ކުޅިވަރު

މެސީގެ ގޯލާ އެކު ޕީއެސްޖީ އިން ލީގު ޗެމްޕިއަންކަން ހޯދައިފި

މެސީގެ ގޯލަށް ފަހު ޕީއެސްޖީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 24) - ލިއޮނެލް މެސީގެ ހިތްގައިމު ލަނޑާ އެކު ޕީއެސްޖީ އިން 10 ވަނަ ފަހަރަށް ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި ޕީއެސްޖީން ލީގު ޔަގީން ކުރީ ރޭ އަމިއްލަ ދަަނޑުގައި 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުނު އާރުސީ ލެންސް އާ ވާދަކޮށް 1-1 އިން މެޗު އެއްވަރު ކޮށްގެންނެވެ. މެޗަށް ނުކުތް އިރު ވެސް ޕީއެސްޖީ އަށް ލީގު ޔަގީން ކުރަން ބޭނުންވީ އެންމެ ޕޮއިންޓެކެވެ.

މިއާ އެކު ޕީއެސްޖީ ވަނީ 10 ފަހަރު ލީގު ކާމިޔާބުކުރި ސެއިންޓް އެޓިއާނީގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ. އަދި. ޕީއެސްޖީ އަށް ލީގު އެއްވަނަ ލިބެނީ 34 މެޗުން 78 ޕޮއިންޓް ހަމަ ކޮށްގެންނެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތް މާސޭ އަށް ލިބިފައި ވަނީ 62 ޕޮއިންޓެވެ. އާރުސީ ލެންސް އަށް ވެސް ބާކީ ހަތަރު މެޗު އޮތްއިރު އެޓީމު އޮތީ 54 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

ލެންސް އާއި، ލީގު ތިންވަނައިގައި އޮތް މޮނާކޯއާ ދެމެދު ވަނީ އެންމެ ފަސް ޕޮއިންޓުގެ ތަފާތެވެ. މޮނާކޯ ވަނީ ރޭ 10 ފަހަރު ލީގު ޗެމްޕިއަންކަން ހޯދި ސެއިންޓް އެޓިއާނީ އާ ވާދަކޮށް 4-1 އިން މެޗު ކާމިޔާބުކޮށް 59 ޕޮއިންޓް ހޯދައިފަ އެވެ. މިދިޔަ ސީޒަނުގަި ލީގު ޗެމްޕިއަންކަން ހޯދި ލިލް އޮތީ ޓޭބަލްގެ ނުވަ ވަނައިގަ އެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އަދި ދެވަނަ ހާފު ފެށިގެން 12 ވަނަ މިނިޓުގައި ލެންސްގެ ޑީފެންޑަރު ކެވިން ޑެންސޯ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން އެޓީމު ބާކީ ބައި ކުޅުނީ އެކަކު މަދުކޮށެވެ.

މެސީ ލަނޑު ޖެހުމަށް ފަހު ކެޕްޓަން މާކީނިއޯސް އަދި ނޭމާ އާއެކު އުފާފާޅުކުރަނީ.-- ފޮޓޯ އޭއެފްޕީ

ލެންސްގެ ކުޅުންތެރިޔާ އަށް ރަތް ކާޑު ދެއްކިތާ 11 މިނިޓު ފަހުން ޕީއެސްޖީން ލީޑު ނެގީ އޭރިއާ ބޭރުން ސީދާ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން މެސީ ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. މިއީ ފްރާންސް ލީގުގައި މެސީ ޕީއެސްޖީ އަށް ޖަހައިދިން ހަތަރުވަނަ ލަނޑެވެ. އަދި މިއީ އޭނާ ސީނިއާ ކްލަބް ކެރިއަރުގައި ޖެހި 478 ވަނަ ލަނޑެވެ.

މެސީގެ ހަމައެކަނި ލަނޑުން ޕީއެސްޖީން ތިން ޕޮއިްނޓާ އެކު މެޗު ނިންމަން ހިފާފައި ވަނިކޮށް، އެކަކު މަދުކޮށް ކުޅުނު ލެންސް އިން އެއްވަރުކުރީ 88 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ފޯވާޑް ކޮރެންޓިން ޖިއާން އެވެ.

މިއީ މި ސީޒަނުގައި ޕީއެސްޖީއަށް ބަދަލުވެ އަލަށް ފްރާންސް ލީގު ކުޅެން ފެށީ މެސީ އާއި، ސާޖިއޯ ރާމޯސް އާއި އަޝްރަފް ހަކީމީގެ އިރުރުން ޖޯޖީނިއޯ ވައިނާލްޑަމް އަދި ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާ، އާ ކުލަބުގައި ހޯދި ފުރަތަމަ ކާމިޔާބީ އެވެ. ހަމަ އެއާ އެކު މިއީ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ލީގު ތަށި ވެސް މެއެވެ.

ލީގު ނެގިޔަސް ސަޕޯޓަރުން އަދިވެސް ހިތްހަމައެއް ނުޖެހޭ

ފުރަތަމަ ހާފުގައި ނޭމާ އާއި އެމްބާޕޭ އާއި ހަކީމީ އަށް ވެސް ގިނަ ފުރުސަތުތަކެއް ލިބު ވަނީ ބޭކާރު ވެފަ އެވެ. ފަހު ހާފުގައި މެސީގެ ގޯލުން ޕީއެސްޖީން ލީގު ކަށަވަރު ކުރި ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ ފަރާތުން ޓީމަށް ވަނީ މެޗު ތެރޭން ހިތްހަމަނުޖެހުންތަކާއި ފުރައްސާރައާ ކުރިމަތިލާން ޖެހިފަ އެވެ. އަދި ލީގު ޗެމްޕިއަންކަން ލިބުމުން ގިނަ ސަޕޯޓަރުން ވަނީ މެޗަށް ފަހު 10 ވަރަކަށް މިނިޓު ތެރޭ، ކުޅުންތެރިންނާ ވަކިން އުފާފާޅުކުރަން ދަނޑުން ބޭރަށް ނިކުމެފަ އެވެ.

ޕީއެސްޖީގެ ސަޕޯޓަރުން މެޗަށް ފަހު ޓީމު ކުޅުންތެރިންނާ ވަކިން ދަނޑު ބޭރުގައި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ އެޓޭކް މި ސީޒަނުގައި ލީޑު ކުރީ މެސީ އާއި ނޭމާ އަދި ކިލިއަން އެމްބާޕޭ އެވެ. ނަމަވެސް މި ފޯވާޑް ލައިނާ އެކު ވެސް ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑު އަތުން ބަލިވެ ގަދަ 16 އާ ހިސާބުން މުބާރާތުން ކެޓުމާ ގުޅިގެން ކޮންމެ މެޗަކު ވެސް ޕީއެސްޖީގެ ސަޕޯޓަރުން އަންނަނީ މެޗުތަކުގައި ޓީމާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް މެސީ އާއި ނޭމާ އަދި ކޯޗު ޕޮޗެޓީނޯ އަށް ސަޕޯޓަރުން ދަނީ މެޗުތަކުގައި ފުރައްސާރަ ކުރަމުންނެވެ.

މެޗަށް ފަހު ޕީއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ބުނީ ރެއާލް މެޑްރިޑް އަތުން ބަލިވެގެން ސަޕޯޓަރުން ހިތްހަމަ ނުޖެހޭނެކަން ގަބޫލު ކުރާ ކަމަށާއި ނަމަވެސް ކޮންމެވެސް ހިސާބަކުން އެކަން ބާއްވައި ކުރިޔަށް ދާން ވާނެ ކަމަށެވެ. އަދި ކެޕްޓަން މާކީނިއޯސް ބުނީ ލީގު ލިބުމުގެ އުފަލުގައި ކުޅުންތެރިންނާ އެކު ސަޕޯޓާރުން ނެތުމަކީ ލިބޭ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

ކޯޗު ޕޮޗެޓީނޯ ބުނީ، ކުލަބާ މެދު ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތައް ހުރިކަން ގަބޫލު ކުރާ ކަމަށާއި ނަމަވެސް ލީގު ކާމިޔާބުކުރެވުމުން އެކަމަށް އިހުރިތާމް ކުރަން ވާނެ ކަމަށެވެ. އަދި އޭނާ އެދެނީ ވީހާވެސް އަވަހަކަށް ސަޕޯޓާރުންގެ ހިތްހަމަ ނުޖެހުންތައް ފިލައި ދިޔުން ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ޕީއެސްޖީން މި ސީޒަން ނިންމާލަނީ ހަމައެކަނި ލީގު ތަށްޓާ އެކު އެވެ. ޗެމްޕިއަންސް ލީގާއި ފްރާންސް ކަޕުން ވެސް ގަދަ 16 އިން ކެޓި އެވެ. އަދި އަށް އަހަރަށް ފަހު ފްރާންސް ސުޕަ ކަޕުން ވެސް އެޓީމު ވީ ބައްޔެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454