މެންޗެސްޓާ (އޭޕްރީލް 19) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް މިރޭ ވިހެއި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފިރިހެން ދަރިފުޅު ވިހެއި އިރު މަރުވެފައިވާ ކަމަށް އޭނާގެ ސޯޝަލް މީޑިއާގައި ހާމަކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރޮނާލްޑޯ، 37، ވަނީ އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް، 28، އެއްމާބަނޑު ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކަށް ބަލިވެ އިންކަން ހާމަކޮށްފަ އެވެ. ފިރިހެން ދަރިފުޅު ވިހެއުމުގެ ތެރޭގައި މަރުވިކަން ހާމަކޮށް ރޮނާލްޑޯ މިރޭ ކުރި ޕޯސްޓުގައި ބުނެފައި ވަނީ މި ހިތާމަވެރި ވަގުތުގައި ކުޑަވެސް އުފާވެރިކަމެއް ލިބެނީ އަންހެން ދަރިފުޅު ސަލާމަތް ކުރެވުމުން ކަމަށެވެ.
"އަހަރެމެންގެ ތުއްތު ދަރިފުޅު މަރުވިކަން އިއުލާނު ކުރަނީ ވަރަށް ފުން ހިތާމަ އާ އެކު. އެއީ އެއްވެސް ބެލެނިވެރިއަކަށް އިހުސާސް ކުރެވޭނެ ވަރަށް ވުރެ ބޮޑު ވޭނެއް. ތުއްތު އަންހެން ދަރިފުޅު ދިރިހުރުމުން އަހަރެމެންނަށް ކޮންމެވެސް ވަރެއްގެ އުންމީދަކާއި އުފާވެރިކަމެއް މި ވަގުތު ލިބެނީ،" ރޮނާލްޑޯ އާއި ޖޯޖީނާއާގެ ނަމުގައި އާއްމުކުރި ޕޯސްޓުގައިވެ އެވެ.
"މި ފުރުސަތުގައި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބުނު އެންމެ ފުރިހަމަ ސަޕޯޓަށް އަހަރެމެން ޝުކުރު އަދާކުރަން. މި ލިބުނު ގެއްލުމުގައި އަހަރެމެން އެންމެން މިތިބީ މާޔޫސް ވެފައި، މި އުނދަގޫ ދަނޑިވަޅުގައި އެދެނީ އަހަރެމެންގެ ޕްރައިވެސީ އަށް އިހުރިރާމް ކުރަން."
ރޮނާލްޑޯގެ އެންމެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ އުފަންވީ ޖޫން 27، 2010 ގަ އެވެ. އެއަށް ފަހު ޖޫން 8، 2017 ގައި ސަރޮގެސީ މެދުވެރިކޮށް ރޮނާލްޑޯ އާއި ޖޯޖީނާ އަށް އެއްމާބަނޑު އަންހެން އަދި ފިރިހެން ކުއްޖަކު ލިބުނެވެ. އަދި އޭގެ ހަތަރު މަސް ފަހުން ނޮވެމްބަރު 12 ގައި ޖޯނީނާ އާއި ރޮނާޅްޑޯ އަށް ދެވަނަ އަންހެން ދަރިއަކު ލިބިފައިވެ އެވެ.