ކުޅިވަރު / ދިވެހި ޕްރިމިއާ ލީގް

މާޒިޔާ އަށް ހުއްޓުމެއް ނެތް، އެންމެ ކުރިގައި ފަރަގު ބޮޑު ކޮށްފި

މާޒިޔާ އަށް ލަނޑު ޖަހައި ދިނުމަށް ފަހު އިބްރާހިމް މަހްދީ ހުސައިން އުފާފާޅު ކުރަނީ: ޓީސީ ބަލިކޮށް މާޒިޔާއިން ވަނީ އެއްވަނައިގައި ފަރަގު ބޮޑުކޮށްފަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

22 ޖޫން 2022 - 23:28

3 comments

މެދުކެނޑުމަކަށް ފަހު ޑޮމެސްޓިކް ސީޒަންގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދިވެހި ޕްރިމިއަ ލީގުގެ ތާވަލުގެ އެއްވަނަ މަގާމު މާޒިޔާއިން ފަރަގު ބޮޑު ކޮށްފި އެވެ.

މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ޑޮމެސްޓިކް ސީޒަންގައި މާޒިޔައިން އެންމެ ފަހުން މެޗަކަށް ނުކުތީ، މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ގްރީން ސްޓްރީޓްސް އާ ދެކޮޅަށް ކުޅުނު މެޗު 4-0 ން ކާމިޔާބު ކުރި އެވެ. އެއަަށް ފަހު މާޒިޔާ އިން ކުރިމަތިލީ މިއަހަރުގެ އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖު މެޗުތަކަށެވެ. އޭއެފްސީ ކަޕްގައި އިންޑިއާގެ ޗެމްޕިއަން ގޯކްލަމް ކެރަލާ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވިޔަސް އަނެއް ދެ މެޗުގައި ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާ ދެކޮޅަށް ކުޅުނު މެޗުތަކުން ބަލިވުމުން މާޒިޔާ އަށް އަނެއް ބުރަކަށް ނުދެވުނެވެ.

މެޗުން މޮޅުވެ މާޒިޔާ ވަނީ 13 މެޗުން 36 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް ކްލަބް އީގަލްސް އަށް ލިބިފައި ވަނީ 31 ޕޮއިންޓެވެ. މިރޭގެ މެޗަށް މާޒިޔާއިން ގެނައި އެންމެ ބޮޑު ބަދަލަކީ، ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމޮޝަންގެ ބަދަލުގައި އިޔާން އަބްދުލް އަލީމް އަށް ފުރުސަތު ދިނުމެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި، މާޒިޔާގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ މެޗުގެ މެޗުގެ އެންމެ ފަހު 10 މިނެޓް ތެރޭގަ އެވެ. އޭގެ ތެރެއިން ދެ ލަނޑު ޖެހީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު ޕެޑްރޯ ޑިމިންގޭޒް (ޓާނާ) ޖެހީ 39 ވަނަ މިނެޓްގައި ކެޕްޓަން އަސަދުﷲ އަބްދުﷲ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޓީސީގެ އޭރިއާގެ ބޭރުގައި ހުރެފައި ހަމްޒާ މުހައްމަދު (ހަމްޕް) ބޯޅަ ދިނީ އޭރިއާ ތެރޭގައި ހުރި އަސަދުﷲ އަށެވެ. އޭނާ ބޯޅަ ފަހަތައް ކޮށްޕާލީ އޭރިއާ ބޭރުގައި ޓާނާ ހުރުމުން އޭނާ އަށެވެ. ޓާނާ ވަނީ އެއްފަހަރުން ޖަހައި އެ ބޯޅަ ގޯލަށް ވައްދައިލައިފަ އެވެ. ބޯޅަ ގޯލަށް ވަނީ ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާންގެ ފައިގައި ޖެހިފަ އެވެ.

ލަނޑުގެ ކުރިން ވެސް މާޒިޔާއިން ގިނަ ފުރުސަތުތަކެއް އުފެއްދި އެވެ. ދެވަނަ ހާފުގައި އެޓީމުގެ ވިންޝެންޝަންގެ ފޯވާޑް ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ކީޕަރާ އެކަނި ވަންޓު ވަން ފުރުސަތުތެއް ވެސް ލިބުނެވެ. ޓީސީގެ ކީޕަރު ލަންކާގެ ސޫޖަން ޕެރޭރާ ވެސް ވަނީ މާޒިޔާއިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ.

އިއްބެ ކުޅެން ނުކުތީ ހަމްޒާގެ ބަދަލުގައި މެޗުގެ 76 ވަނަ މިނެޓްގަ އެވެ. ކުޅެން ނުކުތްތާ ފަސް މިނެޓް ތެރޭ އޭނާ ވަނީ މާޒިޔާ އަށް ނަތީޖާ ފުޅާކޮށް ދީފަ އެވެ. ޓީސީ އެއް ލަނޑުގެ ޑެފިސިޓެއްގައި އޮތުމުން އެ ޓީމުން މަސައްކަތް ކުރީ ކުރިއަށް ޖެހިގެން ހަމަލާ އުފެއްދުމަށެވެ. މާޒިޔާގެ ދެވަނަ ގޯލް ޖަހަން، އުފެއްދި ބިލްޑް އަޕްގައި ޓީސީގެ ކީޕަރު ފިޔަވައި މުޅި ޓީމު އޮތީ މާޒިޔާގެ ހަފާުގެ ތެރޭގަ އެވެ. ޓީސީގެ ކުޅުންތެރިން އަތުން ބޯޅަ ހޯދައި އައިސަމް އިބްރާހިމް (ޓޯނީ) ބޯޅަ ދިނީ ޓީސީގެ ހާފުގެ ތެރޭގައި ހުރި ކޯނޭ އަށެވެ.

އޭނާ ބޯޅަ ހިފައިގެން ބާރު ސްޕީޑްގައި ދިޔައިރު، އިއްބެ ވެސް ބޯޅަ އަށް ހުސްވާން ދިޔަ އެވެ. ކޯނޭ އޭރިއާ ތެރެއަށް ވަނުމުން އޭނާ އަށް ހުރަސް އަޅަން ކީޕަރު ސުޖަން ނުކުތުމުން ކޯނޭ ބޯޅަ ދިނީ ހުސްކޮށް ހުރި އިއްބެ އަށެވެ. އޭނާ ވަނީ ފަސޭހަ ކަމާއެކު މުޅިން ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

އިއްބެގެ ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ. އޭނާ މިފަހަރު ވެސް ލަނޑު ޖެހީ ކޯނޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މާޒިޔާގެ ހާފަުގެ ތެރެއިން ޓީސީގެ ކުޅުންތެރިން އަތުން ބޯޅަ ހޯދައި މާޒިޔާއިން ފެށި ބިލްޑް އަޕްގައި ކޯނޭ އަށް ބޯޅަ ތަނަވަސްކޮށް ދިނީ އައިސަމް އެވެ. ކޯނޭ އަށް ލިބުނު ބޯޅަ އަށް މިފަހަރު ޓީސީގެ ދެ ޑިފެންޑަރުން ކުރިމަތިލި އެވެ. އޭނާ ބޯޅަ ދިނީ އިއްބެ އަށެވެ. އިއްބެ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ. ހަތަރު ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްމި ހަތަރު މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގަ އެވެ. ހުސައިން ނިހާން (ނިހާޓް) އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ކޯނޭ ވަނީ ފަސޭހަ ކަމާއެކު ގޯލަށް ވައްދައިލައިފަ އެވެ.

ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ޓީސީ ނުކުންނާނީ ގްރީން އާ ދެކޮޅަށެވެ. އެ ރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ.

3 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްސެ

23 June 2022

ރާއްޖޭގަ ތިބި އެންމެ މޮޅު ކުޅުންތެރިން ލައިގެން މާޒިއާ އެކުޅެނީ އެހެންވީމަ މިނަތީޖާ މާޒިއާއަށް ހައްގު

The name is already taken The name is available. Register?

މާސޭ / ހުއްރިއްޔާ

23 June 2022

މިވަގުތު އެންމެ ފޯމުގަ އޮތް އަދި އެންމެ ވަރުގަދަ ސްކޮޑް އޮތް ޓީމަކީ މާޒިއާ.

The name is already taken The name is available. Register?

ބޮބްސް

23 June 2022

ބޯޅަ ކުޅޭނެ އެހެން ބަޔަކު ނެތް މިރާއްޖޭގައި. އެހެންވީމަ މާޒިޔާ އަރައިގެންދިޔަޔަސް އަހަރުމެންނަށް ކީއްތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454