ގައުމީ ރާޅާ އެޅުމުގެ މުބާރާތުގެ ޝޯޓްބޯޑް ޗެމްޕިއަންކަން ހޯދި ހޫދް އަހްމަދު (ވ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިނާމް ދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
29 ނޮވެމްބަރ 2021 - 19:33
ރާޅާއެޅުމުގެ ގައުމީ މުބާރާތުގެ ޝޯޓްބޯޑް ކެޓެގެރީގެ ޗެމްޕިއަންކަން ހޫދު އަހްމަދު މިއަދު ހޯދައިފި އެވެ.
ގައުމީ މުބާރާތުގެ 2019 ގެ ރަނަރަފް ހޫދު ފައިނަލްގައި ވާދަކުރީ އަހްމަދު އާގިލް (އައްމަޑޭ) އާ އެވެ. މިއަދު ހަވީރު ކުރިއަށް ގެންދިޔަ ފައިނަލް ހީޓް ހޫދު ކާމިޔާބު ކުރީ 10.26 ޕޮއިންޓުންނެވެ. ވާދަވެރިކޮށް ދިޔަ ފައިނަލްގައި އައްމަޑޭ ވަނީ 8.60 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ޓީމު އިވެންޓްގެ ދެވަނަ ހޯދި ގދ. ގައްދޫ ޓީމުގެ ހޫދު ފައިނަލްގެ ނަތީޖާ އަނބުރާލީ އެންމެ ފަހު ދެ ރާޅުންނެވެ. ޖުމުލަ ހަތް ރާޅުގައި އެޅި ހޫދު ވަނީ އެންމެ ފަހު ރާޅުގައި 4.93 ޕޮއިންޓް އަދި ހަވަނަ ރާޅުގައި 5.33 ޕޮއިންޓް ސްކޯކޮށްފަ އެވެ. އައްމަޑޭ އެންމެ ގިނައިން ސްކޯކުރީ އޭނާ އެޅި ފުރަތަމަ ރާޅުގަ އެވެ. އެ ރާޅުގައި އޭނާ 3.83 ޕޮއިންޓް ސްކޯކުރި އެވެ.
ފައިނަލް ހީޓްތައް ފެށުމުގެ ކުރިން ވަނީ ސީނިއާ ޝޯޓްބޯޑް ކެޓެގެރީގެ ބްރޯންޒް މެޑަލް ހީޓް ބާއްވައިފަ އެވެ. ނަޖާހް މުހައްމަދު އާއި އަބްދުﷲ އަރީފް (ފުކު) ވާދަކުރި ހީޓްގައި ދެ ބައިވެރިން ވެސް ޕޮއިންޓްގެ ގޮތުންވީ ހަމަހަމަ އެވެ. ނަޖާހު އާއި ފުކު ވެސް ވަނީ، ކޮންމެ ބައިވެރިޔަކު 10.60 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެކަމަކު ނަޖާހް ބްރޯންޒް މެޑަލް ކާމިޔާބު ކުރީ ހަތް ރާޅުން އެވަރަށް ސްކޯކޮށްގެންނެވެ. ފުކު އެ އަދަދަށް ސްކޯކުރީ އަށް ރާޅުންނެވެ.
ޝޯޓްބޯޑަކީ ގައުމީ މުބާރާތުގައި އެންމެ ފުރަތަމަ ބާއްވަން ފެށި އިވެންޓެވެ. އެކަމަކު މި އަހަރު ގައުމީ މުބާރާތުގައި އިތުރު ދެ އިވެންޓެއް ވެސް ވަނީ މުޅިން އަލަށް ބާއްވައިފަ އެވެ. އެއީ ސްޓޭންޑްބޯޑް ޕެޑްލިން އާއި ލޯންގްބޯޑް އެވެ. ޝޯޓްބޯޑްގައި އަންހެން އަދި ޖޫނިއާ އާއި މާސްޓާސް ކެޓެގެރީ ވަނީ ބާއްވައިފަ އެވެ. ޝޯޓްބޯޑްގެ އަންހެން ޗެމްޕިއަންއަކީ އާޔާ ނަސީމް އެވެ. ޝޯޓްބޯޑްގެ ޖޫނިއާ ޗެމްޕިއަންކަން ހޯދީ އަހްމަދު އަމީރު އެވެ. މާސްޓާސް ކެޓެގެރީގެ ފައިނަލްގައި ވާދަ ކުރީ އަބްދުﷲ އަރީފް (ފުކު) ގެ ދެ ކޮއްކޮ، އިބްރާހިމް އަރީފް އާއި ހަސަން އަރީފް އެވެ. ޗެމްޕިއަންކަން ހޯދީ އިބްރާހިމް އަރީފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy