ކުޅިވަރު / އެމެރިކާ

ޕުލިސިޗުގެ ހެޓްރިކުން މޮޅުވެ އެމެރިކާ އުންމީދުގައި

ފޮލޮރިޑާ (މާޗް 28) - ކެޕްޓަން ކްރިސްޓިއަން ޕުލިސިޗް އެމެރިކާ ގައުމީ ޓީމަށް ހަދައިދިން ފުރަތަމަ ހެޓްރިކާ އެކު މި އަހަރުގެ ވޯލްޑް ކަޕަށް އެމެރިކާ ކޮލިފައިވާން ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

މީގެ ކުރިން 10 ފަހަރު ވޯލްޑް ކަޕުގައި ކުޅުނު އެމެރިކާ، އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތުން ޖާގަ ނުލިބުނީ ކޮލިފައިންގެ ފަހު މެޗުން ޓްރިނަޑާޑް އެންޑް ޓޮބޭގޯ އަތުން ބަލިވެގެންނެވެ. ނަމަވެސް މިފަހަރު ކޮލިފައިންގައި ބާކީ އެއް މެޗު އޮއްވައި، އެ މެޗުން ބަލިވެގެން ވެސް އެމެރިކާ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އެބަ އޮތެވެ.

އެމެރިކާ އިން ވަނީ ރޭ ޕެނަމާއާ ވާދަކޮށް 5-1 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފު އެޓީމު ނިންމާލީ ހަތަރު ގޯލުގެ ލީޑަކާ އެކު އެވެ. ފުރަތަމަ ލަނޑު ޕެނަލްޓީއަކުން ޕުލިސިޗް ޖެހި އިރު، ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑް ޕައުލް އެރިއޯލާ އާއި ޖީސަސް ފެރޭރާ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން ޕުލިސިޗް ވަނީ ރޭގެ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހައިފަ އެވެ.

ދެވަނަ ހާފު ފެށިގެން 20 މިނިޓް ތެރޭ ޕުލިސިޗް ހެޓްރިކް ފުރިހަމަކުރީ، ފުލަމް އަށް ކުޅޭ ޑިފެންޑަރު އެންޓޮނީ ރޮބިންސަން ދިން ބޯޅައަކުން ޖެހި ލަނޑުންނެވެ. ޕެނަމާ އަށް ސުން ކަޑުވައިދިނީ 86 ވަނަ މިނިޓުގައި އަނިބަލް ގޮޑޯއި އެވެ.

މެޗު ކާމިޔާބު ކޮށްގެން އެމެރިކާ އޮތީ 25 ޕޮއިންޓާ އެކު އަށް ޓީމު ވާދަކުރާ ކޮންކާކަފް ކޮލިފައިން ބުރުގެ ދެވަނައިގަ އެވެ. ތިންވަނައިގައި އޮތް މެކްސިކޯ ވެސް ވަނީ ރޭ ހޮންޑިއުރާސް 1-0 އިން ބަލިކޮށް 25 ޕޮއިންޓް ހަމަކޮށްފަ އެވެ. މެކްސިކޯގެ ހަމައެކަނި ލަނޑު މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް ޖަހައދިނީ އަޔެކްސް އަށް ކުޅޭ މިޑްފީލްޑަރު އެޑްސަން އަލްވަރޭޒް އެވެ.

އުތުރު އެމެރިކާ ބައްރުން ފީފާ ވޯލްޑް ކަޕުގެ ސީދާ ޖާގައެއް ލިބޭނީ މި ބުރުގައި އެންމެ ނަތީޖާ ރަނގަޅު ތިން ޓީމަށެވެ. ރޭގެ މެޗަށް ފަހު ކެނެޑާ، މި ބައްރުން ވޯލްޑް ކަޕުގެ ފުރަތަމަ ޖާގަ ވަނީ ޔަގީން ކޮށްފަ އެވެ. މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓް ހޯދި ކެނެޑާ އަކީ މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕުން ޖާހަ ހޯދި 20 ވަނަ ގައުމެވެ. އަދި އުތުރު އެމެރިކާ ބައްރުން ވޯލްޑް ކަޕުގެ ޖާގަ ޔަގީން ކުރި ފުރަތަމަ ގައުމެވެ. ކެނެޑާ އާއި އެމެރިކާ އަދި މެކްސިކޯގެ ފަހަތުން ހަތަރު ވަނައިގައި އޮތީ 22 ޕޮއިންޓް ހޯދާފައިވާ ކޮސްޓަ ރިކާ އެވެ.

ކޮސްޓަރިކާ ވެސް ވަނީ ރޭ އެލް ސަލްވަޑޯއާ ވާދަކޮށް 2-1 އިން މޮޅުވެފަ އެވެ. މެޗުގެ 30 ވަނަ މިނިޓުގައި، ކޮސްޓަ ރިކާގެ ޒުވާން ފޯވާޑް އެންތަނީ ކޮންޓްރިރާސް ލީޑު ނަގައިދީފައި ވަނިކޮށް އަލުން ފަށައިގެން މިނިޓެއް ތެރޭ ކްރިސްޓިއަން ގިލް ވަނީ އެލް ސަލްވަޑޯ އަށް އެއްވަރު ކޮށްދީފަ އެވެ. ކޮސްޓަރިކާ މޮޅުވި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ކުރިން އާސެނަލް އަށް ކުޅުނު ފޯވާޑް ޖޮއެލް ކޭމްބެލް އެވެ.

ކޮންމެ ޓީމަކަށް ވެސް ކޮލިފައިންގައި ބާކީ އެއް މެޗު އޮތްއިރު، އެމެރިކާ އަށް ޖާގަ ގެއްލޭނީ ފަހު މެޗުގައި ކޮލިފައިން ހަތަރު ވަނައިގައި އޮތް ކޮސްޓަ ރިކާ އަތުން ހަ ގޯލުގެ ތަފާތަކުން ބަލި ވެގެންނެވެ. އެމެރިކާ އަށް ފައިދާ 13 ގޯލު ލިބިފައިވާއިރު، މެކްސިކޯ އަށް ލިބިފައި ވަނީ ފައިދާ ހަތް ގޯލެވެ. އަދި ކޮސްޓަ ރިކާ އަށް ފައިދާ ތިން ގޯލު އެބައޮތެވެ.

ކޮލިފައިންގެ ފަހު މެޗުގައި އެމެރިކާއިން ކޮސްޓަރިކާއާ ދެކޮޅަށް ނުކުންނައިރު، މެކްސިކޯ ނުކުންނާނީ އެލް ސަލްވަޑޯއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ކެނެޑާ ކުޅޭނީ ޕެނަމާއާ ދެކޮޅަށެވެ. ކޮލިފައިންގެ އެންމެ މެޗަކުން ވެސް މިހާތަނަށް މޮޅެއް ހޯދިފައި ނުވާ ހޮންޑިއުރާސް ނުކުންނާނީ ޖަމައިކާއާ ދެކޮޅަށެވެ. މި ބުރުގެ އެންމެ ފަހު މެޗުތައް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު ރާއްޖޭ ގަޑިން ފަތިހު އެވެ.

ހަތަރު ވަނައިގައި ނިންމާ ޓީމު ޖެހޭނީ އޯޝޭނިއާ ބައްރުގެ ކޮލިފައިން ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށް އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް ކުޅޭށެވެ. އޯޝޭނިއާ ބައްރުގެ ކޮލިފައިން ފައިނަލުގައި ވާދަކުރާނީ ސޮލޮމޮން އައިލެންޑްސް އާއި ނިއު ޒީލެންޑެވެ. މި މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

28 March 2022

އެމެރިކާ ކޮލިފައި ނުވާނެ ހުރިހާ ގޮތެއް ވެގެން ދާނެނަމަ އެއީ އުފާވެރިކަމަކަށްވާނެ.ކޮލިފައިވެ އިރާނާއި އެއް ގްރޫޕެއްގަ ކުޅެން ޖެހޭގޮތް މެދުވެރިވެއްޖެނަމަ ވަރަށް ފޯރި ހުންނާނެ.

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރް

28 March 2022

ވޯލްޑްކަޕް ފުރިހަމަވާނީ އެމެރިކާވެސް ކޮލިފައިވެގެން. ރަސިޔާވެސް ވޯލްޑްކަޕް ކުޅޭތަން ބަލަން ބޭނުންވޭ. އަސްކަރީ ބާރުތަކުން ފުޓްބޯޅާގައި ކާމިޔާބު ހޯދާތަންވެސް ދެކެން ބޭނުންވޭ. އެކަމަކު ޕުޓިންގެ ނޭންގާނީކަމުން މިފަހަރު ރަސިޔާ ނުފެނުމަކީ ހިތާމަވެރިކަމެއް. ރަދީފް ތިހާ އެމެރިކާދެކެ ރުޅިއަންނައިރު އާސެނަލްއަށް ސަޕޯޓްކުރަނީ ކީއްވެބާ؟ ގައިމު އިނގިރޭސިންނަކީ އެމެރިކާގެ ބައިބެރިއެއް އަދި އާސެނަލްގެ އޯނަރަކީ އެމެރިކާގެ ޔަހޫދީއެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454