،އަންސަރު، ޓީސީ އާ ދެކޮޅަށް އެންމެ ފަހު ކުޅުނު މެޗުގައި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
12 ޖެނުއަރީ 2022 - 13:41
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް 2016 ގައި، ގައުމީ ޓީމު ބަދަލު ކުރުމުގެ މަސައްކަތުގައި ސީނިއާ ޓީމަށް އަލަށް ނެގި ކުޅުންތެރިންގެ ތެރޭގައި، އަންސަރު އިބްރާހިމް (އަންކޮ) ހިމެނެ އެވެ. ކްލަބް އީގަލްސްގައި އޭރު އޭނާ ދައްކަމުން ދިޔަ ކުޅުމާ އެކު، އަންކޮ ހުރީ ރަނގަޅު ލެވަލެއްގަ އެވެ. އަންސަރުއާ މެދު، ހާބަޓް ދެކެނީ އުންމީދީ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
އެކަމަކު އޭރުހުރި މަގާމުން އަންސަރު، ކައްސާލީ އަނިޔާއާ ހެދި އެވެ. ކައިރިކައިރީގައި ލިބެމުން ދިޔަ އަނިޔާތަކާ އެކު ކުރިއެރުން ހުއްޓުނެވެ. އެއް ލަވަލެއްގައި ވިދިވިދިގެން ތިން މެޗު ވެސް ނުކުޅެވުނެވެ. އަންސަރު ބުނި ގޮތުގައި އެހެން ދިމާވީ ރިކަވަރީ ލަސްވުމުންނެވެ. އެހެންވެ ބަދަލުތަކެއް ގެންނަން އޭނާ ނިންމި އެވެ. ކެއުމަށާއި ފިޒިކަލް ފިޓްނަސް އަށް އަމާޒުކޮށްގެން ބަދަލުތައް ގެނެ އެވެ.
"ވަރަށް ބަލަން ކޮންމެ ދުވަހަކު ވެސް މިއިންނަ ތިން މީލް ސްކިޕްކޮށްނުލައި ބަރާބަރަށް ނެގޭތޯ،" ކެއުމަށް ގެނައި ބަދަލު، އަންސަރު ކިޔައިދިނެވެ. "ދެން ވީހާވެސް ގިނައިން ރަނގަޅު އެއްޗިހި ކެވޭތޯ ބަލަން. ފިޒީ ޑްރިންކްސް ވީއެންމެ ބޮޑަކަށް އެވޮއިޑް ކުރަން."
ފިޒިކަލް ފިޓްނަސް އަށް ވިސްނައިގެން އޭނާ ގެނައި ބަދަލުން، މަސައްކަތް ފަށަނީ، ކޮންމެ ދުވަހެއްގެ ވެސް ފަތިސް ނަމާދު ފަހުންނެވެ. އޭނާ ބުނީ އަބަދުވެސް ފަތިހު ހޭލައިގެން މަސައްކަތް ފެށޭތޯ ބަލާ ކަމަށެވެ. ކޮވިޑް-19 ގެ ބިރުވެރިކަން މިދިޔަ އަހަރު ވެސް ބޮޑުވުމުން، ލީގުގެ ދެ ބުރު ކުޅުނު ފަހުން ސީޒަން ޖެހުނީ ހުއްޓާލާށެވެ. ކްލަބްތަކުގެ ޕްރެކްޓިސް ހުއްޓި، ކުޅުންތެރިން އަމިއްލަ އަށް މަސައްކަތް ކުރަން ޖެހުނެވެ.
އޭނާ ބުނި ގޮތުގައި މިދިޔަ ގާތްގަނޑަކަށް ހަތް މަސް ތެރޭ، ޖިމް އަށް ގޮސް ފިޓްނަސް ހިފެހެއްޓުމަށް މަސައްކަތް ކުރި އެވެ. އަދި ނޮވެމްބަރު/ ޑިސެމްބަރު މަހު ބޭއްވި ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ވެސް ކުޅެފައިވުމުން، ސީޒަން ފަށަންވީ އިރު އަންސަރު ހުރީ ފިޒިކަލީ ރަނގަޅު ލެވަލެއްގަ އެވެ.
ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުގެ މާލީ ހާލަތު ހުރި ގޮތުން ގިނަ ކްލަބްތަކަކަށް، އެންމެ އެކަށީގެންވާ ޕްރީ ސީޒަނެއް ނުހެދުނެވެ. އަންސަރުގެ ޓީމު، ކްލަބް ގްރީން ސްޓްރީޓްސް އޮތީ "ވަރަށް ހާލުގަ" އެވެ. ސީޒަން ފެށުމުގެ ކުރިން، އެ ޓީމަށް ޕްރެކްޓިސް ކުރެވުނީ އެންމެ ފަސް ދުވަހު އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި، ގްރީން އިން ރަނގަޅު ނަތީޖާތަކެއް ނެރެމުންދާއިރު، އޭގެ ފަހަތުގައި އަންސަރުގެ ހިއްސާ ބޮޑެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުގައި މޭން އޮފް ދަ މެޗު އެވޯޑް ހޯދި އެވެ. އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ޖަހައި އިތުރު ލަނޑެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށް ދިނެވެ.
އަންކޮ، ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި
މިހާރު ދައްކާ ކުޅުމާ އެކު، އަންކޮ ހުރީ ބޮޑު އުންމީދެއްގަ އެވެ. އެފްއޭއެމްގެ ޔޫތު މުބާރާތުގައި ކްލަބް އީގަލްސް ޓީމުން ވިދާލި، އަންކޮ ބުނީ ކުޅުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށެވެ.
ކޯޗް، އަލީ ނިސްތާރު މުހައްމަދުއާ އެކު، އަންސަރު، މަސައްކަތް ކުރަން ފެށީ ށ. ފޯކައިދޫ ޓީމުން ފެށިގެންނެވެ. އޭނާ މިހާރު ދައްކާ ކުޅުމާ ބެހޭގޮތުން، ނިސްތާރު ބުނީ އޭނާގެ އެއްވެސް ހިއްސާއެއް އަންސަރުގެ ކުރިއެރުމުގައި ނެތް ކަމަށެވެ.
"ތީގައި އަޅުގަނޑުގެ އެއްވެސް ކަމެއް ނެތް. ހަމަ އަންކޮށް އަމިއްލަ އަށް ކުރި މަސައްކަތުން މިހާރު ޕާފޯމް ކުރަނީ،" ނިސްތާރު ބުންޏެވެ. "
އެކަމަކު އަންސަރު، ހުރިހާ ކްރެޑިޓެއް ދެނީ ނިސްތާރު އަށާއި ގްރީންގެ ކުޅުންތެރިންނަށެވެ.
"ކޯޗު އެހެން ބުންޏަސް ކޯޗުގެ ވަރަށް ބޮޑު ސަޕޯޓެއް އެބައޮތް. އެއީ އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކޯޗް ބުނި ބޯޅަ ލިބޭ އިރަށް އަވަހަށް ބޯޅަ ދީފައި ކުރިއަށްދާށޭ،" އަންކޮށް ބުންޏެވެ. "ކޯޗުގެ އެ އިންސްޓްރަކްޝަން ފޮލޯ ކުރީމަ ޗޯޓްގެ ދެވަނަ ލަނޑު ޖަހަން އެސިސްޓް ދެވުނީ."
އޭނާ ބުނީ، މަސައްކަތް ކުރަން ފަސޭހަ ސަގާފަތެއް ގްރީންގެ ކުޅުންތެރިންގެ މެދުގައި އޮތުމަކީ ވެސް ރަނގަޅު ކުޅުމެއް ދައްކަން ފުރުސަތު ފަހިވި ސަބަބެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy