ކުޅިވަރު

ބޭނުމީ މެޗުން މޮޅުވެގެން ޔޫކްރޭން ރައްޔިތުން އުފާކޮށްދޭން: ޒިންޗެންކޯ

ފްލޭއޮފްގައި ސްކޮޓްލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރެސް ގައި ޒިންޗެންކޯ (ކ) އާއި ކޯޗު އޮލެކްސަންޑަ ޕެޓްރަކޯވް (ވ).-- ފޮޓޯ: އޭއެފްޕީ

ގްލާސްގޯ، ސްކޮޓްލެންޑް (ޖޫން 1) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި ޔޫކްރޭނުން ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް، ހަނގުރާމައިގެ ދަނޑިވަޅުގައި ވެސް ގައުމުގެ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭން ބޭނުންވާކަމަށް ޔުކްރޭނުގެ އޮލެކްސަންޑަ ޒިންޗެންކޯ ބުނެފި އެވެ.

ސްކޮޓްލެންޑުގައި މިރޭ ކުޅޭ ޔޫރަޕުގެ ޕްލޭއޮފް "ޕާތު އޭ" ގައި ޔޫކްރޭނާއި ސްކޮޓްލެންޑް ކުޅެ މޮޅުވާ ޓީމެއް، ފައިނަލުގައި ކުޅޭނީ ވޭލްސްއާ އެވެ. ވޭލްސް ވަނީ ސެމީ ފައިނަލް މެޗުގައި 2-1 އިން މާޗު މަހު އޮސްޓްރިއާ ބަލި ކޮށްފަ އެވެ.

މިދިޔަ މާޗް މަހު ކުޅެން އޮތް ޕްލޭއޮފް މެޗު ފަސްކުރަން ޖެހުނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމުރަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފެށުމާ ގުޅިގެން ޔޫކްރޭނަށް މެޗަށް ތައްޔާރު ނުވެވުމުންނެވެ. ރަޝިއާ ވެސް ވޯލްޑް ކަޕް ޕްލޭއޮފްގައި ކުޅެން އޮތް ނަމަވެސް ހަނގުރާމައިގެ ސަބަބުން ފީފާ އިން ވަނީ ރަޝިއާ ގައުމީ ފުޓުބޯޅަ ޓީމު ސަސްޕެންޑް ކޮށްފަ އެވެ.

"ޔޫކްރޭނުގެ އެންމެން ވެސް ބޭނުމީ އެންމެ ކަމެއް؛ ހަނގުރާމަ ހުއްޓާލަން،" އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީ އަށް ކުޅޭ ޒިންޗެންކޯ އަސަރާ އެކު ވާހަކަ ދައްކަމުން ބުންޏެވެ.

ފްލޭއޮފްގައި ސްކޮޓްލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރެސްގައި ޒިންޗެންކޯ ފެންކަޅިވެ އިނދެ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

"ފުޓުބޯޅައިގައި އަހަރެމެންގެ ހުވަފެނެއް ވޯލްޑް ކަޕަށް ކޮލިފައި ވުމަކީ. ޔޫކްރޭނު ރައްޔިތުނަށް އެ އުފާ ހޯދައިދޭން އަހަރެމެން ބޭނުންވޭ."

ޔޫކްރޭން މިހާތަނަށް ފީފާ ވޯލްޑް ކަޕުގައި ކުޅެފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގަ އެވެ. އެ އަހަރު މުބާރާތުން ކެޓީ ޗެމްޕިއަންކަން ހޯދި އިޓަލީ އަތުން ކުއާޓާ ފައިނަލުން ބަލި ވެގެންނެވެ.

ސްކޮޓްލެންޑު ޓީމުގެ ފަރާތުން ލިބުނު މެހެމާންދާރީއަށް ޝުކުރު އަދާ ކުރަމުން ޒިންޗެންކޯ ވަނީ ހަނގުރާމަތައް ހުއްޓުވަން އެންމެން ވެސް އެއްބައިވަންތަކަން އިސްކޮށްގެން ކުރިއަށްދާން ގޮވާލައިފަ އެވެ.

"އަހަރެންނަށް ޔަގީން ދުރުގައި ތިބެގެން ވެސް ޔޫކްރޭނުގެ ހުރިހާ ރައްޔިތުން އަހަރެމެން ކުޅޭތަން ބަލާނެކަން. އެ މީހުންގެ ސަޕޯޓް އަހަރެމެންނަށް އިހުސާސްވާނެ،" ސިޓީއާ އެކު ހަތަރު ފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރި ޒިންޗެންކޯ ބުންޏެވެ.

ޒިންޗެންކޯ މި ސީޒަނުގައި ސިޓީއާ އެކު ޕްރިމިއާ ލީގު ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ ނޮވެމްބަރު މަހު ކޮލިފައިންގައި ބޮސްނިއާ-ހާޒެގޮވިނާ 2-0 އިން ބަލިކުރި މެޗަށް ފަހު ޔޫކްރޭނުން މިހާތަނަށް ބައިނަލްއަގުވާމީ މެޗެއް ކުޅެފައެއް ނުވެ އެވެ. އެ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޒިންޗެންކޯ އެވެ.

ފެބްރުއަރީ މަހު ރަޝިއާ އިން ހަނގުރާމަ ފެށި ފަހުން ޔޫކްރޭން ކުޅެން އޮތް މެޗުތައް ފަސް ކުރި އިރު އެޓީމު ވަނީ ސްލޮވީނިއާގައި ޕްލޭއޮފް މެޗަށް ތައްޔާރުވުންތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ ގައުމުގެ ޝަކްތާ ޑޮނެސްކާއި ޑައިނަމޯ ކިއޭވް ގުޅިގެން މެއި މަހު ބޭއްވި ޗެރިޓީ ޓުއާއެއްގައި ޔޫކްރޭން ގައުމީ ޓީމު ވަނީ ބައިވެރިވެފަ އެވެ.

ޓުއާގައި ގައުމީ ޓީމުން ވަނީ ތިން މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ޖަރުމަންގެ ބުންޑެސްލިގާގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަތުން 2-1 އިން މޮޅުވިއިރު، އިޓަލީގެ އެމްޕޯލީ އަތުން މޮޅުވީ 3-1 އިންނެވެ. އަދި ފަހު މެޗުގައި ކްރޮއޭޝިއާގެ ރިޖޭކާއާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ސްކޮޓްލެންޑުން ވަނީ ކޮލިފައިން މެޗު ފަސްކުރުމުން މާޗް މަހު ޕޮލެންޑާއި އޮސްޓްރިއާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. ޕޮލެންޑާ ދެކޮޅަށް 1-1 އިން އެއްވަރު ވިއިރު، އޮސްޓްރިއާ މެޗު އެއްވަރުވީ 2-2 އިންނެވެ.

ސޮކޮޓްލެންޑާއި ޔޫކްރޭން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 11:45 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454