ކުޅިވަރު

ޗެންނާއީގެ ކެޕްޓަންކަން އަލުން އެމްއެސް ދޯނީ އަށް

ޖަޑޭޖާ (ކ) އާއި ދޯނީ (ވ). ސީއެސްކޭގެ ދަށް ނަތީޖާތަކާ އެކު، ކުޅުންތެރިއެއްގެ ގޮތުގައި މެޗުތަކަށް ބޮޑަށް ސަމާލުކަން ދޭން ޖަޑޭޖާ ވަނީ އަލުން ޓީމުގެ ކެޕްޓަންކަން ދޯނީ އާ ހަވާލު ކޮށްފައި.--

ޗެންނާއީ (މެއި 1) - އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ގެ އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ސުޕަ ކިންގްސް (ސީއެސްކޭ) ގެ ކެޕްޓަންކަމާ އަލުން މަހިންދްރަ ސިންގް ދޯނީ، 40، ހަވާލު ވެއްޖެ އެވެ.

މިއަހަރުގެ މުބާރާތް ފެށުމުގެ ކުރިން، ސީއެސްކޭ އަށް ހަތަރު ފަހަރު ލީގު ކާމިޔާބު ކޮށްދިން ކެޕްޓަން ދޯނީ ވަނީ ކެޕްޓަންކަމުގެ މަގާމު ދޫކޮށްލައިފަ އެވެ. މިއާ އެކު މި ސީޒަނުގައި އެޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ އޯލްރައުންޑާ ރަވިންދްރަ ޖަޑޭޖާ، 33، އެވެ. އެހެން ނަމަވެސް ލީގުގެ އަށް މެޗަށް ފަހު ޖަޑޭޖާ ވަނީ ކެޕްޓަންކަން ދޫކޮށްލައި، އަލުން އެ ޒިންމާ ދޯނީއާ ހަވާލު ކޮށްފަ އެވެ.

"ރަވިންދްރަ ޖަޑޭޖާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި މެޗުތަކަށް ބޮޑަށް ސަމާލުކަން ދޭން ޓީމުގެ ކެޕްޓަންކަން ދޫކޮށްލަން ނިންމާފައި. އަދި އޭނާ ވަނީ ސީއެސްކޭ ލީޑް ކުރުމަށް އެމްއެސް ދޯނީގެ ކިބައިން އެދިފައި،" ސީއެސްކޭ އިން ނެރުނު ބަޔާނެއްގައި ވެއެވެ.

މީގެ އިތުރުން ޖަޑޭޖާގެ ހުށަހެޅުން ދޯނީ ގަބޫލު ކޮށްފައި ވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ދޯނީ އަކީ އައިޕީއެލްގެ ތާރީހުގައި ވެސް ފާހަގަ ކޮށްލެވޭ މޮޅު ކެޕްޓަނެކެވެ. އޭނާގެ ކެޕްޓަން ކަމުގައި ސީއެސްކޭ 204 މެޗު ކުޅުނު އިރު 121 މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ.

ވޭތުވެދިޔަ ހުރިހާ ސީޒަނެއްގައި ވެސް އައިޕީއެލްގައި ސީއެސްކޭގެ ކެޕްޓަންކަން ކުރީ ދޯނީ އެވެ. ނަމަވެސް އެއީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ފިޔަވަ އެވެ. އެ ދެ އަހަރު ސީއެސްކޭގެ އިތުރުން ރާޖެސްތާން ރޯޔަލްސް އޮތީ ކޮރަޕްޝަންގެ މައްސަލައިގައި މުބާރާތުން ސަސްޕެންޑް ކޮށްފަ އެވެ.

ޖަޑޭޖާގެ ކެޕްޓަންކަމުގައި ސީއެސްކޭ މިއަހަރު ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އިންޑިއާ ގައުމީ ޓީމުގެ ހެޑް ކޯޗު ރަވީ ޝާސްތްރީ ވަނީ މީގެ ކުރިން، ސީއެސްކޭ އިން ޖަޑޭޖާ އަށް ކެޕްޓަންކަން ހަވާލުކުރުމަކީ އެންމެ ރަނގަޅު ނިންމުންތޯ ސުވާލު އުފައްދައިފަ އެވެ. މި ސީޒަނުގައި މިހާތަނަށް ޖަޑޭޖާ އަށް ހެދިފައި ވަނީ އެވްރެޖް 22.40 ގެ ރޭޓުން އެންމެ 112 ލަނޑެވެ. އަދި އޭނާގެ އިކޮނޮމީ ރޭޓް 8.19 ގައި އުޅޭ އިރު، މިހާތަނަށް އޭނާ އަށް ނެގުނީ އެންމެ ފަސް ވިކެޓެވެ.

ސީއެސްކޭ މިއަހަަރު ލީގުގައި މިހާތަނަށް މޮޅު ވެފައި ވަނީ ވެސް އެންމެ ދެ މެޗުންނެވެ. ފުރަތަމަ ހަތަރު މެޗުން ވެސް ވީ ބައްޔެވެ. ފުރަތަމަ މޮޅު ހޯދީ ފަސްވަނަ މެޗުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަތުންނެވެ. ޖެހިގެން އައި މެޗުގައި އަނެއްކާވެސް ނާކާމިޔާބާ ކުރިމަތިލައި، ދެން ކުޅުނު މެޗުގައި ވަނީ މުމްބާއީ އިންޑިއަންސް ބަލި ކޮށްފަ އެވެ. އަދި އެންމެ ފަހުން އެޓީމު ކުޅުނު މެޗުން ވެސް ވަނީ ބަލި ވެފަ އެވެ.

މިއާ އެކު އެ ޓީމު އޮތީ 10 ޓީމު ވާދަކުރާ ލީގުގެ ނުވަ ވަނައިގަ އެވެ. އެންމެ ފުލުގައި އޮތީ ފަސް ފަހަރު އައިޕީއެލް ކާމިޔާބުކުރި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމް މުމްބާއީ އިންޑިއަންސް އެވެ.

މީގެ ކުރިން އައިޕީއެލްގައި އަށް ޓީމު ވާދަކުރި ނަމަވެސް މިއަހަރު ވަނީ އަލަށް އިތުރު ދެ ފްރެންޗައިޒް ކުލަބަށް ޖާގަ ދީފަ އެވެ. މިވަގުތު އެއްވަނައިގައި އޮތީ މުޅިން އަލަށް ވާދަކުރާ ގުޖުރާތު ޓައިޓަންސް އެވެ. ހަ މެޗު ކާމިޔާބު ކޮށްގެން ރާޖެސްތާން ރޯޔަލްސް ދެވަނައިގައި އޮތްއިރު ތިންވަނައިގައި އޮތީ އަލަށް ވާދަކުރާ ލަކްނައު ސުޕަ ޖަޔަންޓްސް އެވެ.

ލީގު ބުރަށް ފަހު، މުބާރާތުގެ ފައިނަލް ބުރަށް ހޮވޭނީ އެންމެ ރަނގަޅު ހަތަރު ޓީމެވެ. ދޯނީގެ ކެޕްޓަން ކަމުގައި ޗެންނާއީގެ ފުރަތަމަ މެޗުގައި މިރޭ ޕޫނޭ ގައި އެޓީމު ނުކުންނާނީ ހަތަރު ވަނައިގައި އޮތް ސަންރައިޒާސް ހައިދަރުއާބާދާ ދެކޮޅަށެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދގދސެފ×

01 May 2022

ދޯނީއަކީ އަސްލު ދިވެއްސެއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454