭ މެސެޖުގައި އޮތުމުން އަހަރެން ހީކުރީ އެއީ އަހަރެން ދަންނަ އައިޝާއެއް ކަމަށެވެ. އަހަރެން ގުޅީމެވެ.
"ލައްބަ!" ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ.
"އައިންތު ބުނެގެން މި ގުޅީ!" ރަކި ގޮތަކަށް ހީނލައިފައި ދީމާ ބުންޏެވެ. "ދަރަވަންދޫ އައިންތު!"
އޭރު އަހަރެން ދެ ކުއްޖަކާ ރައްޓެހިވެ ރުޅިވެއްޖެއީމެވެ. ދީމާ ގުޅިއިރު އަހަރެން ހުރީ ހުސްހަށިބަޔަށެވެ. ވީމާ، އެހާ އަވަހަށް ފޯނު ބާއްވާ ހިތެއް ނުވިއެވެ. ދަރަވަންދޫ އައިންތަކީ އަހަރެންގެ ރައްޓެއްސެކެވެ. އަހަރެން ބައިވެރިވި ކޯހަކުން އެކުވެރިކަން އުފެދުނު، މެދު އުމުރުގެ އަންހެނެކެވެ. ވަރަށް ހިތްހެޔޮ މީހެކެވެ.
"އައިންތު ނަންބަރު ދިނީ،" ދީމާ އަނެއްކާ ވެސް ހީނލައިފައި ބުންޏެވެ. "ބުނި ހަންނާނު ވަރަށް ރަނގަޅުވާނޯ!"
އަހަރެން ވަރަށް އުފާވިއެވެ. ހިތާހިތުން އައިންތުއަށް ޝުކުރުއަދާކުރީމެވެ. އަހަރުމެން ބައިވެރިވި ކޯހުގެ މުއްދަތަކީ މަސްދުވަހެވެ. އެހާ ދުވަހުން އައިންތުއަކަށް އަހަރެން ދަހެއް ނުވެސް ވާނެއެވެ. އެ ފަދަ ހާލަތެއްގައި އަހަންނާ ބެހޭގޮތުން އަންހެންކުއްޖަކަށް ފައްސި ތަސައްވުރެއް ދިނުމަކީ ކޮންމެކޮންމެ މީހަކު ކުރާނެކަމެއް ނޫނެވެ.
އަހަންނާއި ދީމާގެ އެކުވެރިކަން ފެށުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ދީމާގެ އުމުރަކީ ނަވާރަ އަހަރެވެ. އަހަންނަށް ސައުވީސް އަހަރެވެ. ދީމާ ހުންނަ ސިފައެއް، އޭނަޔާ ބެހޭ މައުލޫމާތެއް އަހަންނަކަށް ނޭނގެއެވެ. އެނގެނީ ދީމާ ބުނި އެއްޗެއް ބުނި މިންވަރަކަށެވެ. ދީމާއަކީ ވެސް ދަރަވަންދޫ ކުއްޖެކެވެ. އޭނަ ދޭ މައުލޫމާތުގެ ސައްހަކަން އަހަންނަށް ބެލޭނެ ގޮތެއް ނެތެވެ. އެކުވެރި އައިންތުގެ ނަންބަރެއްހާ ހިސާބު ވެސް އަހަރެން އަތަކު ނެތެވެ. ދީމާގެ ދުލުން އިވުނު އެއްޗެއް ގަބޫލުކޮށްލައިގެން އަހަރެން ހުރީއެވެ. އެ ދުވަސްވަރަކީ އިންޓަނެޓާއި މީސްމީޑިޔާގެ ދުވަސްވަރެއް ނޫނެވެ. ވައިބާއެއް ވަޓްސްއެޕެއް ނުހުރެއެވެ. މޯބައިލް ފޯނުން ހަމައެކަނި ކުރެވޭނީ ފޯނެވެ. ބޭނުންވާ ހުރިހާ ނަންބަރު ފޯނުގައި ރައްކާކުރެވޭނެ ގޮތެއް ވެސް ނޯވެއެވެ. އެކި ފޯނުގައި ނަންބަރު ރައްކާކުރެވެނީ އެކި ވަރަށެވެ. ދީމާއަށް ގުޅޭ ނަންބަރު ރައްކާކުރުމަށް ޓަކައި އަހަރެން ޖެހުނީ އެހެން ނަންބަރެއް ފުހެލާށެވެ.
ދީމާޔާ ލޯބީގެ ގޮތުން ގުޅި، ކައިވެނިކުރަން އަހަރުމެން ބޭނުންވިއެވެ. އަހަރެންގެ މައިންބަފައިންގެ ރުހުން ހޯދީމެވެ. ދީމާ ވެސް ދީމާގެ މައިންބަފައިންގެ ރުހުން ހޯދައި، އަހަރުމެންގެ ކައިވެނީގެ ޚަބަރު ދަރަވަންދޫއަށް ފެތުރިއްޖެއެވެ. އޭރު ވެސް ދީމާ ހުންނަ ސިފައެއް އަހަންނަކަށް ނޭނގެއެވެ. އަހަރެންގެ ހިތުގައި ވަނީ، ދީމާގެ ނާޒުކު އަޑާއި ވާހަކަދެއްކުމުގައި އޭނަ ގެންގުޅޭ އަންހެންވަންތަ މިޒާޖުގެ މައްޗަށް ބިނާކޮށް ކުރެހިފައިވާ ޚިޔާލީ ތަސްވީރެކެވެ. އެ ތަސްވީރުގައި ދީމާ ވަރަށް ރީއްޗެވެ. އޭނަގެ ހުންނަނީ ތުނިތުނި އޮމާން މޫނެކެވެ. ޖާޒުބީ އަސަރުގަދަ ލޮލެކެވެ. އެސްފިޔަޖަހައިލާ ގޮތުން ތަރިތައް ވިދާ ބަބުޅައެވެ. ހުވަފެނުން ދީމާ ފެނެއެވެ. އަހަރެންގެ ޚިޔާލީ ތަސްވީރަށް ދިރުން އައިސް އަހަރެން ކުރިމަތީގައި އޭނާ ނަށައެވެ. އެ ސިފަޔަށް އަހަރެން އާދަވެފައި ހުރިވަރުން އަހަންނަށް ހީވެފައިއޮތީ ދީމާ ހުންނާނީ އެހެންކަމަށެވެ. ހީއެއް ނޫނެވެ. އަހަންނަށް އޮތީ ޔަގީންކުރެވިފައެވެ. އެހެން ސިފަޔަކަށް ދީމާ ހުރެދާނެކަމަކަށް އަހަރެންގެ ހިތަކަށްނާރައެވެ. އޭނަ ހުރީ ރަށުގައެވެ. އަހަރެން ހުރީ މާލޭގައެވެ.
ކައިވެނިކުރަން ދަރަވަންދޫއަށް ދާން ދެ ދުވަހަށް ވެފައި ވަނިކޮށް މަގުމަތިން އައިންތުއާ ދިމާވިއެވެ. އެއީ އިއްތިފާގެކެވެ. އައިންތު މާލޭގައި އުޅޭކަމެއް އަހަރެން ނުދެނަހުރީމެވެ.
"ކޮބާ ސައި؟" އައިންތު ސުވާލުކުރިއެވެ.
"ކުރާ މިހާރު ހުރީ އުނދުންމަތީގަ. ކެކިނަގަނީ،" އަހަރެން ހީނގެންފައި ބުނީމެވެ. "ރަށުގަ ވަރަށް ފޯރި އެބަހުރި ދޯ؟"
އައިންތު މާލެއައީ އައްޑޫގައި ހުރެފައެވެ. އެހެންކަމުން ދަރަވަންދޫގެ ޚަބަރުދަބަރެއް އައިންތުއަކަށް ނޭނގެއެވެ. ހިތަށްއެރިއެވެ. ދީމާގެ ފޮޓޯއެއް އޮތްތޯ އަހަންވީއެވެ. ހުންނަ ސިފަ އޮޅުންފިލުވަންވީއެވެ. އެ ކަމަށް ހުރަސްއެޅީ އައިންތު ކުރަހައިދީފައިވާ އަހަރެންގެ ތަސްވީރެވެ. އައިންތުގެ ނަޒަރުގައި އަހަންނަކީ ވަރަށް ރަނގަޅު މީހެކެވެ. އަހަރެންގެ ހިތް ބުނި ގޮތުގައި، އަހަންނަށް ދީމާ ނުފެންނަ ވާހަކަ ދީމާ އޮންނާނީ ބުނެފައެވެ. އޭގެ ސަބަބުން އިތުރު ސަތޭކަ މާކުސް އައިންތު އޮންނާނީ އަހަންނަށް ދީފައެވެ. ދީމާގެ ސިފަޔާ ބެހޭގޮތުން އަހަރެން އެންމެ ސުވާލެއް ކުރިޔަސް އައިންތު ސަތޭކަ މާކުސް އުނިކޮށްލާނެއެވެ. އަހަރެންގެ ނަންބަރު ވެއްޓޭނެއެވެ. ހިތް ކޮންމެ ގޮތަކަށް އޮތަސް ބޭރުފުށުން އަހަރެން ބޭނުންވީ މާތް މީހަކަށް ވާށެވެ. ކައިވެނީގެ ކުރިން ދީމާގެ އަސްލު ސިފަ "ބަލައިލަން" ލިބުނު ފަހު ފުރުސަތު ގެއްލުނީ އެ ގޮތަށެވެ.
ކައިވެނިކުރަން ދަރަވަންދޫއަށް ދާކަށް އޮފީހުން ޗުއްޓީއެއް ނުލިބުނެވެ. އެ ދުވަސްވަރަކީ އޮފީހުގެ މަސައްކަތްތައް ވަރަށް ގިނަ ދުވަސްވަރެކެވެ. ދީމާ މާލެއަށް ގެނެވޭތޯ ބެލީމެވެ. އޭނަގެ މައިންބަފައިން އެ ގޮތަކަށް އެއްބަހެއް ނުވިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ދީމާ މާލެ ގެނައުމުގެ ހުރިހާ ޚަރަދެއް ކުރަނީ އަހަރެންނެވެ. ހަމައެކަނި ދީމާއެއް ނޫނެވެ. މައިންބަފައިން ގެނެސް ރަށަށް ފުރަންވަންދެން އެ މީހުންނަށް ޚަރަދުކުރާނީ ވެސް އަހަންނެވެ. ވީއިރު ދީމާއަށް ހުއްދަ ނުލިބެންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟
އަހަރެން ދީމާއަށް ގުޅީމެވެ. ވެގެންއުޅޭ ގޮތް ވިސްނައިދިނީމެވެ. ހައިރާންވިކަމަކީ ދީމާ ވެސް މާލެއަންނަން އެއްބަސްނުވިކަމެވެ. ރަށުގައި ކައިވެނިކޮށްގެން ދެ މީހުން އެކުގައި މާލެއަންނަން ދީމާ ތައްޔާރެވެ. އަހަރެން ހިތަށްއެރިއެވެ. ކައިވެނީގެ ޚިޔާލު ދޫކޮށްލަންވީއެވެ. އެކަމަކު އޭރުން އަހަރެންގެ ނިތްކުރީގައި ޖެހޭނީ ކޮން ކަހަލަ ސިއްކައެއް ހެއްޔެވެ؟ އަހަރެންގެ މައިންބަފައިންނަށް އަންގައި، ރަށުގައި އަޑުފެތުރިފައި ދެން ކައިވެނި ނުކުރެވިއްޖެއްޔާ އެއީ އާދައިގެ ކަމެއް ނޫނެވެ. ދެ އާއިލާއަށް ވެސް ލަދުވެތިކަމެކެވެ. ގޮތް ހުސްވެގެން އަހަރެން ގޮސް އޮފީހުގެ ވެރިޔާއާ ބައްދަލުކުރީމެވެ.
"އޮފީހުން ކެނޑެވޭކަށް ނެތް،" އަހަރެން ވަރަށް އިހުތިރާމާ އެކުގައި ބުނީމެވެ. "ކައިވެނިކޮށްގެން އަނބިމީހާ ގެންނަންޖެހޭނީ މާލެއަށް. އަހަންނަކީ މާލޭ މީހެއް ނޫން. ތަނެއް ކުއްޔަށްހިފަން ޖެހޭނެ. ލާރި މެދުކެނޑިގެން ދެކޮޅެއް ނުޖެއްސޭނެ. ހެޔޮނުވާނެ ކޮންމެވެސް މަގެއް ތަނަވަސްކޮށްދީ."
އޮފީހުގެ ވެރިޔަކީ ރުޝްދީއެވެ. ގާތް އެކުވެރިޔެކެވެ. ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު ހެދިދާނެ ގޮތެއް ރުޝްދީ ކިޔައިދިނެވެ. ދަރަވަންދޫ ކައިރީގައި އޮންނަ ރަށަކަށް އޮފީސް ދަތުރެއް އޮތީ ހަމަޖެހިފައެވެ. އެ ދަތުރުގައި ދަރަވަންދޫއަށް ވެސް ދާންޖެހެއެވެ. ސާވޭތަކެއް ކުރުމަށް ޓަކައެވެ. އެއީ ހަފުތާއެއްހާ ދުވަހުގެ ދަތުރެކެވެ. ޗުއްޓީދިނުމުގެ ބަދަލުގައި އެ ދަތުރު އަހަންނަށް ދޭން ރުޝްދީ އެއްބަސްވިއެވެ. އެއްގޮތަކުން ރަނގަޅެވެ. ކައިވެނީގެ ތާރީޚަށް ކުޑަ ބަދަލެއް އަޔަސް، އަހަރެން އަތުން ޚަރަދެއް ނުހިނގައި އަހަރެންގެ މަގުސަދު ހާސިލުކުރެވޭނެއެވެ. އެ ހުށައެޅުން އަހަރެން ގަބޫލުކުރީމެވެ. އެހެން ގޮތެއް ނެތެވެ.
ދަރަވަންދޫއަށް ފުރަން އޮތީ މެންދުރެވެ. ހެނދުނު ދިހަޔެއް ޖެހިއިރު އަހަރެން ދަތުރު ތައްޔާރުކޮށް ނިންމައިލީމެވެ. ކައިވެނިކުރެވޭތީ އުފާވިޔެއްކަމަކު ކުޑަ ނުތަނަވަސްކަމެއް ވެސް ހުއްޓެވެ. ކީއްވެގެން ހެއްޔެވެ؟ ހިތް ބުނާ ކަހަލައެވެ. ކޮންމެވެސް ނުބަޔެއް ނޫޅޭ ހެއްޔެވެ؟ ބާރަ ޖަހަން އުޅެނިކޮށް ބައްޕައަށް ފޯނުކޯލެއް އައެވެ. ގުޅީ ހަނީފެވެ. އޭނައަކީ، ދަރަވަންދޫގައި ދިރިއުޅޭ ބައްޕަގެ މާ ގާތް އެކުވެރިޔެކެވެ. ދެއްކި ވާހަކައެއް ދައްކައިފައި ހަނީފް ފޯނު ބޭއްވުމުން ބައްޕަ ވަރަށް ކަންބޮޑުވެގެން އައެވެ. އޭރު ޓެކްސީ އައިސްގެން އަހަރެން ޓެކްސީއަށް ސާމާނުތައް އަރުވަނީއެވެ.
"ދަރިފުޅާ!" ނުތަނަވަސްކަމާ އެކުގައި ބައްޕަ ބުންޏެވެ. "ތިޔަ ކުއްޖާޔާ އިންނާނެކަމެއް ނެތް!"
އަހަރެން ހުރި ތަނަށް ގަނޑުވި ކަހަލައެވެ. ސުވާލުތައް އޮއްސައިލީމެވެ. ބައްޕައަށް މަޖުބޫރުވީ ހަގީގަތް ކިޔައިދޭށެވެ.
"ދެންމެ ހަނީފް އެ ގުޅީ،" ބައްޕަ ބުންޏެވެ. "އޭނަ ބުނީ އެ ދީމާއަކީ ވަރަށް ފީކަޅާ ކުއްޖެކޭ. ހަންނާނު ކަހަލަ ރަނގަޅު އާއިލާއެއްގެ ކުއްޖަކު އެއްގޮތަކަށް ވެސް ވައިއެޅެން ހެޔޮވާ ވަރުގެ ބަޔެއް ނޫނޯ އެއީ. އެހެންވެ ބައްޕައަކަށް ނުފެނޭ ތި ކައިވެނިކުރާކަށް."
ބައްޕައަށް ވިސްނައިދޭކަށް ވަގުތެއް ނެތެވެ. ދަތުރަކީ އޮފީސް ދަތުރެކެވެ. ކެންސަލުކުރެވޭކަށް ނެތެވެ. އަހަރެން ތާށިވީ ނުބައި ފައްތަރެއްގައެވެ.
"ކޮބާ ސަބަބަކީ؟" އަހަރެން ސުވާލުކުރީމެވެ. "ދީމާޔާ ވައިއެޅެން ހެޔޮނުވާންވީ ސަބަބެއް ވެސް އޮންނަންވާނެއްނު ބައްޕާ! އަހަރުމެންގެ ވެސް ކޮންމެވެސް އަގެއް އޮންނަންވާނެ. ހަމަ މީހަކު އެއްޗެއް ބުނެލާއިރަށް ޓަސްލާފަ ކައިވެނި ކެންސަލެއް ނުކުރެވޭނެއްނު."
"އެ ހަނީފަކީ ވަރަށް ހަރުދަނާ މީހެއް،" ބައްޕަގެ ނިންމުން ބަދަލެއް ނުވިއެވެ. "ކަމެއް ނުވެ ހަމަ ހުރެފަ އޭނަ އެހެނެއް ނުބުނާނެ. ބައްޕަ ތި ކައިވެންޏަކާ ގަބޫލެއް ނޫން."
"ބައްޕަ ވެސް އެބަޖެހޭ ތިޔަށް ވުރެ ހަރުދަނާވާން،" އަހަރެން ފަހުބަސް ބުނީމެވެ. "އޮފީހުގެ ވެރިމީހާޔާ އެތައް ވާހަކައެއް ދައްކައިގެން ދަތުރު ހަމަޖެހުނީ. ދެން ގޮސް ބުނަންވީ މިހާރު ކައިވެނި ކެންސަލުކޮށްފީމޭ؟ އޭރުން އަހަރެން ވާނީ ވަރަށް ތާކުންތާކު ނުޖެހޭ މީހަކަށް. އެހެންވެ މި ކަން ޖެހޭނީ ކުރަން. ދެން ގޯސްވެއްޖެއްޔާ ވަރިކުރެވޭނެއްނު!"
ނަސީބަކުން ބައްޕަ އެއްބަސްވިއެވެ. އަހަރެން ފުރީމެވެ. ހީކުރީ ރަށަށް ލަފާއިރު ދީމާ ފެންނަ ހިސާބުގައި ހުންނާނެކަމަށެވެ. އެކަމަކު ދީމާއެއް ނެތެވެ. ދީމާގެ ގެއަށް ދާނެ ގޮތް ކުރިން ކިޔައިދީފައި އޮތީމައި އެ ގެޔަށް މިސްރާބުޖެހީމެވެ. މާ ބޮޑު އުނދަގުލަކާ ނުލައި ދީމާގެ ގެ ފެނުނެވެ. އަހަރެން އެ ގެއަށް ވަނީމެވެ. އޭރު އެއްޗެހި ހިއްކަންއަޅަން އަންހެންކުއްޖަކު ހުއްޓެވެ. ރޯނުގައި ހިއްކަންއަޅައިފާ ހެދުންތަކުގެ ސަބަބުން އޭނަގެ މޫނު ހުރީ ފޮރުވިފައެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަހީމް ޝާ
09 February 2020
ރައްޓެއްސަކު މި ކަހަލަ ގޮތަކަށް މީހަކާ އިންނަން ރަށަކަށް ދިޔަ.
ސަ މޭ
10 February 2020
ދެން ވީ ގޮތްވެސް ކިޔާދީބާ
ލލލލ
10 February 2020
އެބުނާހެން. އަސްލުވެސް ކިޔައިދީބަ!
ގަމާރު1996
09 February 2020
ކޮންސިފައެއްގައިހުރި، އަންހެނެއްތޯ ފިރިހެނެއްތޯ ވެސް ބަލާނުލާ... ސޯޝަލްމީޑިއާ އާއި އިންޓަނެޓް ނެތަސް މޯބައިލް ފޯނު ގެންގުޅެން ފެށިފަހުން ވެސް ހަމަ އޮފީސްއޮފީހުގަ ތަންތަނަށް ސާރވޭއަށް ފޮނުވާ ފެންވަރުގެ މިހާ ގަމާރު ފިރިހެނުން އުޅޭނެތަ ބިންމާ ބޭބޭ! މިއޮއް އުޅެނީތާދޯ؟؟!!
ތެދުވެރި
16 February 2020
ވައުދަށް ކަމޭ ހިތުމަކީ މޮޔަ ކަމެކޭތާ ތިބުނަނީ. މިޒަމާނަކީ ދޮގުހެދިވަރަކަށް މީހާ ޢިއްޒަތްތެރިވާ ޒަމާން. އެހެންވީމަ އެފަދަ މީހުންނަށް ތެދުވެރިން ކަމަކު ނުދާނެ. ވާނީ ގަމާރު ބޯހަމަ ނުޖެހޭ މީހުންނަށް.
ވާހަކަ ކިޔުންތެރިއެއް
09 February 2020
ބިންމާގެ ވާހަކަތައް މިހާރު ކަމަކުނުދޭ. އަބަދު އެއް ލަވައެއް ކިޔަނީ. ބިންމާގެ ވާހަކަތަކުގެ ނިމުން އަދި ވަރަށް ވަރަށް ފީކަޅާ. "އަހަރެން މަށަށް ގެއްލިފަ" މިވާހަކަވެސް ހީވަނީ ބިންމާ ގަޑިޖެހިގެން ނިއްމާލީހެން.
ނެކްސްޓް
11 February 2020
ރަގަޅު ވާހަކައެއް ނިންމާލާއިރު ދަމާލާ ހާސަރު ގަނޑުން އެޔެއް މިޔެއް ނޭގެވަރި ކޮށްފަ. ކިޔާމީހާއަށް ނޭގެ މިނިމުނީ ކިހިނެތްކަމެއް
ނާޝް
09 February 2020
ތިހެން ނުހަދަބަލަ ބިންމާ. އެންމެ ރީތިހިސާބުން ނިންމާލީމަޔޯ؟
ކުރަފަތްބޭބެ
09 February 2020
ޔޭ މަ ފަސްޓު!