ސިއެރާ ލިއޯން (ޖެނުއަރީ 5) – އަންނަ އާދިއްތަ ދުވަހު ކެމަރޫންގައި ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ ސިއެރާ ލިއޯންގެ ގައުމީ ޓީމުގެ ކޯޗު ޖޯން ކެއިސްޓާ އަށް މަރުގެ އިންޒާރު ލިބެމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

މުބާރާތަށް ނެގި ޓީމުގައި ވަކި ކުޅުންތެރިންތަކެއް ހިމެނުމާ ގުޅިގެން، ފައިނަލް ސްކޮޑް އިއުލާން ކުރުމުގެ ކުރިން ދެ ފަހަރަކު އިންޒާރު ލިބުނު ކަމަށް ކެއިސްޓާ ވަނީ ބުނެފަ އެވެ. އަދި މި މައްސަލަ އެ ގައުމުގެ ޕޮލިހަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް އުމުރުން 51 އަހަރުގެ ކެއިސްޓާ ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުގެ މެންޗެސްޓާ އަށް އުފަން ކިއެސްޓާ ވަނީ އިނގިރޭސި ގިނަ ކުލަބުތަކަކަށް ކުޅެފަ އެވެ. އެގޮތުން އީއެފްއެލް ކްލަބް ވަލްސޯލް އާއި ޝްރޫސްބަރީ ޓައުން ހިމެނެ އެވެ. ސިއެރާ ލިއޯން ގައުމީ ޓީމަށް އޭނާ ވަނީ އަށް މެޗު ކުޅެދީފަ އެވެ.

ކިއެސްޓާ ވަނީ މީގެ ކުރިން 2017 އިން 2019 އަށް ސިއެރާ ލިއޯން ގައުމީ ޓީމަށް ކޯޗު ކޮށްދީފަ އެވެ. އެއަށް ފަހު ދެވަނަ ފަހަރަށް އޭނާ އެ މަގާމާ ހަވާލުވީ 2020 ވަނަ އަހަރު އެވެ. އަދި އޭނާ ވަނީ 1996 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެފްރިކާ ބައްރުގެ އެންމެ ޝަރަފްވެރި މުބާރާތަށް އެ ގައުމު ކޮލިފައި ކޮށްދީފަ އެވެ.

އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ހަމައެކަނި މެޗުގަައި ކޯލްކާ ގޯލު ޖެހުމަށް ފަހު.--
އިނގިރޭސި ގައުމީ ޓީމަށް ކުޅުނު ހަމައެކަނި މެޗުގަައި ކޯލްކާ ގޯލު ޖެހުމަށް ފަހު.--

އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް އޭނާ ނެގި ޓީމުގައި ވަނީ ކުރިން އިނގިރޭސި ގައުމީ ޓީމަށް އެއް މެޗު ކުޅެދީފައިވާ ޑިފެންޑަރު ސްޓީވަން ކޯލްކާ، 30، އާއި ކުރިން މިޑްލްސްބަރާ އަށް ކުޅުނު 37 އަހަރުގެ ފޯވާޑް ކެއި ކަމާރާ ހިމަނައިފަ އެވެ.

ޓޮޓެންހަމް ހޮޓްސްޕާ އިން ކެރިއަރު ފެށި ކޯލްކާ ވަނީ ފަހުން ކިއުޕީއާރާއި ސައުތެމްޓަން އަދި ލިވަޕޫލަށް ވެސް ކުޅެފަ އެވެ. ލަންޑަނުގައި 2012 ވަނަ އަހަރު އޮތް އޮލިމްޕިކްސްގައި ގްރޭޓް ބްރިޓަން ޓީމަށް ވެސް ކުޅުނު ކޯލްކާ އިނގިރޭސި ސީނިއާ ޓީމަށް ކުޅުނީ އެ އަހަރު ސްވިޑެންއާ އެކު ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގަ އެވެ. އެ މެޗުގައި އޭނާ ވަނީ ގޯލެއް ވެސް ޖަހައިފަ އެވެ.

ލޯނު އުސޫލުން ކޯލްކާ ލިވަޕޫލަށް ކުޅުނުއިރު، އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް އާއެކު.--
ލޯނު އުސޫލުން ކޯލްކާ ލިވަޕޫލަށް ކުޅުނުއިރު، އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް އާއެކު.--

ސްކޮޓްލެންޑަށް ވެސް ކުޅުމުގެ ފުރުސަތު އޮތް ކޯލްކާ އަށް ސެރިއޭ ލިއޯން އަށް ކުޅުމުގެ ފުރުސަތު ފަހިވަނީ އޭނާގެ ކާފަގެ ފަރާތުންނެވެ. ފީފާގެ ހުއްދައާ އެކު އޭނާގެ ރަށްވެހިކަން ސިއެރާ ލިއޯން އަށް ބަދަލުކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ގައި ކެރިއަރުގެ ބޮޑުބައެއް ހޭދަކުރި ކެއި ކަމާރާ އަކީ އެ ލީގުގެ ތާރީހުގައި ވެސް ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އަދި އޭނާއަކީ އެ ލީގުގެ އެންމެ ގިނަ ޓީމުތަކުގައި ގޯލު ޖެހުމުގެ ރެކޯޑް ވެސް އޮންނަ ކުޅުންތެރިޔާ އެވެ.

މިހާރު ކުލަބެއް ނެތި ހުރި، ކުރިން ބޯލްޓަން ވަންޑަރާސް އަށް ކުޅުނު މިޑްފީލްޑަރު މުހައްމަދު ކަމާރާ (މެޑޯ)، 34، ވެސް ވަނީ ސިއެރަ ލިއޯން ގައުމީ ޓީމުގައި ހިމަނައިފަ އެވެ.

ސިއެރާ ލިއޯން ހިމެނެނީ އައިވަރީ ކޯސްޓާއި އިކުއަޓޯރިއަލް ގިނީ އަދި އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ އާ އެކު ގުރޫޕް އީގަ އެވެ.