ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ ކޮންސެޓެއް ކުރިއަށް ދަނިކޮށް، އެތަނުގައި ތިބި މީހުންގެ ތެރޭގައި ބަޔަކު އަންހެން ކުއްޖަކަށް ގޯނާކުރާތަން ފެނިގެން ކޮންސެޓް މެދުކަނޑާލައި އެ ކުއްޖާ ސަލާމަތްކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ޕާކިސްތާނުގެ ކަރާޗީގައި ބޭއްވި "ކަރާޗީ އީޓް 2017" ކޮންސެޓުގައި އަންހެންކުއްޖާ ސަލާމަތްކުރަން ދިޔައީ އާތިފް ކަމަށާއި އަންހެން ކުއްޖާއާ ބެހުނު މީހުންނަށް އާތިފް "ރަނގަޅަށް ޖަވާބު ދިން" ކަމަށް ޖިއޯ ނިއުސް އިން ބުންޏެވެ.
އާތިފް ލަވަކިޔަން ސްޓޭޖަށް އެރީ ދަންވަރު 1:00 ޖެހި ފަހުންނެވެ. އޭނާ ލަވަކިޔަމުން ދަނިކޮށް، އެއްވެފައިވާ މީހުންގެ ތެރޭގައި ތިބި ފިރިހެނުންތަކެއް ކުރީ ބަރީގައި ހުރި އަންހެންކުއްޖަކަށް ގޯނާކުރަނިކޮށް ފެނުނީ އެވެ. އާތިފް ބަލަން ނުހުރެ، ލަވަކިޔުން ހުއްޓާލައި ސްޓޭޖުން ފުންމާލައިގެން ގޮސް، އެކަން ކުރި މީހުންނަށް ވަރަށް އެއްޗެހި ކީ ކަމަށްވެ އެވެ. އެ ކުއްޖާ ސެކިއުރިޓީންނާ ހަވާލުކޮށް ރައްކާތެރިކަމާ އެކު އެތަނުން ދުރަށް ފޮނުވާލި އެވެ.
މި ޚަބަރު ނޫސްތަކުގައި ޖެހުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ކޮންސަޓް އޮގަނައިޒްކުރި ފަރާތަށެވެ. މިއީ ހަމައެކަނި އާއިލާތަކަށް އޮތް އިވެންޓެއް ކަމަށް ބުނެ އިޝްތިހާރު ކޮށްފައި ގުންޑާއިން ވަންނަން ފުރުސަތު ދިނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލުކޮށްފައިވެ އެވެ.
ކަރާޗީގައި މީގެ ކުރިން ބޮޑެތި ޝޯތައް ދިން ނަމަވެސް މި ފަހަކަށް އައިސް މިފަދަ އިވެންޓްތައް ބާއްވަނީ ހާލަކުން ފަހަރަކު އެވެ. މި ކޮންސެޓްގައި އާތިފްގެ އިތުރުން ދުވަސްވީ ލަވަކިޔުންތެރިޔެއް ކަމަށްވާ އާބިދާ ޕަރްވީން ވެސް ބައިވެރި ވިއެވެ.