ކުޅިވަރު / ޔޫރޮޕާ ލީގް

46 އަހަރު ފަހުން ފްރޭންކްފާޓުން ވެސްޓް ހޭމް ބަލި ކޮށްފި

ލަންޑަން (އޭޕްރީލް 29) - ޔޫރޮޕާ ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޖަރުމަންގެ އެއިންޓްރެކްޓް ފްރޭންކްފާޓުން ރަށުން ބޭރުގައި 2-1 އިން އިނގިރޭސިވިލާތުގެ ވެސްޓް ހޭމް ޔުނައިޓެޑް ބަލި ކޮށްފި އެވެ.

މީގެ 46 އަހަރު ކުރިން ޔޫއެފާ ކަޕްވިނާސް ކަޕްގެ ނަމުގައި 1976 ވަނަ އަހަރު އޮތް އޭރުގެ ޔޫރޮޕާ ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ވެސް ފްރޭންކްފާޓުން 2-1 އިން ވެސްޓް ހޭމް ބަލިކުރި އެވެ. އެ މެޗް ކުޅުނީ ޖަރުމަނުގަ އެވެ. ވެސްޓް ހޭމުން ވަނީ އިނގިރޭސިވިލާތުގައި ކުޅުނު ދެވަނަ ލެގު 3-1 އިން ކާމިޔާބުކޮށް ފައިނަލަށް ދަތުރު ކޮށްފަ އެވެ.

މިރޭގެ މެޗުގެ ނަތީޖާއާއެކު ވެސްޓް ހޭމް ވެފައި ވަނީ ޔޫރޮޕާ ލީގު ސެމީ ފައިނަލް ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅެ ބަލިވި ތިންވަނަ ޓީމަށެވެ. މީގެ ކުރިން 2013 ވަނައަހަރު ސްވިޒަލެންޑުގެ އެފްސީ ބަސެލް, ޗެލްސީ އަތުން ބަލިވި އެވެ. އޭގެފަހުން ސްޕެއިންގެ ސެލްޓަ ވީގޯ ވަނީ 2017 ވަނަ އަހަރު މެންވެސްޓާ ޔުނައިޓެޑް އަތުން ބަލި ވެފަ އެވެ. ދެ ޓީމު ވެސް ފައިނަލަށް ނުގޮސް ކެޓި އިރު ޗެމްޕިއަންކަން ހޯދީ ޗެލްސީ އާއި ޔުނައިޓެޑެވެ.

ކުއާޓާ ފައިނަލުގައި ބާސެލޯނާ ބަލިކުރި ފްރެންކްފާޓުން ވަނީ ލަންޑަނުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ މިނިޓުގައި ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ރަފައެލް ބޯރޭ ނެގި ހުރަހެއް ވެސްޓް ހޭމްގެ ޑިފެންޑަރު ޕަބްލޯ ފޯނަލްސް ކައިރިން އަރައި މި ލަނޑު އެޓީމަށް ޖަހައިދިނީ އަންސްގާ ކްނައޮފް އެވެ.

ވެސްޓް ހޭމް އަށް އެއްވަރު ކޮށްދިނީ ފޯވާޑް މިޝޭލް އެންޓޯނިއޯ އެވެ. މެޗުގެ 21 ވަނަ މިނިޓުގައި އޭނާ މި ލަނޑު ޖެހީ މެނުއެލް ލަންޒިނީ ނެގި ހިލޭޖެހުމަހުން ކާޓް ޒޫމާ ޖައްސާލި ބޯޅަ ހޯދައި ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ ހަތް މިނިޓު ކުރިން ޖަރޯޑް ބޯވެން އަށް ވަނީ އެއްވަރުކުރަން ހުސް ފުރުސަތެއް ލިބު ބޭކާރު ވެފަ އެވެ. މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ފްރެންކްފާޓްގެ ކީޕަރު ކެވިން ޓްރެޕް ބީޓު ވި ނަމަވެސް ތިރިތިރިން ގޮސް އަމާޒުވީ ގޯލު ދަނޑިއަށެވެ.

ފްރޭންކްފާޓުން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފުގައި، މެޗުގެ 54 ވަނަ މިނިޓުގަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޖަޕާނު މިޑްފީލްޑަރު ޑައިޗީ ކަމާޑާ އެވެ. އޭނާ މި ލަނޑު ޖެހީ، އެޓީމުގެ ސޯ ފޮނުވާލި ހަމަލާއެއް ވެސްޓް ހޭމްގެ ކީޕަރު އަލްފޮންސޭ އެރިއޯލާ ދިފާއު ކުރުނުން ރީބައުންސްވި ބޯޅައިގަ އެވެ.

މެޗުގެ 66 ވަނަ މިނިޓުގައި ކޯޗު ޑޭވިޑް މޮޔެސް ވަނީ އެޓީމުގެ އަލްޖީރިއާ ވިންގާ ސައީދު ބެންރަހްމާ ކުޅެން އަރުވައިފަ އެވެ. އޭނާ ކުޅެން ނުކުތްތާ ދެ މިނިޓުތެރޭ ނުރައްކާތެރި ހަމަލާއެއް އޭނާ ފޮނުވާލި އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. އޭގެ 10 މިނިޓު ފަހުން ފްރޭންކްފާޓްގެ ކަމާޑާ ފޮނުވާލި ބޯޅައެއް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ނަތީޖާ އެއްވަރުކުރަން ވެސްޓް ހޭމްގެ ބޯވެން ވެސް ވަނީ ރީތި އޯވާހެޑް ކިކެއް ފޮނުވާލައިފަ އެވެ. ޑެކްލަން ރައިސް އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ އޯވާހެޑް ކިކަކުން އޭނާގެ ވާތު ފައިން ފޮނުވާލި ނަމަވެސް ހުރަހަކަށް ވީ ގޯލުގެ ހުރަސް ދަނޑި އެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރާ ޖަރުމަނުގެ އާރުބީ ލައިޕްޒިގު ވެސް ވަނީ ސްކޮޓްލެންޑުގެ ރޭންޖާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ކާމިޔާބު ކޮށްފަ އެވެ.

އެންޖެލީނޯ ލައިޕްޒިގް މޮޅު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ލައިޕްޒިގަށް މެޗުގައި މާ ގިނަ ހަމަލާތަކެއް އުފައްދަން ފުރުސަތުތަކެއް ނުލިބުނެވެ. ނަމަވެސް މެޗު ކާމިޔާބުކުރީ މެޗުގެ 85 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެންޖެލީނޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މިއާ އެކު ރޭންޖާސް އަށް ވަނީ އެޓީމު 14 އަހަރު ފަހުން ޔޫރަޕުގެ މުބާރާތެއްގެ ފައިނަލް ކުޅެން ކުރަމުން ދާ އުންމީދު ހަގީގަތަކަށް ހަދަން އަމިއްލަ ދަނޑުގައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ. އެންމެ ފަހުން ރޭންޖާސް ޔޫރަޕުގެ މުބާރާތެއްގެ ފައިނަލުގައި ކުޅުނީ 2008 ވަނަ އަހަރެވެ. އެ އަހަރުގެ ޔޫއެފާ ކަޕްގެ ފައިނަލުގައި ރަޝިއާގެ ޒެނިތާ ދެކޮޅަށް ކުޅެ ރޭންޖާސް ވަނީ 2-0 އިން ބަލި ވެފަ އެވެ.

މި ނަތީޖާ އާއެކު ޔޫރޮޕާ ލީގު ފައިނަލުގައި ޖަރުމަނުގެ ދެ ޓީމު ވާދަކުރުމުގެ ފުރުސަތު ވެސް ވަނީ ބޮޑު ވެފަ އެވެ. ސެމީ ފައިނަލުގެ ދެވަނަ ލެގުގެ މެޗުތައް އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454