ޗެންނާއި (މާޗު 28) - ޗެންނާއި ސުޕަ ކިންގްސް (ސީއެސްކޭ) ގެ ލެޖެންޑް މަހެންދުރަ ސިންގް ދޯނީ އަށް، ލީގުގެ ފުރަތަމަ ދެ ހަފްތާގެ މެޗުތައް ގެއްލޭނެ ކަމަށް އެ ޓީމުން ހާމަ ކޮށްފި އެވެ.

ސީއެސްކޭ އިން މިއަދު ނެރުނު އެ ކްލަބްގެ ރަސްމީ ބަޔާނުގައި ބުނެފައި ވަނީ ދޯނީގެ ފައިގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި މިއާ ގުޅިގެން އޭނާއަށް އައިޕީއެލްގެ ފުރަތަމަ ދެ ހަފްތާ ނުކުޅެވޭނެ ކަމަށެވެ.

މިރޭ ފަށާ އައިޕީއެލް (އިންޑިއަން ޕްރިމިއާ ލީގު) ކްރިކެޓް މުބާރާތުގައި، ސީއެސްކޭގެ ފުރަތަމަ މެޗު އޮންނާނީ ހޯމަ ދުވަހު ރާޖަސްތާން ރޯޔަލްސްއާ ދެކޮޅަށެވެ. އެއަށް ފަހު ޕަންޖާބް ކިންގްސް އާއި ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަދި ދިއްލީ ކެޕިޓަލްސްއާ ދެކޮޅަށް އެ ޓީމު ފުރަތަމަ ދެ ހަފްތާ ކުޅޭނެ އެވެ.

ސީއެސްކޭގެ ކެޕްޓަން ރިތުރާޖް ގައިކްވާޑާ އެކު އޯޕަނިންގައި ކުޅޭނީ އެ ޓީމުން މި އަހަރު އަލަށް ގެނައި ސަންޖޫ ސަމްސޮން އެވެ.

ދޯނީގެ ބަދަލުގައި ސީއެސްކޭގެ ވިކެޓް ކީޕަރުގެ އަންގި ލައްވައިގެން ފީލްޑަށް ނުކުންނާނެ ކަމަށް ބެލެވެނީ ވެސް ސަމްސޮން އެވެ. އޭނާގެ އިތުރުން ވިކެޓް ކީޕަރުންގެ ގޮތުގައި ބޭނުން ކުރާނެ އިތުރު ކުޅުންތެރިން ވެސް އެ ޓީމުގައި އެބަ ތިއްބެވެ. އޭގެތެރޭގައި އުރުވިލް ޕަޓޭލް އާއި ޒުވާޏް ކުޅުންތެރިޔާ ކަރްތިކް ޝަރްމާ ހިމެނެ އެވެ.

ސަމްސޮން މި ސީޒަންގައި ސީއެސްކޭއަށް ގެނައީ ރާޖެސްތާން ރޯޔަލްސް އިންނެވެ. އޭގެ ބަދަލުގައި ސީއެސްކޭ އިން ވަނީ ރަވިންދުރަ ޖަޑޭޖާ 14 ކުރޯޑު ރުޕީސް (1.7 މިލިއަން ޑޮލަރު) އަށް ރާޖެސްތާން ރޯޔަލްސް އަށް ފޮނުވާލައިފަ އެވެ. ސީއެސްކޭ އިން ވަނީ ކަރްތިކް ގެންނަން 14.2 ކުރޯޑު ރުޕީސް ހޭދަ ކޮށްފަ އެވެ. މިއީ އައިޕީއެލް ނުކުޅޭ ކުޅުންތެރިއަކަށް ޓީމަކުން މިހާތަނަށް ހޭދަކުރި އެންމެ ބޮޑު އަދަދެވެ.

ދޯނީ ވަނީ މިދިޔަ ސީޒަންގެ އައިޕީއެލްގައި ސީއެސްކޭ އިން ކުޅުނު 14 މެޗުގައި ވެސް ކުޅެފަ އެވެ. މިދިޔަ ސީޒަންގައި އެ ޓީމު ހަތަރު މޮޅާ އެކު ލީގު ތާވަލްގެ ފުލުގައި ނިންމާލި ނަމަވެސް މި ސީޒަންގައި އެޓީމުން ހާލަތު ރަނގަޅު ކުރަން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.