މިއަދު ނިމުނު ރާޅާއެޅުމުގެ ގައުމީ މުބާރާތުގެ އެއްވަނަ ޓީމަކަށް މާލޭ ޓީމު ހޮވިއްޖެ އެވެ.
މުބާރާތުގެ ޓީމުތައް ބަހާލާފައި ވަނީ ރަށްރަށް ވަކިވަކިންނެވެ. ޓީމު ރޭންކް ކުރުމުގައި ބަލާފައި ވަނީ އެ ރަށެއް ތަމްސީލު ކުރާ އެތުލީޓުން މުބާރާތުގައި ހޯދި ޕޮއިންޓްތަކުގެ މައްޗަށެވެ. އެގޮތުން މަދުވެގެން ދެ އެތުލީޓުން، ގިނަވެގެން އަށް އެތުލީޓުން އެކި ކެޓެގަރީތަކުގައި އެންމެ ގިނައިން ހޯދި ޕޮއިންޓްތަކުގެ މައްޗަށް ވަނީ ބަލައިފަ އެވެ. .
ދެވަނަ އަށް ދިޔައީ ގދ. ގައްދޫ ޓީމެވެ. ތިންވަނަ ހޯދީ ރ. ރަސްމާދޫ ޓީމެވެ. ޖުމުލަ 44 ބައިވެރިން ވާދަކުރި މާލެ ޓީމުން ވަނީ 8،130 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނަ ހޯދި ގައްދޫ ޓީމަށް ލިބުނީ 3،190 ޕޮއިންޓެވެ. އެ ރަށުން ވާދަކުރީ 10 އެތުލީޓުންނެވެ. ޝޯޓްބޯޑްގެ ގައުމީ ޗެމްޕިއަން ހޫދް އަހުމަދަކީ ވެސް ގައްދޫ ޓީމުގެ މެމްބަރެކެވެ.
ތިން ވަނަ ހޯދި ރަސްމާދޫ ޓީމަށް ލިބުނީ 2،930 ޕޮއިންޓެވެ. ރަސްމާދޫގެ ނަމުގައި ވާދަކުރީ ފަސް އެތުލީޓުންނެވެ. ޓީމުތައް ކަނޑައެޅުމުގައި ސާފިން އެސޯސިއޭޝަނުން ބަލާފައި ވާދަކުރި ރަށްރަށުގެ ތެރެއިން މަދުވެގެން، ދެ އެތުލީޓުން ވާދަކުރާ ނަމަ އެއީ ޓީމެއް ކަމަށެވެ. އެގޮތުން ޖުމުލަ 14 ރަށަކުން ވަނީ ޓީމު ވާދަކޮށްފަ އެވެ.
ޓީމުތައް މުބާރާތުގައި ވާދަކުރުވުމުގައި ރަށްރަށުގެ ކައުންސިލްތަކުން ދިން އެއްބާރުލުން ސާފިން އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.