މުއާޒް (ވ)، އަދި ތޮއްލަމް (ކ).-- ފޮޓޯ: އެމްއެސްއޭ
25 ނޮވެމްބަރ 2021 - 22:53
ރާއްޖޭގައި ބާއްވާ ފުރަތަމަ ސްޓޭންޑް އަޕް ޕެޑްލިން (އެސްޔޫޕީ) ރާޅާއެޅުމުގެ މުބާރާތް މިއަދު ފެށިއިރު، މުހައްމަދު މުއާޒާއި މުހައްމަދު ތޮއްލަމް ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސީސްޕޯޓްސް ރަންނަމާރި ޗެލެންޖުގެ ނަމުގައި ރާޅުގަނޑު ސަރަހައްދުގައި މިހާރު ކުރިޔަށްދާ 13 ވަނަ ގައުމީ ރާޅާއެޅުމުގެ މުބާރާތަށް އަލަށް ތައާރަފް ކުރި އެސްޔޫޕީ ރާޅާއެޅުމުގެ ޑިވިޝަނުގައި ފަސް އެތުލީޓުން ބައިވެރިވި އެވެ.
ފުރަތަމަ ހީޓުގައި ވާދަކުރީ ޏ. ފުވައްމުލަކަށް ނިސްބަތްވާ މުއާޒާއި އަހުމަދު އިރުފާން އަލީ އަދި މާލެއަށް ނިސްބަތްވާ މޫސާ ރަޝީދެވެ. އެންމެ ފުރަތަމަ އެސްޔޫޕީ ރާޅު ވެސް ފުރަތަމަ މިނިޓުގައި ދުއްވާލީ މުއާޒެވެ. އޭނާގެ ފުރަތަމަ ރައިޑަށް ފަސް ޕޮއިންޓް ލިބުނު ނަމަވެސް ހީޓް ކާމިޔާބުކޮށް ފައިނަލަށް ދިޔައީ ތިންވަނަ ރާޅާއި ހަވަނަ ރާޅުގައި ހޯދި ޕޮއިންޓުތަކުން 13 ޕޮއިންޓު ހަމަކޮށްގެންނެވެ. ތިންވަނަ ރައިޑުގައި ހަ ޕޮއިންޓް ނެގިއިރު ހަވަނަ ރާޅުގައި ހަތް ޕޮއިންޓް ސްކޯކުރި އެވެ.
އެސްޔޫޕީ ސާފިން ޑިވިޝަން ފެށުމުގެ ކުރިން-- ފޮޓޯ: އެމްއެސްއޭ
ފުރަތަމަ ހީޓުގައި ދެވަނައަށް ދިޔަ މޫސާ ރަޝީދާއި ތިންވަނައަށް ދިޔަ އަހުމަދު އިރުފާން ވާދަކުރާނީ ތިންވަނަ ހޮވަން ބާއްވާ ބްރޯންޒް ހީޓުގަ އެވެ.
ދެވަނަ ހީޓުގައި ސ. ފޭދޫއަށް ނިސްބަތްވާ ތޮއްލަމް ވާދަކުރީ ރ. ރަސްމާދު އަށް ނިސްބަތްވާ އަބްދުﷲ އަރީފްއާ އެވެ. ތޮއްލަމް މި ހީޓް ކާމިޔާބުކުރީ ފަހު މިނިޓުގައި ހަ ޕޮއިންޓުގެ ރާޅެއް އަޅައިގެންނެވެ. ފަހު މިނިޓާ ހަމައަށް ވެސް ކުރީގައި އޮތީ 9.17 ޕޮއިންޓް ހޯދައިގެން އަބްދުﷲ އަރީފެވެ. ފަހު ރާޅުގައި ހޯދި ހަ ޕޮއިންޓާ އެކު ތޮއްލަމް ވެސް 9.17 ހަމަކުރިއިރު، ހީޓުގެ ޓައިބްރޭކާއަކަށްވީ ތޮއްލަމްގެ ފަހު ރައިޑެވެ.
ހީޓުގެ ދެވަނައަށް ދިޔަ އަބްދުﷲ އަރީފް ވާދަކުރާނީ ބްރޯންޒް ހީޓުގަ އެވެ.
އެސްޔޫޕީ ހީޓުތަކަށް ފަހު މިއަދުގެ ހީޓުތައް ވަނީ ނިންމާލައިފަ އެވެ. މުބާރާތުގައި މާދަމާގެ ފުރަތަމަ ކޯލް އޮންނާނީ 7:30 ގަ އެވެ. ހެނދުނު ދަންފަޅީގައި ޖޫނިއާ ޑިވިޝަނާއި މާސްޓާސް ޑިވިޝަނުގެ ދެވަނަ ބުރުގެ ހީޓްތަކުގެ އިތުރުން ލޯންގްބޯޑް ޑިވިޝަނުގެ ހީޓްތައް ވެސް ފަށާނެ އެވެ.
މި އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޓައިޓަލް އަދި މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންނަކީ އެސްޓީއޯ އާއި ޔޫރޯ ސްޓޯރު، އެޓޯލް އެޑްވެންޗާސް ޕްރައިވެޓް ލިމިޓެޑް އަދި ރާއްޖޭގެ ސާފް ގައިޑް އެސޯސިއޭޝަނެވެ. މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު، ސެޓަޕް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy