ޕްރިމިއާ ލީގުގައި އާސެނަލްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗެއްގައި ވެން ހާލް.--
29 މާޗް 2022 - 06:47
މެންޗެސްޓާ (މާޗް 29) - މެންޗެސްޓާ ޔުނައިޓެޑަކީ ފުޓުބޯޅަ ކުލަބަކަށް ވުރެ ބޮޑަށް 'ކޮމާޝަލް ކުލަބެއް' ކަމަށް އެ ޓީމަށް ކުރިން އިރުޝާދު ދިން ކޯޗު ނެދަލެންޑްސްގެ ލުއިސް ވެން ހާލް ބުނެފި އެވެ.
ވެން ހާލް މިހެން ބުނީ ޔުނައިޓެޑުން އަންނަ ސީޒަނަށް އަޔެކްސްގެ ކޯޗު އެރިކް ޓެން ހޭގް ގެންދަން އޭނާއާ އެކު މަޝްވަރާތައް ފަށާފައި ވަނިކޮށެވެ. އޮލެ ގުނަ ސޯލްޝެއާ މަގާމުން ވަކިކުރުމަށް ފަހު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑަށް އިރުޝާދު ދޭން ހަވާލުވެފައި ވަނީ ޖަރުމަނުގެ ރަލްފް ރަންގްނިކެވެ.
"އަހަރެން (އެރިކް) އަށް ނަސޭހަތް ދޭކަށް ނެތިން، އޭނާ އަމިއްލައަށް އަހަރެންނަށް ގުޅާނެ. އެކަމަކު އޭނާ އިހްތިޔާރު ކުރަން ޖެހޭ ފުޓުބޯޅަ ކުލަބެއް، ކޮމާޝަލް ކުލަބެއް ނޫން،" އުމުރުން 70 އަހަރުގެ ވެން ހާލް ބުންޏެވެ.
އަޔެކްސްގެ ކޯޗު އެރިކް ޓެން ހޭގް: އޭނާ އަޔެކްސްއާ އެކު ކޮންޓްރެކްޓް އާކުރީ މިދިޔަ ސީޒަނުގެ ފަހުކޮޅު ޓޮޓެންހަމުން އޭނާ ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް.
ވެން ހާލް ވަނީ 2014 އިން 2016 އާ ދެމެދު ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުގައި އެޓީމަށް 12 ވަނަ އެފްއޭ ކަޕް ކާމިޔާބު ކޮށްދީފަ އެވެ. އޭނާ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން ދުރުކުރީ އެފްއޭ ކަޕް ކާމިޔާބު ކުރިތާ ދެ ދެވަސް ފަހުންނެވެ.
"އެރިކް ޓެން ހޭގް އަކީ މޮޅު ކޯޗެއް، ޔުނައިޓެޑަށް ވެސް ރަނގަޅު ވާނެ. އެކަމަކު މެންޗެސްޓާ ޔުނައިޓެޑަކީ ކޮމާޝަލް ކުލަބެއް، ކޯޗަކަށް މިއީ އުނދަގޫ ނިންމުމަކަށް ވާނެ. އެންމެ ރަނގަޅު ވާނީ ފުޓުބޯޅަ ކުލަބެއް އިހުތިޔާރު ކުރިއްޔާ."
އެރިކް ޓެން ހޭގްއާ އެކު އަޔެކްސްގެ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރެވެ. އޭނާ ވަނީ 2019 އަދި 2021 ވަނަ އަހަރު އަޔެކްސް އަށް ލީގު ކާމިޔާބު ކޮށްދީ، 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް އެޓީމު ގެންގޮސްދީފަ އެވެ.
ޔުނައިޓެޑުން އެރިކް ޓެން ހޭގްއާ އެކު މަޝްވަރާ ކުރިޔަސް، އެޓީމުން ވަނީ ޔޫރަޕުގެ އެހެން މަޝްހޫރު ކޯޗުން ވެސް އެ މަގާމަށް ގެންނަން ޝޯޓްލިސްޓް ކޮށްފަ އެވެ. އޭގެ ތެރޭގައި ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ސެވިއްޔާގެ ކޯޗު ހުލެން ލޮޕެޓެގީ އަދި ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
29 March 2022
މެންޗެސްޓާ ޔުނައިޓެޑަކީ ފުޓުބޯޅަ ކުލަބަކަށް ވުރެ ބޮޑަށް 'ކޮމާޝަލް ކުލަބެއް' . ހެހެހެހެހެ