ކްލަބް ގްރީން ސްޓްރީޓްސް އިން ކުރިއަށް ސީޒަނަށް ތައްޔާރުވާއިރު އެއް ޓާގެޓަކީ ބޮޑެތި ޓީމުތައް މާޔޫސްކޮށްލައި ލީގުގެ ކުރިއަށް ޖެހިލުން ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

ލީގުގައި ގްރީން ސްޓްރީޓްސް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ. ވެލެންސިއާ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަކުރަން އެންމެ ބޮޑު އިންވެސްޓެއް ކުރި އެއް ޓީމެވެ. ނިސްތާރު ބުނީ އޭނާގެ ނަޒަރުގައި ކަރުދާހުގައި އޮތް ގޮތަށް ބަލާނަމަ އެންމެ ވަރުގަދަ ދެ ޓީމަކީ މާޒިޔާ އާއި ވެލެންސިއާ ކަމަށެވެ.

"މި އަހަރު ގިނަ ކޯޗުން އެބަ ވިދާޅުވޭ ވަރަށް އެއްވަރު އެއްވަރުގެ ޓީމުތަކެކޭ. އެކަމަކު އަޅުގަނޑަށް ފެންނަނީ ވެލެންސިއާ އާއި މާޒިޔާ ސްޓްރޯންގްކޮށް. އެހެންވިޔަސް އެއީކީ އޮން ޕޭޕާ، އެހެން ވިޔަސް އެހެން ވާން ޖެހޭނެ ގޮތެއް ނޫން. އޭތި އީގަލްސް ވެސް އެ ޕްރޫވް ކޮށްދިނީ. އަޅުގަނޑުމެންގެ ޖޮބް އަކަށް ވާނީ ބޮޑެތި ޓީމުތައް ޑިސަޕޮއިންޓްކޮށްފައި އެ ޓީމުތަކުގެ މައްޗަށް ކުރި ހޯދުން،" ކުރިން އއ. މާޅޮހާއި ށ. ފޯކައިދޫ އަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އިން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހަތް ހަފްތާގެ ޕްރީ ސީޒަނެއް ކުރިއަށް ގެންދިޔަ އެވެ. އަނިޔާގެ ބައެއް މައްސަލަތައް ހުރި ނަމަވެސް ޖުމްލަކޮށް ބަލާއިރު ޓީމު ކުޅުންތެރިންގެ ފިޓްނަސް ލެވަލްއާ މެދު ހިތްހަމަޖެހޭ ކަމަށް ނިސްތާރު ބުންޏެވެ. އަދި އެ ޓީމުން މުޅި ލީގަށް ޓާގެޓެއް ކަނޑައެޅުމުގެ ބަދަލުގައި ވިސްނުން ބަހައްޓާނީ އެ އިރެއްގައި ކުރިއަށް އޮތް މެޗަކުން ޕޮއިންޓް ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ފަހަރަކު މެޗަކަށް ބަލާނީ. އެހެންވީމަ ކުރިއަށް މި އޮތް ވެލެންސިއާ މެޗު ނަގަން އަޅުގަނޑުމެންގެ މިހާރު އޮތް ޓާގެޓަކީ،" ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސްގައި އޮތީ އެކްސްޕީރިއަންސް މަދު ކުޅުންތެރިންތަކަކާއި ގިނަ ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި އެހެންކަމުން ބޭނުންވާ ލެވަލަށް ދާން ކޮންމެވެސް ވަރަކަށް ވަގުތު ނަގާނެ ކަމަށް ނިސްތާރު ބުންޏެވެ. ގްރީން ސްޓްރީޓްސްގެ އެޓޭކް ބަރޯސާވެފައި އޮތީ ނިސްބަތުން ބަލާއިރު ޒުވާން ކުޅުންތެރިންތަކެއްގެ މައްޗަށް ކަމުގައިވީ ނަމަވެސް އެ ކުޅުންތެރިންނަށް އެ ޕްރެޝަރު ނަގައިގެން ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ނިސްތާރު ގަބޫލުކުރެ އެވެ.

ވެލެންސިއާ ޕްރެކްޓިހުގެ ތެރެއިން އާތީ (ކ) އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވެލެންސިއާ ޕްރެކްޓިހުގެ ތެރެއިން އާތީ (ކ) އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ޓީމުތައް ރޭންކްކުރާއިރު ވިސްނަނީ ކުރިން ކުޅުންތެރިން ކުޅެފައި ހުރި ކުޅުމަށް ބަލައިގެން ކަމަށާއި އެ ގޮތަށް ބަލާއިރު މާޒިޔާ އާއި އީގަލްސް އަދި ވެލެންސިއާ ވެސް ވަރުގަދަ ކަމަށެވެ. އެހެން ނަމަވެސް އެ މެޗެއްގެ ދުވަހަކު ރަނގަޅު ކުޅުމެއް ދައްކާ ޓީމަކަށް ކޮންމެ ނަތީޖާއެއް ނެރެވޭނެ ކަމަށް އާތީ ގަބޫލުކުރެ އެވެ.

"މެޗަކީ ކުޅެން ނުކުންނައިރު 0-0 ގައި އިންނަ އެއްޗެއް. ބަލިނުކުރެވޭނެ ނޫނީ ބަލިނުވާނެ އެއްވެސް ޓީމެއް ނީންނާނެ. މީގެ އިންނާނެ ގޮތަކީ ލީގެއް ކުޅޭއިރު ގިނަ މެޗުތަކުން ބަލިނުވެ މޮޅުވާ ޓީމެއް ލީގުގެ ޓޮޕްގައި އިންނާނީ. ބައްޔެއް ވެދާނެ ކޮންމެ ޓީމެއް ވެސް. ވެލެންސިއާ ވެސް ވެދާނެ. މާޒިޔާ ވެސް ވެދާނެ. އީގަލްސް ވެސް ވެދާނެ. ބަލިނުވާނެ ޓީމެއް ނޯންނާނެ،" އާތީ ބުންޏެވެ.

ވެލެންސިއާ އިން އޮކްޓޫބަރު މަހު ޕްރެކްޓިސް ފެށީ އާދައިގެ ސްކޮޑަކާ އެކީ ކަމަށާއި އެކަމަކު ސީޒަން ފެށެން 10 ދުވަހަށް ވެފައި ވަނިކޮށް ވެލެންސިއާގެ މެނޭޖްމަންޓުން މި އޮތީ ވަރަށް ރަނގަޅު ޓީމެއް އެކުލަވާލާފައި ކަމަށް އޭނާ ބުންޏެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް އަދި ވެލެންސިއާގެ ބިދޭސީ ކުޅުންތެރިން ހިމަނައިގެން އަދި ޕްރީ ސީޒަން ހަރަކާތްތައް އެންމެ ރަނގަޅަށް ވެލެންސިއާ އަށް ނުގެންދެވެ އެވެ.

އާތީ ބުނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނާނީ މޮޅުވެވޭނެ ކަމުގެ އިތުބާރާ އެކުގައި ކަމަށާއި ވެލެންސިއާގައި މިހާރު އޮތް ސްކޮޑުގެ އަސްލު ފެންވަރުގައި މޮޅު ކުޅުމެއް ދައްކަން އަދި ވަގުތު ކޮޅެއް ނަގާނެ ކަމަށެވެ.

"މި ސްކޮޑު އެކުލަވާލަން ނަގާނެ 15 ވަރަކަށް ދުވަސް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގްރީން ސްޓްރީޓްސް މެޗުން މޮޅުވާނަން. އަޅުގަނޑަށް ހީވަނީ ލީގުގެ ތިން މެޗެއް ކުޅެލަން ވާއިރަށް އަޅުގަނޑުމެން ޓީމު ފޯމަކަށް އެޅޭނެހެން،" އާތީ ބުންޏެވެ.

ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި މި ވާދަކުރަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސް ވެލެންސިއާ ކުޅޭ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނާނީ މިރޭ 9 ޖަހާއިރު އެވެ.