ކުޅުންތެރިންނަށް ކުޑަ މުސާރަތަކެއް ދޭން ޖެހޭއިރު ވެސް ކްލަބްތަކަށް މުސާރަ ނުދެވިގެން އުޅޭ ސަބަބާ ބެހޭގޮތުން ގްރީން ސްޓްރީޓްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު އާ ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބު ދޭން ބޭނުން ނުވާކަން އޭނާ ހާމަކޮށްފި އެވެ.
ނިސްތާރު ބުނިގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުން ވެސް އެންމެ ދަށް މުސާރައިގައި ކުޅެނީ ދިވެހި ކުޅުންތެރިންނެވެ. ކުޅުންތެރިން ކުޑަ މުސާރަތަކުގައި ކުޅޭއިރު ވެސް އެ މުސާރަތައް ބަރާބަރަށް ގިނަ ކްލަބްތަކަށް ނުދެވެ އެވެ. ނިސްތާރު ނިސްބަތްވާ ގްރީން ސްޓްރީޓްގައި މިދިޔަ ސިޒަންގައި ދޭން ޖެހިފައިވާ މުސާރައް އަދި ވެސް ނުދީ އެބަހުއްޓެވެ. ކުދި މުސާރަތަކެއް ދޭން ޖެހޭއިރު ވެސް ކްލަބްތަކަށް ކުޅުންތެރިންނަށް މުސާރަ ނުދެވޭ ސަބަބުތަކާ ބެހޭގޮތުން ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭނާ އެދުނީ އެ ސުވާލު ޓީމުގެ މެނޭޖުމެންޓާ ކުރުމަށެވެ.
"ތި ސުވާލު ބޮޑަށް ރަނގަޅު ވާނީ ޓީމުތަކުގެ މެނޭޖުމެންޓްތަކާ ކޮށްލެއްވިއްޔާ ކަންނޭނގެ،" ކުޑަ މުސާރަތަކެއް ދޭން ޖެހޭއިރު ވެސް ކްލަބުތަކަށް މުސާރަ ނުދެވިގެން އުޅެނީ ކީއްވެތޯ ސުވާލު ކުރުމުން ނިސްތާރު ބުންޏެވެ.
"އަޅުގަނޑު އެހެން ދެންނެވިއަސް ކުޅުންތެރިންގެ މުސާރަތައް އިމްޕްރޫވް ވަމުން މިއަންނަނީ ދެއްތޯ. މީގެ 10 ވަރަކަށް އަހަރު ކުރިއާ އަޅާބަލާއިރު ފާހަގަ ކުރެވޭ ކުރިއެރުމެއް ދިވެހި ކުޅުންތެރިންގެ މުސާރަތަކަށް އަތުވެއްޖެ. ރައިޓް ޓްރެކްގައި ކަންނޭގެ ކޮވިޑާ ހަމައަށް އިނީ. ދެން ކޮވިޑާ ގުޅިގެން ހުރިހާ ބަޔަކަށް ވެސް ދަތިތަކެއް އަތުވެއްޖެ. ތި ސުވާލު (މުސާރަތައް ނުދެވިގެން އުޅޭ ސަބަބު) ބޮޑަށް ރަނގަޅު ވާނީ މެނޭޖުމެންޓާ ކުރިމަތިކުރިއްޔާ."
ނިސްތާރު ބުނީ ޑިސެމްބަރުގައި ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައިި ކުޅެންދާން ކުޅުންތެރިންނަށް މަޖުބޫރު ވަނީ އެ މުބާރާތްތަކުން ރަނގަޅު އަދަދުތަކުން ފައިސާ ލިބޭތީ ކަމަށެވެ. އަމިއްލަ ފަރާތްތަކުން ބާއްވާ މުބާރާތްތަކުން ކުޅުންތެރިންނަށް ރަނގަޅު އަދަދުތަކުން ފައިސާ ލިބޭތީ ކުޅުންތެރިން އެއަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައިވާ ކަމަށެ އޭނާ ބުންޏެވެ.
ނިސްތާރު ބުނިގޮތުގައި ގްރީން ސްޓްރީޓަށް ޕްރެކްޓިސް ފަށައިގެން އަދިވީ ފަސް ވަރަކަށް ދުވަހެވެ. އޭނާ ބުނީ އެހާ މަދު ޕްރެކްޓިސްތަކަކާ އެކު މެޗަށް ނުކުންނައިރު ފިޓްނަސް ލެވަލްގައި މައްސަލަތަކެއް ނުކުންނާނެ ކަމަށެވެ.
"ހަފުތާއެއް ވެސް ނުވާނެ ޕްރެކްޓިސް ފެށިތާ. ފަސް ވަރަކަށް ޕްރެކްޓިސް ކުރެވުނީ،" ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނިސްތާރު ބުންޏެވެ. "މިކަމުގެ ސަބަބުން ފިޓްނަސް އަށް ބެލިޔަސް ވަރަށް ބައިވަރު މައްސަލަތައް ނުކުމެދާނެ ކަމަށް ހަމަ ގަބޫލުކުރެވޭ. ޕްރީ ސީޒަނަށް މަހެއް ވަރު ބޭނުން ވާނެ."
މިފަހަރުގެ ސީޒަނަށް ގްރާންޑޭ ތައްޔާރު ވަނީ މާފުށީގައި ތިބެ ޕްރެކްޓިސްކޮށް މެޗަށް މާލެ އަންނަ ގޮތަށެވެ. އެ ޓީމުގައި ގިނައީ ވެސް މާފުށީ ކުޅުންތެރިންނެވެ. ޓީމުގެ ކޯޗު އަހްމަދު ނާޝިދު (ނާދު) ބުނީ ޓީމުގައި ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ. އެހެން ނަމަވެސް ފުޓްބޯޅަ އަށާއި ގަލޮޅު ދަނޑަށް އެ ކުޅުންތެރިން އާ ކަމަށް އޭނާ ފާހަގަކުރި އެވެ.
އޭނާ ބުނިގޮތުގައި މާފުށީ، ގިނަ ކުޅުންތެރިންތަކަކީ ފުޓްސަލް ކުޅޭ ކުޅުންތެރިންނެވެ. އެހެންވެ ފުޓްބޯޅަ އަށް ބަަދަލުުވާން ޖެހުމުން ޓީމެއްގެ ގޮތުގައި ކުޅެން އުނދަގޫތަކެއް ހުރިކަން ނާދު ފާހަގަކުރި އެވެ.
ނާދު ބުނީ މާފުށީގައި ޓީމު ތިބެގެން، ރާއްޖޭގެ އެންމެ ޓޮޕް ޑިވިޝަންގައި ވާދަކުރުމަކީ ފުޓްބޯޅައަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.