މިދިޔަ ސީޒަންގައި ސުޕަ ޔުނައިޓެޑް ސްޕޯޓް (ސަސް) ގައި އޭނާ އަށް ދިމާވި ކަންތައް، މިހާރުގެ ޓީމު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގައި ތަޖުރިބާކުރަން ނުޖެހޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގްރާންޑޭގެ ކޯޗްކަމާ އިއްޔެ ހަވާލުވި އަހްމަދު ނާޝީދު (ނާދު) ބުނެފި އެވެ.
ފުރަަތަމަ ޑިވިޝަންގައި މިދިޔަ އަހަރު އަލަށް ވާދަކުރި ސަސް އަށް ކޯޗުކޮށްދިން ޓޮޕް ޑިވިޝަންގެ ފުރަތަމަ ކޯޗަކީ ނާދު އެވެ. ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު ޓީމުގެ ނަތީޖާތައް ރަނގަޅު ނަމަވެސް އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ފުރަތަމަ ބުރުގެ ފަހު މެޗުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނާދު ބުނީ އޭނާ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށާއި ޓީމުގެ ނަތީޖާތައް ރަނގަޅު ކަމަށެވެ. އެހެންވެ އޭނާ އަމިއްލަ އަށް އިސްތިއުފާ ނުދޭނެ ކަމަށް ޖެނުއަރީ މަހު ބުންޏެވެ. އެކަމަކު އެ ކްލަބުން ނެރުނު ސްޓޭޓްމެންޓްގައި އޭރު ބުނެފައި ވަނީ ދެފަރާތް އެއްބަސްވެ ކޮންޓްރެކްޓް އުވާލަން ނިންމާފައިވާ ކަމަށެވެ.
އޭގެ ފަހުން ސަސްގެ ކޯޗް ކަމަށް ހަމަޖެއްސީ މުހައްމަދު ޝިޔާޒު (މޯހަން) އެވެ. އޭނާއާ އެކު އެ ޓީމުގެ ނަތީޖާތައް ފެނުނީ ދަށްކޮށެވެ. މޯހަންގެ ކޯޗުކަމުގެ ދަށުން ލީގުގެ ދެވަނަ ބުރުގައި ހަތަރު މެޗުން ބަލިވި އެވެ. ސަސް ދޫކޮށް މޯހަން ވަނީ މާޒިޔާއާ ހަވާލުވެފަ އެވެ. ސަސްގެ މިހާރުގެ ކޯޗަކީ ގްރާންޑޭގައި މިދިޔަ ދެ ސީޒަންގައި މަސައްކަތް ކުރި އިސްމާއީލް މަހްފޫޒު (އިންމަ) އެވެ.
ސަސްގައި ނާދު އަށް ވީގޮތް ގްރާންޑޭގައި ދިމާ ނުވާނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ. އޭނާ ބުނީ ގްރާންޑޭ އާއި އެކްލަބުގެ މެނޭޖުމެންޓުން ފުރަތަމަ ޑިވިޝަންގައި ތަޖުރިބާތަކެއް ހޯދާފައިވުމުން ކްލަބު ހިންގުމުގެ ނިޒާމަށް އެ ޓީމު ފަރިތަވާނެ ކަމަށެވެ.
"ސަސް ފުރަތަމަ ޑިވިޝަނަށް އޭރު ވަރަށް އާ. މެނޭޖުމެންޓް ވެސް ފުރަތަމަ ޑިވިޝަނަށް އާ. އަލަށް ފަށައިގެން އުޅޭ ބައެއްވީމަ އެމީހުން ދިޔައީ ކަންކަން ދަސްކުރަމުން. އެފަދަ ހާލަތުގައި އެކަހަލަ ކަމެއް ދިމާވެދާނެ ކަމަށް އަޅުގަނޑަށް ވިސްނީ،" ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ބްރޯންޒް މެޑަލް ހޯދައިދިން ކޯޗު ބުންޏެވެ.
"އެކަމަކު މިހާރު މިހަވާލުވި ގްރާންޑޭ ފުރަތަމަ ޑިވިޝަނަށް މިހާރު އަލެއް ނޫން. ކްލަބު ހިންގުމުގައި އެމީހުން ތަޖުރިބާތަކެއް ކޮށްފައި ހުންނާނީ. އެހެންވީމަ އެކަހަލަ ކަމެއް ދިމާނުވާނެ."
ނާދު ބުނީ ސަސްގެ މަގާމުން ކޮންމެ ގޮތަކަށް ވަކިވާން ޖެހުނަސް އޭނާ އާ ސަސްގެ މެނޭޖުމެންޓާ އެއްވެސް މައްސަލެއެއް ނެތް ކަމަށެވެ. އަދި ސަސްގައި އިސްކޮށް މަސައްކަތް ކުރާ މީހުންނާ އެކު ރަނގަޅު ގުޅުމެއް އޮންނަ ކަމަށް ވެސް ނާދު ބުންޏެވެ.
ގްރާންޑޭގެ މެނޭޖުމެންޓުން ވިސްނާފައި އޮތީ، އެފްއޭއެމުން ކްލަބަށް ދޭ ފައިސާގެ އެހީއަށް ފެތޭވަރުގެ ޓީމެއް ބިނާކުރުމުގެ ވިސްނުމެއް ކަމަށް ނާދު ބުންޏެވެ. މިދިޔަ ސީޒަންގައި ގްރާންޑޭ އަށް ކުޅުނު ޔަޝްފާދު ހަބީބު (މުލަކޭ) އާއި އަޔާޒު އަހްމަދު ސަސް އަށް ބަދަލުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނާދު ބުނީ ގްރާންޑޭގެ ވިސްނުން ހުރީ ޒުވާން ކުޅުންތެރިން އިތުރުކޮށްގެން އާ ސީޒަނަށް ތައްޔާރުވާން ކަމަށެވެ.
ކްލަބު ވެލެންސިއާ 2010 ގެ ރެލިޭގޭޝަންގެ ތުންފަތް މަތީގައި ވަނިކޮށް ނާދު ވަނީ ޕްލޭއޮފް ކާމިޔާބުކޮށް އެ ޓީމަށް ފުރަތަމަ ޑިވިޝަންގެ ޔާގަ ޔަގީންކޮށްދީފަ އެވެ. ކުރިން ވިކްޓަރީ އަށް ކުޅުނު ޑިފެންޑަރު ވަނީ ފުރަތަމަ ޑިވިޝަންގައި އެ ކްލަބަށް ވެސް ކޯޗުކޮށް ދީފަ އެވެ.