ކުޅިވަރު / ޓެނިސް

ޕެންގްގެ މައްސަލައިގައި ޗައިނާގައި މުބާރާތްތައް ނުބާއްވަން ޑަބްލިއުޓީއޭ އިން ނިންމައިފި

ޓެނިސް ކުޅުންތެރިޔާ ޕެންގް ޝުއައީ.--

ފްލޮރިޑާ (ޑިސެމްބަރު 2) - ޗައިނާގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ޕެންގް ޝުއައީ އަދި އެހެން ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ފިޔަވަޅެއް ގޮތުން، އެއްވެސް މުބާރާތެއް އެ ގައުމުގައި ނުބާއްވަން ވިމެންސް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) އިން ނިންމައިފި އެވެ.

މީގެ އެއް މަސް ކުރިން، ނޮވެމްބަރު ދެވަނަ ދުވަހު ޕެންގް ވަނީ އޭނާއާ ދިމާވި ޖިންސީ ގޯނާއެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ލިޔެފަ އެވެ. ޗައިނާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ޒެންގް ގައޮލި އަށް ކުރި ތުހުމަތު ހިމެނޭ ލިޔުން ޗައިނާގެ އެތެރޭގައި ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަސީލަތެއް ކަމަށްވާ ވައިބޯގައި ޕޯސްޓު ކުރުމަށް ފަހު، މާ ގިނައިރުތަކެއް ނުވެ އެ ޕޯސްޓު ވަނީ ޑިލީޓު ކޮށްފަ އެވެ.

ޖިންސީ ގުޅުމެއް ބާއްވަން ޒެންގް، މަޖުބޫރު ކޮށްފައިވާ ކަމަށް އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ޕެންގް އޭނާގެ ޕޯސްޓުގައި ބުނެފައި ވާއިރު، އޭގެ ފަހުން ޕެންގްގެ ޚަބަރެއް ނުވެ އެވެ. އޭނާގެ ހާލަތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ވަގުތެއްގައި ޗައިނާގެ ޓީވީއަކުން ވަނީ ޕެންގްގެ މެއިލްއެއް ކަމަށް ބުނެ، މެއިލްއެއް އާއްމު ކޮށްފަ އެވެ. އެ މެއިލްގައި، އޭނާ ހުރީ ސަލާމަތުން ކަމަށާއި ނުގެއްލޭ ކަމަށް ބުނެ، ވަނީ ޒެންގް އަށް ކުރި ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ.

ޑަބްލިއުޓީއޭގެ ޗެއާމަން ސްޓީވް.--

އެހެން ނަމަވެސް ޑަބްލިއުޓީއޭގެ ޗެއާމަން ސްޓީވް ސައިމަނަށް ވަނީ އެއީ ޕެންގްގެ އަސްލު އީމެއިލް ކަމާމެދު ޝައްކު ކަމަށް ބުނެފަ އެވެ. އަދި ސްޓީވް ވަނީ، ޕެންގްގެ ހާލަތު ވީ އެންމެ އަވަހަކަށް ކިޔައިދޭން ޗައިނާއަށް ގޮވާލައިފަ އެވެ.

އެންމެ ފަހުން ޕެންގް ފެނުނު ކަމަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ މަހުގެ މެދުތެރޭން، އޭނާގެ ރައްޓެހިންނާއެކު ރޭގަނޑުގެ ކެއުމަކަށް ގޮސް އުޅެނިކޮނާއި، ކުޑަކުދިންގެ ޓެނިސް މުބާރާތެއްގެ ތެރެއިންނެވެ. މިކަން ވެސް ރިޕޯޓް ކޮށްފައި ވަނީ ޗަައިނާގެ ސްޓޭޓް މީޑިއާއަކުންނެވެ.

އޭގެ ފަހުން ޕެންގްއާ އެކު ވީޑިއޯ ކޮންފަރެންސް ކޯލެއްކޮށް، އޭނާ ހުރީ ހެޔޮ ހާލުގައި ގޭގައި އަރާމު ކުރަން ކަމަށް ޕެންގް ޔަގީން ކޮށްދީފައި ވާކަމަށް ބުނެ، ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ ބަޔާނެއް ނެރެފަ އެވެ. އަދި އެ ބަޔާނުގައި އޯއައިސީން ބުނެފައި ވަނީ، ޕެންގް ހުރީ އޭނާގެ އާއިލާއަށް މިވަގުތު ހުސްކޮށްގެން ކަމަށާއި، އޭނާގެ ޒާތީ ކަންކަމަށް އިހުތިރާމް ކުރަން އޭނާ އެދިފައި ވާކަމަށެވެ.

އައިއޯސީގެ ރައީސް، ޓެނިސް ކުޅުންތެރިޔާ ޕެންގް އާ ކުރެވުނު ފުރަތަމަ ވީޑިއޯ ކޯލު ކުރިޔަށް ގެންދަނިކޮށް ނަގާފައިވާ ފޮޓޯ އެއް.--

ނަމަވެސް ޑަބްލިއުޓީއޭ އަށް އަދިވެސް ޕެންގް ސަލާމަތުން ހުރިކަމުގެ ހެއްކެއް ލިބިފައެއް ނުވެ އެވެ. އެސޯސިއޭޝަންގެ ޗެއާމަން ސްޓީވް ވަނީ ޖިންސީ ގޯނާގެ އެ ތުހުމަތު މިނިވަންކަމާ އެކު ތަހުގީގުކޮށްދޭން ޗައިނާއަށް ގޮވާލައިފަ އެވެ. އަދި ޕެންގްގެ ސަލާމަތް ކަށަވަރު ކޮށްދޭން އެމެރިކާއިން ވެސް ވަނީ ޗައިނާއަށް ގޮވާލައިފަ އެވެ.

ޑަބްލިއުޓީއޭއިން މި ނިންމުން ނިންމީ އަންނަ އަހަރު ފެބްރުއަރީގައި ވިންޓާ އޮލިމްޕިކް މުބާރާތް ބާއްވަން ތައްޔާރު ވަމުން ދަނިކޮށެވެ. އަދި މި މައްސަލައިގައި ދުނިޔޭގެ ގިނަ ޖަމިއްޔާތަކަކުން އަންނަނީ ބެއިޖިންގައި ބާއްވާ އޮލިމްޕިކް މުބާރާތް ބޮއިކޮޓް ކުރަން ގޮވާލަމުންނެވެ.

ޑަބްލިއުޓީއޭ އިން އޮލިމްޕިކް ބޮއިކޮޓް ކޮށްފި ނަމަ އެ އެސޯސިއޭޝަނަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ގެއްލުން ވާނެ އެވެ. އެހެން ނަމަވެސް ޕެންގް އާއި އެހެން އެތުލީޓުންގެ ސަލާމަތަށްޓަކައި ޑަބްލިއުޓީއޭއިން ނިންމި މި ނިންމުމަށް ޓެނިހުގައި ދުނިޔޭގެ މަތީ ފަރާތްތަކުން ވަނީ ތައުރީފް ކޮށްފަ އެވެ.

އައިއޯސީގެ ރައީސް ތޯމަސް ބެޗް.--

"ޕެންގް ޝުއައީ އަށް މިނިވަން ކަމާއެކު ވާހަކަ ދައްކާ ނުލެވޭ ހާލެއްގައި އަހަރެން ކިހިނެއް އެތުލީޓުން އެތާނގައި (ޗައިނާގައި) ކުޅެން ފޮނުވާނީ، އޭނާއަށް އަންނަނީ އޭނާ ކުރި ތުހުމަތުތައް ދޮގުކުރަން ޕްރެޝަރު ކުރަމުން،" ސްޓީވްގެ ބަޔާނުގައިވެ އެވެ.

"މި ހާލަތުގައި ކަން އޮތްއިރު، އިތުރު އެތުލީޓުން އަދި ސްޓާފުންނަށް ވެސް މިކަންކަން ކުރިމަތި ނުވާނެ ކަމަށް އަހަރެންނަށް ގަބޫލެއް، ނުކުރެވޭ މުބާރާތް ޗައިނާގައި ބާއްވާއިރު."

މި މައްސަލަ އާ ގުޅިގެން އަމާޒުވި ސުވާލަކަށް ޖަވާބު ދެމުން، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވަނީ، ޕެންގް މައްސަލައިގައި ބައެއް ފަރާތްތަކުން ކުޅިވަރު ސިޔާސީ ކުރަން މަސައްކަތް ކުރަމުން ދާކަމަށާއި، އަދި އެކަން އެގޮތަށް ކުރުން ހުއްޓާލަން ގޮވާލައިފަ އެވެ.

އެހެން ނަމަވެސް ތުހުމަތު ރައްދުވާ އުމުރުން 75 އަހަރުގެ ޒެންގް އަދި ޗައިނާގެ ސަރުކާރުން ވެސް މި މައްސަލައާ ގުޅޭގޮތުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި މިއާ ގުޅޭ ޓޮޕިކްތައް ޗައިނާގެ އިންޓަނެޓުން ވެސް ވަނީ ބްލޮކް ކޮށްފަ އެވެ.

ޓެނިސް ކުޅުންތެރިޔާ ޕެންގް ޝުއައީ.--

މީގެ ކުރިން ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި ޒެންގް، އެ ދުވަސްވަރު އޭނާއާ ލޯބީގެ ގުޅުން ބާއްވަން މަޖުބޫރު ކުރި ކަމަށާއި، އަދި ފަހުން ދެމީހުންގެ މެދުގައި "އޮން އެންޑް އޮފް" ރިލޭޝަންޝިޕެއް އޮތް ކަމަށް ވެބޯގައި ޕެންގްގެ ވެރިފައިޑް އެކައުންޓުން އާންމުކުރި ޕޯސްޓުގައި ވާކަމަށް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. އަދި ފަހުން ދެމީހުންގެ މެދުގައި އޮތް ގުޅުން ކަނޑާލީ ޒެންގް ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ވާކަމަށް ރިޕޯޓް ކުރި އެވެ.

ޗައިނާގައި އަންނަ އަހަރުގެ ވިންޓާ އޮލިމްޕިކްސް ބާއްވަން ނިންމީ 2015 ވަނަ އަހަރު ޖުލައި 31 ގައި މެލޭޝިއާގައި ބޭއްވި ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމުގަ އެވެ. ޒެންގް ބޮޑުވަޒީރު ކަމުގެ ނައިބުގެ ގޮތުގައި ހުންނެވީ 2013 އިން ފެށިގެން 2018 ވަނަ އަހަރާ ހަމައަށެވެ.

ކުރީގެ އެއްވަނަ ޑަބަލްސް ޓެނިސް ކުޅުންތެރިޔާގެ މާގާމުގައި ވެސް ހުރި ޕެންގްގެ ވެރިފައިޑް ވެބޯ އެކައުންޓް ބައި މިލިއަނެއްހާ މީހުން ފޮލޯ ކުރެއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީގައި ގަތަރު ޓޯޓަލް އޯޕަން މުބާރާތަށް ފަހު އޭނާ އެއްވެސް މުބާރާތެއްގައި ވެސް ކުޅެފައެއް ނުވެ އެވެ.

ޑަބްލިއުޓީއޭގެ ނިންމުމާ އެކު އައިއޯސީން ވަނީ ޕެންގްއާ އެކު ދެވަނަ ވީޑިއޯ ކޮންފަރެންސް ކޯލެއް ކޮށްފައިވާ ކަމަށާއި، އޮލިމްޕިކް ކޮމިޓީގެ ފަރާތުން ޕެންގްގެ ހާލު ބަލަމުން ދާނެ ކަމަށް ބުނެފަ އެވެ. އަދި އޭނާ ހުރީ ހެޔޮ ހާލުގައި ކަމަށާއި، އަންނަ ޖެނުއަރީ މަހު އޮލިމްޕިކް ކޮމިޓީ އާއެކު އެއްްތަނެއްގައި ބައްދަލުވުމެއް ވެސް ހަމަޖެހިފައި ވާކަމަށް އައިއޯސީން ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް ޑަބްލިއުޓީއޭގެ ޗެއާމަން ސްޓީވް ބުނީ، ޗައިނާގައި ބާއްވާ މުބާރާތްތައް ނުބާއްވާން ނިންމި ނިންމުމަށް އެސޯސިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށާއި، ޕެންގްގެ ސަލާމަތާމެދު އަދިވެސް ޔަގީން ކަމެއް ނުލިބޭ ކަމަށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454