ޔުނިކް ސްޕޯޓިން އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ބާއްވާ، ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.
"ފައިގަތަޅާ ފޯރި" ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތް އެންމެ ފުރަތަމަ ހާއްސަ ކުރީ ސަރުކާރު އަދި އަމިއްލަ ކުންފުނިތަކާއި އޮފީސް ތަކަށެވެ. އެކަމަކު މުބާރާތުގައި ބައިވެރިވާން ބައެއް އާންމުން ޝައުގުވެރިވާކަން ފާޅު ކުރުމުން ޔުނިކް ސްޕޯޓިން އިންވަނީ އާންމުންނަށް ވަކި ކެޓަގަރީ އެއް ހަމަޖައްސައި އާންމުންނަށް ވެސް ފުރުސަތު ހުޅުވާލައިފަ އެވެ. އެކެޓަގރީގައި ޓީމުތައް ވާދަކުރާނީ ހަމައެކަނި އާންމުންގެ ތެރެއިން ބައިވެރިވާ ޓީމުތަކެވެ.
މުބާރާތުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޔުނިކްސް ސްޕޯޓްސްގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް މެސެޖް ކުރުމަށް އެކުންފުނިން އެދެ އެވެ. އަދި ޓެލެގްރާމް އަދި ވަޓްސްއެޕް މެދުވެރިކޮށް 9998408 / 7388536 އަށް މެސެޖްކޮށްގެން ގެންވެސް ރަޖިސްޓްރީ ވެވޭނެ ކަމަށް ޔުނިކްސް ސްޕޯޓްސްއިން ބުނެ އެވެ.
ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ. ޓީމު ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މިމަހު 15 ވަނަ ދުވަހުގެ މެންދުރު 12 އަށެވެ. ކޮންމެ ޓީމެއްގައި 12 ކުޅުންތެރިން ހިމެނެން ޖެހޭނެ އެވެ.
އަންހެން އަދި ފިރިހެން ބައިގެ މުބާރާތުން ޗެމްޕިއަންކަންކަން ހޯދާ ދެ ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ސޮނީ ސްޕޯޓްސްއިން ދޭ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ.
މިމަހު 22-26 އަށް ހުޅުމާލޭގައި ބާއްވާ މުބާރާތް ކުރިއަށް ގެންދާނީ އެޗްޑީސީ އާއި އާރްޑީސީގެ އެހީތެރިކަމާއެކު އެވެ.